Roadha Mihaaru

ވާހަކަ- އަންޖަލް

(އާދިއްތަ ދުވަހާ ގުޅޭ)

ވާހަކަ- އަންޖަލް
ބިންމާ އިބްރާހިމް ވަހީދު
ބިންމާ އިބްރާހިމް ވަހީދު

26 ނޮވެމްބަރ 2025

(އާދިއްތަ ދުވަހާ ގުޅޭ)

"ކާފަ މީހަކު ހޯދާ! އަހަރެން މެރީ ކުރާނަން." އަންޖަލް ބުނެލިއެވެ.

އަންޖަލްގެ އެ ނިންމުމަކީ ހިތުން ރުހުމުން ނިންމި ނިންމުމެއް ނޫނެވެ. ކާފައާއި މާމަ ދިން ލޯތްބާއި ކުލުނަށް ޓަކައި ދޭން ނިންމި ބަދަލެކެވެ. ދެނެއް އެހެން މީހަކު ދެކެ އަންޖަލަކަށް ލޯތްބެއް ނުވެވޭނެއެވެ. ލޯބިވާ ކަމަށް ހެދިގެން އުޅެވިދާނެއެވެ.

"އެކަމަކު ރާއިފު ފެންނަ ދުވަހު، ރާއިފު ގާތަށް އަހަރެން ގެންގޮސްދޭން ވާނެ،" އަންޖަލް އެދުނެވެ. "ކާފަ އެ ކަން ކޮށްދޭން ޖެހޭނީ. އާނއެކޭ ބުނޭ!"

ރާއިފު އަދި ފެންނާނެ ހެއްޔެވެ؟ ނިޒާރު ހިތަށް އެރިއެވެ. އަންޖަލް މީހަކާ އިންނަ ފަހުން ރާއިފު ފެނިއްޖެއްޔާ އޭނަ ގާތަށް އަންޖަލް ގެންދިޔުމަކީ ނިޒާރަށް ކުރެވޭނެ ކަމެއް ނޫނެވެ.

"ވަރަށް އުނދަގޫ ފައްތަރަކަށް ކާފަ ތި ވައްޓާލަނީ،" ވިސްނައިލާފައި ނިޒާރު ބުންޏެވެ. "ރާއިފު އެހާ މުހިންމުވާ ސަބަބެއް ވެސް އޮންނަން ވާނެއްނު ދަރިފުޅާ!"

"އެބަ އޮތޭ ކާފާ!" އަންޖަލް ވަގުތުން ބުންޏެވެ.

އަންޖަލްގެ ގޭގެ ހަތަރު ފާރުން އެތެރޭގައި ހިނގާ ކަންކަން ބަރުގާންއަށް އެނގެއެވެ. އެ ކަމުގެ ތެރެއަށް ގަދަކަމުން ވަދެ، ބަރުގާން ބޭނުންވާ ގޮތްގޮތަށް އަންޖަލްގެ ހިތް އަނބުރައިލުމަކީ ބަރުގާނަށް އެހައި އުނދަގޫ ކަމެއް ވެސް ނޫނެވެ. ނިމޭ އިރު ބަރުގާންއަށް ލިބޭނީ އަންޖަލްގެ ހަށިގަނޑެވެ. ހިތެއް ނޫނެވެ. ނަފުރަތެވެ. ލޯތްބެއް ނޫނެވެ. އެހެން މީހަކަށް ވެގެން އަންޖަލްގެ ހިތުގައި ބަރުގާން ރަސްކަން ކޮށްފިއެވެ. ކުރެވުނީ ހިތްދަތި ތަޖުރިބާއެކެވެ. އަންޖަލް ދޫކޮށްލާފައި އައުމަކުން ވެސް ހިތަކަށް ލުޔެއް ނުލިބުނެވެ. ހީކުރީ އަތީލާއަށް އަންޖަލްއަށް ވިސްނައި ދެވޭނެ ކަމަށެވެ. އެ ކަމެއް ވެސް ނުވިއެވެ. އެހެން ކައިވެންޏެއް އަންޖަލް ކުރިޔަ ދޭންވީ ހެއްޔެވެ؟ ރަށުގެ ބޮޑުދޮރާށި ކައިރީގައި ހުރި ބިޔަ ތަނބެއް މަތީގައި ފޫހަރައިގެން ވިސްނަން ބަރުގާން އިންދައި ޖަންދުލް އައިސް ހަމަ އެ ތަނބަށް ތިރިކޮށްލިއެވެ. ޖަންދުލްއަކީ ބަރުގާންގެ އެކުވެރީންގެ ތެރެއިން އެންމެ ތެދުވެރި އެކަކެވެ.

"އަދި ވެސް ވިސްނަނީ؟" އެ ކިޔާނުންގެ ބަހުރުވައިން ޖަންދުލް އެހިއެވެ.

ބަރުގާންއަކަށް ޖަވާބެއް ނުދެވުނެވެ. ފުން ނޭވައެއް ބޭރު ކޮށްލާފައި އިނީއެވެ.

"ހިނގާ އޭނަ ބަލާ!" ޖަންދުލް އެދުނެވެ.

"އޭރުން ކަމަކު ނުދާނެ." ބަރުގާން ބުންޏެވެ.

"ފިރިމީހާ ގޮސް އޭނަގެ އަނބިމީހާ ގެނައުން ކަމުނުދާންވީ ސަބަބެއް އަހަންނަކަށް ނުވިސްނޭ،" ފުންމައިގެން ތެދުވެފައި ޖަންދުލް ބުންޏެވެ. "ބަތޫރު އެ ކުރާ ކަންތައް ވެސް އަހަންނަކަށް ނުވިސްނޭ! ގަހުތާން ގަބީލާގެ އެންމެނާ ވަކިވަކީން ބައްދަލުކޮށްފި. ގޯސް ވާހަކައެއް ވެސް ނުދައްކާ! އެ ތާ ހުރެފަ އަހަރެން މި އައީ. އަހަންނަށް އެނގޭ އެއްޗަކީ، އޭނަ އެ ދައްކާ ވާހަކައިން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެކަން. ވާހަކައިގަ ހަކުރުލައިގެން އޭނަ ބަޔަކު ހައްލާނެ. މި ރަށުން އަހަރުމެންނަށް ހާދަހާ ނިއުމަތެއް ލިބެން އެބަ ހުއްޓޭ! އަހަރުމެން ހާދަ ނަސީބުގަދައޭ! ތިމަންނާ ކަހަލަ ވެރިޔަކު އަންނަ ދުވަހަކުން ކޮންމެ އާއިލާއަކަށް ބޮޑު ގަނޑުވަރެއް ހުންނާނޭ! ކީކޭ މި ކިޔެނީ؟ ކޮބާ ހީވޭ؟"

ޖަންދުލް އެހެން ބުނުމުން ބަރުގާން ފުރަތަމަ ބަލައިލީ ޖަންދުލްއަށެވެ. ޖަންދުލް ހުރީ ދުރަށް ބަލަހައްޓައިގެންނެވެ. އޭރު، ޖަމާއަތެއްގެ ބަޔަކު، ކަޅު ވިލާގަނޑެއްހެން އެކަތިގަނޑަކަށް އުދުހެމުންދެއެވެ. އެ ދިމާއަށް ބަރުގާން އުދުހިގަތެވެ. ފަހަތުން ޖަންދުލް ވެސް މެއެވެ. އަތީލާގެ ގަނޑުވަރަށް ބަރުގާން ތިރިކުރި އިރު، ގަނޑުވަރުގެ ފާރަވެރީން ތިބީ ގަނޑުވަރު ދިފާއު ކުރަން ތައްޔާރު ވެގެންނެވެ. ސަތޭކަ ފަންސާހަކަށް ޒުވާނުން ގަނޑުވަރަށް ތިރިކުރިއެވެ. ބަރުގާންމެން ތިބީ ދުރުގައި ކުޅިބަލާށެވެ. ރައްޔިތުންނާ ބައްދަލުކުރަން ހަދާފައިވާ ކުޅިބަލާގެ ކަހަލަ ތަނަވަސް މަގާމެއްގައި އަތީލާ ސާބިތުކަމާ އެކުގައި ހުއްޓެވެ. ހިތްހަމަނުޖެހުން ފާޅުކުރި ޒުވާނުންގެ މައިގަނޑު ޝަކުވާއަކީ ވެރިޔަކަށް އަންހެނަކު ހުރުމެވެ. ސީދާ އެހެން ނުބުނި ނަމަވެސް، ދެއްކި ވާހަކައިން ދޭހަވި މާނައަކީ އެއީއެވެ. އަޑުގަދަކޮށްފައި، ހުށައެޅުންތައް ހުށައަޅާފައި އެ ޖަމާއަތް އެކުގައި އުދުހިގެން ދިޔައީއެވެ. އަތީލާ ބަލައިލީ ބަރުގާންއަށެވެ.

ހަނދާ ވައްތަރު، ގުދުރަތީ ދެ ޖިސްމެއްގެ އަލިކަން ފެންގަނޑަށް ފެތުރިފައި އޮތެވެ. އެއީ އޮޔެއް ނެތް، ރާޅެއް ނެތް، ހިމޭން ފެންގަނޑެކެވެ. ފެންގަނޑުގެ ތެރެއިން ކުރިކީލަފުށްތައް ވިދައިބެބުޅިއެވެ. އައްސޭރިފަށުގައި ހުރި ހަނި އެކަމަކު ޝާހީ އުނދޯއްޔެއްގައި އަތީލާ އާއި ބަގުރާން ތިއްބެވެ. ބަރުގާންގެ ދިގު ފިޔަގަނޑު ކިރިޔާ ބިންމަތީގައި ނުޖެހޭ ކަމެވެ. އުނދޯލި އެލުވާފައިވާ ބިޔަ ގަހުގެ ރިހިކުލައިގެ، ހިމަދިގު ފަތްތައް ބިމަށް ފައިބާފައި ހުއްޓެވެ. ހަނދުވަރުގެ އަލި އެޅުމުން ފަތްތަކުގައި ގަދަ ވިދުމެއް ހުއްޓެވެ. ގަހުގެ ގޮފިތަކާއި އަފިތައް ފެތުރިގެން ގޮސް ލޮލުކޮޅަށް އޮބައިފައި އޮތެވެ.

"މި ވެރިކަން ތަރާ އަތުލާނެ،" އަތީލާ ވަރަށް ޔަގީންކަމާ އެކުގައި ބުނެލިއެވެ. "އަހަރެން އަތުގަ ބާރު އެބަ އޮތް. އަހަރެން ބައްޔެއް ވެސް ނުކުރެވޭނެ. އެކަމަކު އެ ހަނގުރާމައިގަ އަހަރެންގެ އެތައް ބަޔަކު މަރުވާނެ. އެހެން ވާކަށް އަހަރެން ބޭނުމެއް ނޫން. ބައްޕަ އަބަދު ވެސް ބުނާނެ، ދަރިފުޅާއޭ ވެރިކަމާ ހެދި ނަމަނަމަ ލޭއޮހޮރުވައިގެން ނުވާނޭ!"

"އަތީލާ ވެސް ކައިވެންޏެއް ކޮށްގެން ދިރިއުޅުމެއް ފަށާބަލަ!" ބަރުގާން ލަފާދިނެވެ. "އޭރުން ފިރިޔާ ވެރިކަން ހަވާލުކޮށްފަ އަތީލާއަށް ވާނުވާ ބެލޭނެ. ބަތޫރުގެ އަނގަ ވެސް ބައްދައިލެވުނީ."

އަތީލާ ދައްކަން ބޭނުންވަނީ އެ ވާހަކައެވެ.

"އިނދެފަ ފިރިޔާ ވެރިކަން ހަވާލު ކުރެވިދާނެ،" އަތީލާ އެއްބަސްވިއެވެ. "ހުރިހާ ޒިންމާތައް ވެސް އޭނަޔާ ހަވާލު ކުރެވިދާނެ. އެކަމަކު އަހަރެންގެ ފިރިއަކީ ތަރާގެ އަޅަކަށް ވެއްޖެއްޔާ ކިހިނެއް ހަދާނީ؟ މިއަދު މި ތަނަށް އައި އެންމެން އެ ތިބީ ތަރާއަށް ވިކިފި. އަހަރެން ކިހިނެއް ވަރަށް ތެދުވެރި، ވަރަށް އިތުބާރު ކުރެވޭ، ހަރުދަނާ ފިރިއަކު ހޯދާނީ؟"

"އެތައް ލައްކަ ބަޔަކު އުޅޭ ތަނެއް މީ،" ބަރުގާން ބުންޏެވެ. "އަތީލާއަށް އިތުބާރު ކުރެވޭ އެކަކު ވެސް ހުރިއްޔާ ނަން ބުނެލާ!"

"ބުނެވިދާނެ،" އަތީލާ ވަރަށް ހިތްވަރު ކޮށްފައި ބުންޏެވެ. "ތީ!"

ބަރުގާން ފުންމައިގެން ތެދުވިއެވެ. ހިތަށް އެރިއެވެ. އަތީލާގެ ވާހަކަ ދިޔަ ދިމާ އަހަންނަށް ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ އަތީލާއަކީ ހަމަ އެކަނި ތިމާގެ ކަމުގެ ނަޒަރުން ބަރުގާން ދުށް ކުއްޖެކެވެ. އެހެން ނަޒަރަކުން ބަލަން ބަރުގާން ހިތަށް ވެސް ނާރާ ކުއްޖެކެވެ. ބަރުގާންގެ މަންޒިލަކީ މުޅީން އެހެން ދިމާއެކެވެ.

"ނަން ބުނާށޭ ބުނީމަ މި ބުނީ،" އަތީލާ ބުންޏެވެ. "ބަރުގާން ނުޖެހޭނެ އަހަންނަށް އެކައްޗެއް ވެސް ކިޔައިދޭކަށް. ބަރުގާން ލޯބިވާ ކުއްޖާޔާ، އިން ކުއްޖާޔާ، ހުރިހާ އެއްޗެއް އަހަންނަށް..."

އެ ހިސާބަށް ބުނެވުނު އިރު ބަރުގާން އުދުހިގެންފިއެވެ. ފިޔަގަނޑުގެ ވައިން، ބިންމަތީގައި ހުރި ފަތްތައް ބުރަބުރައިގެން ދިޔައެވެ. ހީވީ ތަރިތަކެއް ވިދައިލި ހެންނެވެ. ބަރުގާން ދިޔަ ގޮތަށް ދިޔައީ އަންޖަލްގެ ގެއަށެވެ. އެ ވަގުތަކީ އަންޖަލްގެ ގެއަށް ވަރަށް ނުތަނަވަސް ދަނޑިވަޅެކެވެ. އެނދުގައި އަންޖަލް އިށީނދެގެންއިން އިރު، އެއް ފަރާތުގައި ކާފަ އަދި އަނެއް ފަރާތުގައި މާމަ އިނެވެ. ހީވާ ކަހަލައެވެ. ފުރަތަމަ ވާހަކަ ދައްކަންވީ ކާކު ކަމެއް އެކަކަށް ވެސް ނޭނގެއެވެ.

"ދެން ކިހިނެއް އަހަރެން ހަދާނީ؟" އަންޖަލް ވަރަށް ކަންބޮޑުވެފައި ބުންޏެވެ.

"ދަރިފުޅު ތި ބުނާ ގޮތުން ހީވަނީ ތީ ބޮޑު މައްސަލައެއް ހެން،" މުހުސިނާ ބުންޏެވެ. "ބައްޕަ ދުނިޔޭގަ ނެތަސް ތި ދަރިފުޅުގެ ބައްޕައަކީ ރާއިފުއެއްނު. އަހަރުމެން މި ތިބީ ދަރިފުޅު ކައިރީގަ."

އަންޖަލްގެ ކުރިމަތީގައި ބަރުގާން ހުއްޓެވެ. ބަރުގާންއަށް ބަލައިލެވުނީ އަންޖަލްގެ ބަނޑަށެވެ. ބަނޑަކުން އޭރަކު ނޭނގެއެވެ.

"ދަރިފުޅު ވިހާފަ އެހެން ކައިވެންޏެއް ކުރީމަ..." ކެއްސައި ގަތުމުން ނިޒާރު ޖެހުނީ އެ ހިސާބުން ހުއްޓައިލާށެވެ.

ހަގީގަތުގައި ނިޒާރު ހުއްޓުވީ ބަރުގާންއެވެ. އެހެން މީހަކާ އަންޖަލް އިންނާކަށް ބަރުގާން ބޭނުމެއް ނޫނެވެ.

"އަހަރެން އިންނަ މީހާ އަހަރެންގެ ދަރިފުޅު ދެކެ ލޯބި ނުވެއްޖެއްޔާ ކިހިނެއް ހަދާނީ ކާފާ؟" އަންޖަލް ސުވާލުކުރިއެވެ.

އަންޖަލް އެ ސުވާލުކުރި ރާގުން، އެ ތާ ހުންނާކަށް ބަރުގާންއަކަށް ކެތެއްނުވިއެވެ. އެ ވަގުތު އަނެއްކާ ވެސް ބޮޑު ފައުޖެއް އައިސް އަތީލާގެ ގަނޑުވަރު ކައިރިއަށް ތިރިކޮށްލިއެވެ. ކުރިޔަށް ވުރެ އަދަދު ގިނަ، ހަތިޔާރު ވެސް ހުރި ފައުޖެކެވެ. ކުރިން ފިލައިހުރި ބަތޫރު ވެސް ފާޅުގައި އެ ފައުޖުގައި ހުއްޓެވެ. ބަތޫރުގެ ކެތްތެރިކަން ކޮޅުންލީއެވެ. އެންމެ ކުރީގައި ހުރެގެން ގޮތް ކިއީ ވެސް އޭނައެވެ. އެ ތަނަށް ދާން ބަރުގާންގެ ނަފުސު ބަރުގާންއަށް މަޖުބޫރު ކުރިއެވެ.

"މާދަމައަކީ އަހަރުމެން އަޅުވެތިކަމުން ސަލާމަތްވި ދުވަސް،" ބަތޫރު އަޑުހަރުކޮށް ބުނެލިއެވެ. "މި ގައުމު ބޭނުންވަނީ އަންހެނެއްގެ އަޅުވެތިކަމުން މިއަދު ގައުމު މިނިވަންކޮށް، މާދަމާ އާ ފެށުމަކުން ފަށަން. ހިޔާލު ތަނަވަސް، ލޭ ހޫނު، ރައްޔިތުންގެ ވިންދު އަޑު އިވޭ ވެރިޔަކަށް ގައުމު މި އޮތީ ގޮވަގޮވާ! ކީކޭ ބުނަނީ؟"

"އަންހެނަކު ވެރިކަން ކުރުމަކީ އަހަރުމެންގެ ސަގާފަތާ ހިލާފު ކަމެއް،" ބަތޫރުގެ އަޑުގެ ފަހަތުން ފައުޖުގެ އެންމެން އެއް އަޑަކުން ގޮވައިލިއެވެ. "ލަސްވެގެން ނުވަ ދުވަސް ތެރޭގަ އަތީލާ ގޮތެއް ނިންމާ!"

"އަހަރުމެން ބޭނުން ވަނީ ހަމަ މިހާރު އަތީލާ ވެރިކަމުން ފައިބަން،" ބަތޫރު ބުންޏެވެ. "ނުވަ ދުވަސް ކީއްކުރަން ނުވަ ވިންދުގެ މުއްދަތެއް ވެސް ނުދެވޭނެ."

އެއީ ބަތޫރު ބޭނުންވާ ގޮތެވެ. ކިޔާނުންގެ ފައުޖު ތެރޭގައި އެހެން ހިޔާލުތައް ވެސް ހުއްޓެވެ. އަވަސް ކުރަން ހަދައިގެން ބަތޫރު އައީ އެންމެން އެއްގަލަށް ނާރުވައެވެ. ނަތީޖާ ރަނގަޅެއް ނުވިއެވެ.

"އަތީލާއަކީ، އަހަރުމެން ފަހުރުވެރިވާ ޖަދުވާންގެ ދަރިއެއް،" އެކަކު ކުރިޔަށް ޖެހިލާފައި، އޭނަގެ ކަނޑި އުރައިން ދަމައިގެންފައި ބުންޏެވެ. "އޭނައަށްޓަކާ އަހަރުމެން ގުރުބާން ވާން މި ތިބީ ތައްޔާރަށް. އަތީލާ ޖެހޭނީ ކައިވެނި ކުރަން. ފިރިއަކު ހޮވަން ޖެހޭނީ އަހަރުމެންގެ ތެރެއިން. ވެރިކަން ކުރާނީ އޭނަ."

އެ ފަދަ ދުލެއް ދޭކަށް ބަތޫރު ބޭނުމެއް ނޫނެވެ. ބަތޫރު ބޭނުންވަނީ އެ ތަނުންއެތަނަށް ވެރިކަން ބަތޫރުއާ ހަވާލުކުރާށެވެ. އެހެނަސް، އަތީލާ ބިރުގަންނަވައިލަން އައި ފައުޖުގެ ރުހުން ބަތޫރަށް ވަރަށް މުހިންމެވެ.

"ސުވާލަކީ ކާކާހޭ އަތީލާ އިންނަން ބޭނުމީ؟ އޭނަ ކޮބާހޭ؟" ބަތޫރު އެހެން ބުނީ، އެންމެންގެ ކުރިމަތީގައި ޖަވާބު ދޭން އަތީލާއަށް މަޖުބޫރު ކުރާށެވެ.

"މިހިރީ އޭނަ!" ބަރުގާންގެ އަޑުން މުޅި ތަން ގުގުމާލައިފައި، އަތީލާގެ ކުރިމައްޗަށް ބަރުގާން ތިރިކޮށްލި އިރު ހީވަނީ ބޮޑު ބާޒެއް އައިސް ތިރިކޮށްލި ހެންނެވެ. "އަހަރެންގެ ނަމަކީ ބަރުގާން." (ނުނިމޭ)