(އާދިއްތަ ދުވަހާ ގުޅޭ)
03 ޑިސެމްބަރ 2025
(އާދިއްތަ ދުވަހާ ގުޅޭ)
ބަރުގާންގެ ދޫ ހަރަކާތެއް ނުކުރިއެވެ. މަންޒަރު ބަލަން ތިބި އެކި މޫނުތަކުން ފެނުނީ އެކި އިހުސާސްއެވެ. އަންޖަލްގެ މޫނުމަތިން ނުތަނަވަސްކަން ފެނުނު އިރު، ގިނަ މޫނުތަކުން ފެނުނީ ހައިރާންކަމެވެ. ބަތޫރު ވީ އުފަލެވެ. އަތީލާ ހުރީ ދެރަވާން ވެސް ނޭނގިފައެވެ. އެންމެ ފަހު ވަގުތު ބަރުގާން ގަނޑުވެދާނެހެން އަތީލާއަށް ހީވިއެވެ. ވަގުތު ވެސް އެ ހިސާބުން ހުއްޓުނު ކަހަލައެވެ. މެއްސެއްމަދިރިއަކަށް ވެސް އިން ތަނުން ގުޑައިލާކަށް ނުކެރުނެވެ.
"ބަރުގާން!" އަންޖަލް ވާހަކަ ދެއްކީ ހިތުންނެވެ.
އަންޖަލްއާ ދިމާއަށް ބަރުގާން ބަލައިލިއެވެ.
"އިންނަން ބޭނުން ނޫނިއްޔާ ކީއްކުރަން އެއްބަސްވީ؟" އަންޖަލް އެހިއެވެ. "ކޮބާ މައްސަލައަކީ؟"
މައްސަލައަކީ ތީއޭ ބަރުގާންއަށް ބުނެވުނީހެވެ. ލޯބިވެ ވޭނީ އެކަކު ދެކެ އެއްފަހަރުއޭ ބުނި ހަނދާންވޭހޭ ވެސް އެހުނީހެވެ. އެހައި ހިތްވަރު ހުރި ނަމައެވެ.
"ބުނެބަލަ އާނއެކޭ!" އަންޖަލް އެދުނެވެ. "ކީއްވެ ތި ހުންނަނީ؟"
"އަންޖޫއަށް ހެޔޮ؟" ބަރުގާންއަށް އެހުނެވެ.
"ކީއްވެތަ އަހަންނަށް ހެޔޮނުވާންވީ؟ އަޖައިބެއް!" އަންޖަލް ބުންޏެވެ. "އެންމެން ތެރޭގަ އަތީލާ ފަލީހަތް ކޮށްލަންތަ ތި އުޅެނީ؟ އިންނާނަމޭ ކިޔާފަ، އެންމެން މި ތަނަށް ގެނެއްސަ ނީންނަން ތި އުޅެނީ ކީއްވެ؟"
"ލޯބި ނުވާތީ!" ދެން ވެސް ބަރުގާން ވާހަކަ ދެއްކީ އަންޖަލްއަށް އެކަނި އިވޭ ގޮތަށެވެ.
"ލޯބިވީމަ ކީއްތަ ވަނީ؟" އަންޖަލް ސުވާލުކުރިއެވެ. "އަހަރެން ވެސް ލޯބިވިން. ނުލާހިކު ލޯބިން އިނީ. އެކަމަކު ހަމަ ދާންވީމަ އޭނަ ވެސް ދިޔައީނު."
އަހަންނެއް ނުދަމެވެ. މިހިރީ ކުރިމަތީގައެވެ. އަހަރެންގެ ލޮލަކުން އަންޖޫއަކަށް ލޯތްބެއް ނުފެނޭ ހެއްޔެވެ؟ އަހަރެންގެ ހިތް އަޑުންއަޑުނަގާފައި ގޮވާ އަޑެއް ނީވޭ ހެއްޔެވެ؟ ބަރުގާން ބުނަން ބޭނުންވަނީ އެހެންނެވެ.
"ކޮންމެ މީހަކު ވެސް ވަރަށް ފޮނިކަނޑާނެ،" އަންޖަލް ބުންޏެވެ. "ދެން ދައްކާނީ ހުވަފެން. ހެތްކެއް ނުދެއްކޭނެ. ބަރުގާން ބުނަމެއްނު އަހަރެން ދެކެ ލޯބިވެޔޭ ދޯ؟ އަތީލާޔާ އިނދޭ! އަހަރެން ބުނީތީ. ކެރޭނެތަ؟"
އަތީލާ އާއި ބަރުގާންގެ ކައިވެނީގެ ސިއްކަ ޖެހުނީ އެ ހިސާބުންނެވެ. އިތުރު ސުވާލެއް ނެތި ބަރުގާން އެއްބަސްވީއެވެ. މުޅި މާހައުލު ތަހުނިޔާއިން ގުގުމައިލިއެވެ. އެކި ކުލަކުލައިން ޖައްވު ދިއްލައިލިއެވެ. އަތްތިލަބަޑިޖެހުމެއް ނޯވެއެވެ. އިވެނީ އެއް ހަމައަކަށް ކިޔޭ ނާނާއެއްގެ އަޑެވެ. ކަންފަތަށް ފަސޭހަ މަޑުމަޑު ރާގެކެވެ. އެ އަޑަށް އަންޖަލްގެ ބަނޑުތެރޭގައި ހަރަކާތްތަކެއް ހިނގިއެވެ. ބުނަން ނޭނގޭ ކަހަލަ ތޮޅުންތަކަކާއި ހިރުންތަކެކެވެ. ކައިވެނީގެ ރަސްމިއްޔާތުގައި ބޮޑު ޖާފަތަކާއި އެކި ކަހަލަ ކުޅިވަރުތައް އޮތެވެ. އެހެނަސް އަންޖަލް ގެއްލިގެން ކާފަ އާއި މާމަ އުޅެން ފެށުމުން، ހަފުލާ ކުރުކޮށްލާފައި އަންޖަލް ޖެހުނީ ގެއަށް އަންނާށެވެ. އަންޖަލްގެ ދުނިޔެއަށް އެއީ އިރާދަމުގެ ވަގުތެވެ. ގަޑިން ރޭގަނޑު އަށެއް ޖަހަނީއެވެ.
"ކޮން ތާކުން ތި އައީ؟" މުހުސިނާ އެހިއެވެ. "ތި ފޯނަށް ގުޅާގުޅާ!"
"މާމާ! ފޯނު އޮންނާނީ ބާލީސް ދަށުގައޭ!" އަންޖަލް ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ.
އެ ވަގުތު ސޯފާގައި އިން މީހަކު އަންޖަލްގެ ލޮލުގައި އަޅައިގަތެވެ. އޭނަޔާ ދިމާއަށް ބަލައިލެވުނެވެ. އޭނަ މަޑުމަޑުން ތެދުވިއެވެ. ދެކިފަރިތަ ގޮތެއް އެ މޫނުގައި ހުރި ނަމަވެސް އެއީ އަންޖަލް ކުރިން ދުށް މީހެއް ނޫނެވެ. އަންޖަލް ލަފާކުރި ގޮތުގައި އަންޖަލްއަށް ވުރެ އޭނަ ދޮށިވާނެއެވެ.
"ތީ ކާކު؟" އަންޖަލް އެހިއެވެ.
"އައްސަލާމް އަލައިކުމް! ތާމިރު!" ސަލާން ކުރަން އަތް ދިއްކޮށްލަމުން އޭނަ ބުންޏެވެ. "އިބްރާހީމް ތާމިރު. ގިނަ މީހުން ކިޔާނީ މުއްރު!"
އަންޖަލް ސަލާންކުރާ ހިތެއް ނުވިއެވެ. ސަލާން ބަލައިގެންފައި ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
"މަޑުކޮށްބަލަ!" މުހުސިނާ ބުންޏެވެ. "ކޮން ތާކަށް ތި ދަނީ؟ އިށީނދެބަލަ! ދަރިފުޅާ ބައްދަލުކޮށްލާށޭ ތާމިރު އެ އައީ. ކާފަ ވެސް އެބަ އާދޭ!"
"އޭނަ ނުހިފާއްޓާ!" ތާމިރު އެދުނެވެ. "ތަންކޮޅެއް ގިނައިން މި ގެއަށް އަންނާނަމޭ! ދިމާވާނެއްނު! ދޯ އަންޖޫ!"
ތާމިރުގެ އެ ސިފަ އަންޖަލްއަށް ކަމުދިޔައެވެ. ހިނިތުންވެލުމަކުން ޝުކުރު އަދާކޮށްފައި އަންޖަލް ގޮސް ކޮޓަރިއަށް ވަނެވެ. ތާމިރުއަކީ ކާކުކަން ނޭނގުނު ނަމަވެސް، އޭނަ އައީ ކީއްކުރަންކަން އަންޖަލްއަށް ވިސްނުނެވެ. ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެލި ވަގުތު މީހަކު ހުރި ހެން ހީވެގެން ބަލައިލި އިރު ފެނުނީ ބަރުގާންއެވެ.
"މީނަ ދޯ؟" އަންޖަލް ބުނެލިއެވެ. "އަންހެނުން ދޫކޮށްލާފަ ކީއްކުރަން މި ތަނަށް ތި އައީ؟"
"ހުއްދަ ހޯދައިގެން މި އައީ،" ބަރުގާން ބުންޏެވެ. "އެކަމަކު މީހަކާ އިނީމަ އަހަންނާ ވާހަކަ ދައްކަން އަންޖޫއަށް ހުއްދަ ނުލިބިދާނެތާ ދޯ؟ އޭނައަކީ ކޮން ކަހަލަ މީހެއްކަން އަންޖޫއަށް އެނގޭތަ؟"
"ނޭނގޭ!" މާ ބޮޑު ޝައުގުވެރިކަމެއް ނެތް ރާގެއްގައި އަންޖަލް ބުނެލިއެވެ. "އަންނާނަން ފާހަނައަށް ވަދެފަ. ނުވަންނާތި!"
ބަރުގާން ލާނެތް ގޮތަކަށް ހީނލާފައި ގެއްލުނެވެ.
"ބޭނުންތަ އޭނައަކީ ކާކުތޯ ބަލަން؟" އަންޖަލްއަށް އިވެނީ ބަރުގާންގެ އަޑެވެ.
"ކީއްވެތަ ނަން ކިޔަން ނުކެރިގެން ތި އުޅެނީ؟" ފާހާނަ މަތީ އިށީންނަމުން އަންޖަލް ބުންޏެވެ. "އޭނައަށް ކިޔަނީ ތާމިރު. އުހުނ! މުއްރު! އެ ވަރު ފުދޭނެ. މާމަކާފައަށް ކޮށްދޭ ކަމަކޭ އެއީ."
"އަންޖޫއަށް އޭނަ ކަމުދޭ؟" ބަރުގާން އެހިއެވެ.
"އޯކޭ ދެން!" އަންޖަލް ބުންޏެވެ. "މިހާރު ކޮން ތާކު ބަރުގާން ތިހިރީ؟"
"ކޮން ތާކު ހުންނަންވީ؟" ބަރުގާންގެ އަޑު އިވުނީ އަންޖަލްގެ ކަންފަތާ ވަރަށް ގާތުންނެވެ.
ގައިން ހީބިހިނަގައިގެންދިޔަ ވަގުތު އަންޖަލްއަށް ތެޅިގަނެވުނެވެ. ޖަހަން ވެގެން އަތްހޫރައި ވެސް ލެވުނެވެ. ހީވީ މަދިރިއެއް ފައްސައިލަން އުޅުނު ހެންނެވެ.
"ދާން އުޅޭ!" މަޑުމަޑުން އަންޖަލް ބުންޏެވެ.
"އެންމެ ވާހަކައެއް ބުނެލަން އަސްލު މި އައީ،" ހީނގެންފައި ބަރުގާން ބުންޏެވެ. "އިންނަން ތި އުޅެނީނު މީހެއް ދޯ؟ ދިހަ އަހަރު ދޮށްޓަސް، މުއްސަނދި މީހެއް އެއީ. އަންޖޫ ބޭނުން ހުރިހާ އުފަލެއް އޭނަ ހޯދައިދޭނެ. އެއީ ޔަގީންކަމެއް. ސުވާލަކީ އޭނަ ކީއްވެގެންހޭ އަންޖޫއާ އިންނަން އެ އުޅެނީ؟ އަހަރެން ބުނަންތަ؟ އޭނަ އެ އުޅެނީ..."
"އިހަށް ނުބުނޭ!" އަންޖަލް އެދުނެވެ. "އަހަރެން ބޭނުން އޭނަ ޓެސްޓު ކޮށްލަން."
އަންޖަލް ނޫސްތައް ބަލައެވެ. ރާއިފުއަށް އިންތިޒާރުކުރިއެވެ. އޭނަގެ އެއްވެސް ޚަބަރެއް ނުވިއެވެ. އެހެނަސް ތާމިރު އާއި އަންޖަލްގެ އެކުވެރިކަން ދިޔައީ ބަދަހިވަމުންނެވެ. އަންޖަލްގެ ކެއުމަށާއި ދަރިފުޅުގެ ސިއްހަތަށް ތާމިރު ހާއްސަ ސަމާލުކަމެއް ދިނެވެ. ބައެއް ފަހަރު އަންޖަލްއަށް ހީވެއެވެ. އަންޖަލްއަށް ލިބެން އުޅޭ ދަރިފުޅުގެ ބައްޕައަކީ ތާމިރެވެ. އަންޖަލްގެ ޑަކުޓަރު މިވާދުތަކާއި ހަދަންޖެހޭ ޓެސްޓުތަކާއި ގަންނަންޖެހޭ އެކި ކަހަލަ ސާމާނުތައް އެންމެ ރަނގަޅަށް ހަނދާން ހުންނަނީ ތާމިރެވެ. ހުރިހާ ރިޕޯޓުތައް ލާފައިވާ ފައިލު އޮންނަނީ ތާމިރު އަތުގައެވެ. އެއިން ކަމަކަށް އަންޖަލް ވިސްނާކަށް ނުޖެހެއެވެ. އަންޖަލް އާއި އަންޖަލްގެ އާއިލާ ދެކެނީ އެއީ ނަސީބެއް ކަމުގައެވެ. ކަން އޮންނަން ޖެހޭ އެންމެ ރަނގަޅު ގޮތް ކަމުގައެވެ. ކައިވެނީގެ ކުރިން އެހައި ޒިންމާދާރު މީހަކު، ކައިވެނީގެ ފަހުން އަދި މާ ޒިންމާދާރު ވާނެއެވެ.
ބަރުގާން ކުރި ސުވާލުގެ ޖަވާބެއް އަންޖަލްއަކަށް ނުލިބެއެވެ. ތާމިރު އެ ކަހަލަ އެއްވެސް ވާހަކައެއް ނުދައްކައެވެ. އެ ސުވާލު ކުރަން އަންޖަލްއަކަށް ރަނގަޅު ދަނޑިވަޅެއް ވެސް ނުލިބެއެވެ. ތާމިރު ހެވީ ހަމަ އެކަނި އަންޖަލްއަކަށް ނޫނެވެ. އަންޖަލްގެ ކޮއްކޮމެންނާއި މާމަކާފައަށް ވެސް އިންތިހާއަށް ހެވެވެ. އެ ދެމަފިރިން ހައްޖަށް ފޮނުވާ ވާހަކަ ދައްކާފައި، ދުވަސް ކައިރި ނުވާތީ އުމްރާއަކަށް ވެސް ފައިސާ ދެއްކިއެވެ. އެއީ ވެސް ޝައްކެއް ކުރަންޖެހޭ ކަމެއް ނޫނެވެ. އެންމެން ވެސް ކުރީ ޝުކުރެވެ.
ތާމިރު ވަރަށް އަވަސް އަވަހަށް ރާއްޖެއިން ބޭރަށް ދެއެވެ. ވިޔަފާރިވެރިން އެކި ގައުމުތަކަށް ދަތުރުތައް ކުރާނެއެވެ. އެއީ ނިތްކުރިއަށް ރޫއަރާ ވަރަށް ފިކުރު ކުރަންޖެހޭ ކަމެއް ނޫނެވެ. ކޮންމެ ގައުމަކަށް ދިޔަސް، އެންމެނަށް ހަދިޔާ ގެނެއެވެ. އަންޖަލްއަށާއި ނިޒާރުއަށް ގުޅައި، ގެންނަންވީ ކޯޗެއްތޯ ވެސް އޮޅުންފިލުވައެވެ. އެއްޗެއް ނުބުނެފިއްޔާ ގެންނަނީ ސެންޓާއި އަންނައުނެވެ. އެންމެ ފެންވަރު ރަނގަޅު އެއްޗިއްސެވެ. އަންޖަލްއާ އިނދެވޭތީ އެ ފަދަ ކަންކަން ކުރަންޖެހޭ ހެއްޔެވެ؟ އެ ސުވާލު ކުރާނެ މީހަކު ނެތެވެ.
މާލޭގައި ތާމިރު އުޅޭ ނަމަ، ކޮންމެ ރެޔަކު އަންޖަލްއާ ބައްދަލުކުރަން އާދެއެވެ. ބައެއް ރޭރޭ، އެންމެން ގޮވައިގެން ކޮންމެވެސް ރެސްޓޯރަންޓަކަށް ކާންދެއެވެ. އާދައިގެ ތަންތަނަކަށް ނޫނެވެ. މާލޭގައި ހުރި އެންމެ ފެންވަރު ރަނގަޅު، އެންމެ އަގުބޮޑު ތަންތަނަށެވެ. އެ ގޮތަށް ގޮސް އުޅޭ އިރު ވެސް، އަންޖަލްއަށް ތާމިރު ދެނީ އަޅައިގަންނަ ވަރުގެ ސަމާލުކަމެކެވެ. މޭޒުގެ އަނެއް ކޮޅުގައި އިނދެފައި ވެސް އަންޖަލްއަށް އެއްޗެހި އަޅައިދޭން އާދެއެވެ. ބައެއް ފަހަރު މުހުސިނާގެ ބޮލަށް އުނދަގޫ ވެއެވެ. އެހެނަސް މުހުސިނާގެ މޫނުމަތިން ދައްކަނީ އުފާވެރިކަމެވެ. ދަރިފުޅު ދެކެ އެހައި ލޯބިވާ މީހަކު ލިބުމުން އުފާ ނުވާނީ ކޮން މާމައެއް ހެއްޔެވެ؟
އަންޖަލްގެ ގައިން ވަރުދެރަވެ، އަވަހަށް ވަރުބަލިވާން ފެށިއެވެ. ބޮލުގަ ރިއްސައި، ބޯއަނބުރަން ފެށިއެވެ. ކަންބޮޑުވާންޖެހޭ މިންވަރަކަށް ނޫނެވެ. ވީމާ، އެކަކު ވެސް އެ ކަން ބޮޑުކަމަކަށް ނަހަދައެވެ. މާބަނޑުވުމުން އެކި މީހުން އެކި ކަހަލަ އާދަޔާ ހިލާފު އެއްޗެހި ކައެވެ. އަންޖަލް ކާ ހިތްވީ ގަނޑުފެނެވެ. ތާމިރަށް އެ މަންޒަރު ފެނުނު ފަހަރު އެ ކަން ލުއިކޮށެއް ނުނެގިއެވެ. ޑަކުޓަރަށް ދައްކަން ދާން ޖެހުނެވެ.
ޑަކުޓަރު ބުނި ގޮތުގައި އަންޖަލްގެ ގައިން ދަގަނޑު މަދުވަނީއެވެ. އެއީ މާބަނޑު އިރު ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ހާސްވާންޖެހޭ ވަރުގެ ކަމެއް ނޫނެވެ. އެ ކަން ހައްލުކުރުމަށް ޓަކައި ކުކުޅާއި މުގާއި އަދި ވެސް ބައެއް ކާނާތަކަށް އިސްކަންދިނުމަށް އެދުނެވެ. ވަކި ވިޓަމިނެއް ވެސް ދިނެވެ. އެ ދުވަހު ގެއަށް އައިސްއަލަމާރިއެއް ގެނެސް، އަންޖަލްއަށް ހާއްސަ ކާނާއިން އެ އައިސްއަލަމާރި ބަރާކޮށްލިއެވެ. ގޭގައި ހުރި އައިސްއަލަމާރި ކުޑައީކީ ނޫނެވެ. އޭގައި ތަން ނެތީކީ ވެސް ނޫނެވެ. އެއްބަޔަކު އެ ކަމާ އުފާވިއެވެ. އަންޖަލް ކަންބޮޑުވާން ފެށިއެވެ. ތާމިރުއާ ނުވެސް އިންނަނީސް، ތާމިރުއާ އެއްވެސް ގުޅުމެއް ނެތް ކުއްޖަކު ދެކެ އޭނަ އެހައި ލޯބިވަނީ ކީއްވެގެން ހެއްޔެވެ؟
އަންޖަލް ވިޓަމިން ކާ ވަގުތު، ވަރަށް ގިނަ ފަހަރަށް ދިމާވަނީ ތާމިރު ގޭގައި އިންނަ ވަގުތަކާއެވެ. އެއްދުވަހު، ބޭސްތައް އަޅާފައި ހުންނަ ފޮށި ހުޅުވައިލި އިރު، ވިޓަމިން ހުރީ ހުސްވެފައެވެ. އޭރު ތާމިރު އިނީ ކުރިމަތީގައެވެ. (ނުނިމޭ)