(ބުދަ ދުވަހާ ގުޅޭ)
30 ނޮވެމްބަރ 2025
(ބުދަ ދުވަހާ ގުޅޭ)
"އަހަރެންގެ ނަމަކީ ބަރުގާން." ބަރުގާން ބުންޏެވެ.
ބަރުގާންއަކީ އާއިލީ ގޮތުން އަތީލާއާ ގުޅުމެއް އޮންނަ ކިޔާނެކެވެ. އެހެނަސް އެއީ އެއްބަނޑުއެއްބަފާކަމުގެ ގުޅުމެއް ނޫނެވެ. އަތީލާގެ ބޮޑުބޭބެގެ ހައިސިއްޔަތުން ބަތޫރުއަށް އެ ހުރިހައި ކަމެއް އެނގެއެވެ. އިންނަން ބޭނުން ނަމަ އަތީލާއަށް ބަރުގާންއާ އިނދެވޭނެއެވެ. މައްސަލައަކީ ބަރުގާންއާ ބަތޫރުގެ މެދުގައި އޮތް ޒާތީ ހަސަދަވެރިކަމެވެ. މައްސަލައަކީ އަތީލާ އާއި އަތީލާގެ އާއިލާއަށް ބަރުގާން ދޭ އިތުބާރާއި ކުރާ އިހުތިރާމެވެ. ކުރީން ވެސް އެއްފަހަރު ބަތޫރުގެ މަގަށް ބަރުގާން ހުރަސް އަޅައިފިއެވެ. އެއީ ބަތޫރުގެ ވަކިތަކުގެ ދަށުން ރާއިފު ސަލާމަތް ކޮށްގެން ގެންދިޔަ ފަހަރެވެ. އަނެއްކާ ވެސް ބަތޫރުއަށް ލިބެން އޮތް އުފަލަކަށް ބަރުގާން ހުރަސް އެޅީއެވެ. އެހެން ކޮންމެ ކިޔާނެއްގެ ވަފާތެރިކަން ވެސް ބަތޫރަށް ގަނެވިދާނެއެވެ. ބަރުގާންއެއް ނުގަނެވޭނެއެވެ.
"ކަލޭމެންނަކަށް ނީނދެވޭނެ،" ބަރުގާންއަށް ބަލަހައްޓައިގެން އެތައް އިރަކު ހުރެފައި ބަތޫރު ބުންޏެވެ. "ތި ކައިވެނި ހަރާން ވާނެ."
އަތީލާ އެއްޗެއް ބުނާނެ ކަމަށް ބަރުގާން އުންމީދު ކުރިއެވެ. ދޭންވީ ޖަވާބު އަތީލާއަށް ނޭނގެނީކީ ނޫނެވެ. ބޮޑުބޭބެއާ ޒުވާބު ކުރަން ބޭނުން ނުވީއެވެ. ބަތޫރު ހީކުރީ އެއީ ކާމިޔާބެއް ކަމަށެވެ. ފަތުރައިލި މަކަރުވެރި މަޅީގައި އަތީލާ ޖެހުމުން، ކެހިވެރި ގޮތަކަށް ބަތޫރު ހިނިތުންވެލިއެވެ.
"ވެރިކަމުގެ ދަހިވެތިކަމުގަ ކަލޭ ނުކުރާކަށް ކަމެއް ނެތް،" ބަތޫރު ގާތަށް ޖެހިލަމުން ބަރުގާން ބުންޏެވެ.
"ރަސްމީ ގޮތުން ކަލެއަށް ބޮޑުބޭބެ ކިޔަން ޖެހުނީމަ، ހުންނާނެ ނުދެއްކޭ ކަހަލަ ވާހަކަ. އެކަމަކު ބުނެވެން އޮތް ދުވަހު ބުނެލާނަން. ކަލޭ ކުރި ހަލާލު އެންމެ ކަމެއް އަހަންނަށް ބުނެދީބަލަ!"
ބަތޫރު ރުޅި އައިސްގެން ތުރުތުރު އަޅައިގަތެވެ. އޭނަ ހިފަހައްޓައިގެން ހުރީ، ރިހިން ގިރިޓީ ކޮށްފައިވާ، ހައިބަތު ހުރި ޕުލްވާރު ކަނޑިއެކެވެ. ދިމިސްގު މައުދަނުން ތައްޔާރު ކޮށްފައިވާ އެ ކަނޑިއަކީ، އަށާރަ އާއި ނަވާރަވަނަ ގަރުނުގައި ޕުސްތޫ ހަނގުރާމަވެރިން އެ މީހުންގެ ވަރުގަދަ ކަމާއި ގަދަރުވެރިކަމުގެ ރަމުޒެއްގެ ގޮތުގައި ބޭނުންކުރި އޮފު ގަދަ ކަނޑިއެކެވެ. ކަނޑީގެ ތިލައިގައި، ހޮޅި ލައި މުގުރަމުން އަންނަ ރާޅެއްގެ ބައްޓަމަށް ކުރެހުންގަނޑެއް އަޅާފައި ހުރެއެވެ. ކުޅަދާނަ އަސްވާރަކަށް މެނުވީ އެ ކަނޑި މަޅައި، ހޫރައެއް ނެހެދޭނެއެވެ. ބަރުވެފައި ދިގުވީމައެވެ. ހަޔާތުގަ ފުރަތަމަ ފަހަރަށް ބަތޫރު އަތުން އެ ކަނޑި ދޫވެގެން ވެއްޓުނެވެ. މުށު ތެރޭގައި ކަނޑީގެ މުއްގަނޑު ހިފޭއްޓޭ ވަރަށް ވުރެ އަތްތިލައިގެ ހަކަތަ މަދުވީއެވެ. ސަންގުމަރުމަރު ތަޅުންގަނޑުގައި ކަނޑި ޖެހުނު އަޑު އެންމެނަށް އިވުނެވެ. ބަތޫރު އައިސް ބަރުގާންގެ ކަންފަތް ކައިރީގައި ސިއްރެއް ބުނެލިއެވެ.
"ކަލޭ އަހަންނަށް ދުވަހަކު ވެސް ބޮޑުބޭބެ ނުކިޔާތި،" ބަތޫރު މަޑުމަޑުން ބުނެލިއެވެ. "އަހަރެންގެ އަތުން ކަލޭ މަރުވާ ދުވަހު، މަ ބޭނުމެއް ނޫން އެކަކު ވެސް ބުނާކަށް، ބޮޑުބޭބެ އަތުންނޭ ކަލޭ މަރުވީ."
އެހެން ބުނެފައި ބަތޫރު ދުރަށް ޖެހިލައި، ވަށައިގެން ނަޒަރު ހިންގައިލައި، އެންމެންނަށް އިވޭ ވަރަށް، ބުނަންޖެހޭ އެތި ބުނެލިއެވެ.
"ކައިވެންޏަށް އަހަރުމެން ތަހުނިޔާ ކިޔަން،" ބަތޫރު ގޮވައިލިއެވެ. "ރަސްގެފާނުގެ ޒައާމަތަށް ފާގަތިކަމާ ބާއްޖަވެރިކަން ދެއްވާށި!"
ބަތޫރު ގޮސް ކަނޑި ނަގައި، އެކުވެރީންނަށް އަންނާށޭ ބުނެފައި މައްޗަށް އަރައިގެން ދިޔައެވެ. ފަހަތުން ބަތޫރުގެ ފައުޖު ވެސް، ނަގޫރޯޅިއެއްގައި ވެލިގަނޑު މައްޗަށް އަރައިގެންދާ ހެން ދިޔައެވެ. ތަފާތަކީ އެއްވެސް ހިރަފުހެއް ނެތްކަމެވެ.
"ހުހް!" އަތީލާ ބުނެލިއެވެ. "ރަސްގެފާނުގެ ޒައާމަތަށް ބާއްޖަވެރިކަން. ދުވަހަކު ވެސް އަހަންނަކަށް އެ ކަހަލަ ދުއާއެއް ނުކުރާނެ. އަދި އޭނަ އަންނާނެ. ބަލައްޗޭ! ތަރާއަކަށް ނުނިދޭނެ."
"ހާސްނުވޭ!" ބަރުގާން ބުނެލިއެވެ. "އަހަރެން މިހިރީނު. އެކަމަކު އޮޅުވާނުލައްޗޭ! އަހަރެން މި އައީ އަހަރެންގެ ގައުމަށްޓަކާ!"
"އެނގޭ!" އަތީލާ ބުންޏެވެ.
އަންޖަލް ހުރީ އަންޖަލްގެ ވައަތްތިލައިގެ މައްޗަށް ކަނާއަތްތިލަ އުފުލައިލައިގެންނެވެ. ހީވަނީ ދިގު ކަރުދާސްގަނޑެއް ހިފާއްޓައިގެން ހުރި ހެންނެވެ. އަންޖަލްގެ ކޮޓަރި ހުރަސްކުރި މުހުސިނާއަށް އެ މަންޒަރު ފެނުނެވެ. އެއީ މުހުސިނާއަށް އާ މަންޒަރެއް ނޫނެވެ. ދަރިފުޅު ސަމްރަތު ދުނިޔޭގައި ހުރި އިރާއި މާމަ ދަރިފުޅުގެ ފަރާތުން ވެސް އެތައް ފަހަރަކު އެ ފަދަ މަންޒަރުތައް ފެނިއްޖެއެވެ. އެ ކަން ކަމަކަށް ނަހަދަން ވެސް މުހުސިނާ ދަސްކޮށްފިއެވެ. ހަގީގަތަކީ މުޅީން އެހެން އެއްޗެކެވެ. އަންޖަލް ހުރީ ބަރުގާން އާއި އަތީލާގެ ކައިވެނީގެ ދައުވަތު ކާޑަށް ބަލާށެވެ. ކާޑު ހެދިފައި ހުރީ ފަށުވި ފޮތި ކަހަލަ މަޑު، އޮމާން، މީރުވަސްދުވާ ފޭރާމަކުންނެވެ. އޭގައި އަތްލެވެއެވެ. ވަކި ހާއްސަ ބައްޓަމެއް އެއަކު ނުހުރެއެވެ. ކާޑުގައި ހުރި އަކުރުތައް ދިރެއެވެ. ހިރެއެވެ. ކިޔަމުންދާ ވަރަކަށް ވިރޭ ވެސްމެއެވެ. އަންޖަލް ގާތުގައި އަތީލާ ހުއްޓެވެ. ކާޑު ދޭން އައީ ހުދު އަތީލާއެވެ.
"އަހަރެން ދުވަހަކު ވެސް ހިޔެއް ނުކުރަން އަތީލާ ދެކެ ބަރުގާން ލޯބިވާ ކަމަކަށް،" އަންޖަލް ހިތުގެ ބަހުރުވައިން ބުންޏެވެ. "ދެން އޭނަ ކީއްވެ އަހަންނާ އިންނަން އުޅުނީ؟"
އެއީ ދިގު ވާހަކައެކެވެ. ހަމަ އެކަނި ދިގީކީ ވެސް ނޫނެވެ. އެ ވާހަކައިގެ އެންމެ އިސް އަދާކާރަކީ އަންޖަލްއެވެ. ބަރުގާން ލޯބިވި ވަރަށް އަންޖަލް ލޯބިވި ނަމަ، އެ ކާޑު ގެނެސް އަތީލާއަށް ދޭނީ އަންޖަލްއެވެ.
"ވަޅުލާފަ އޮތް މާޒީ އަލުން ކޮނެގެން ނުނަގަމާ!" އަތީލާ ބުންޏެވެ. "ދައްތަ ތައްޔާރު ވެގެން ހުންނާތި! އަންނާނަން ބަލާ! އެތައް ލައްކަ ގަބީލާއަކުން މެހުމާނުން އަންނާނެ."
"ތި ވަރު ތާކަށް ދާން ލާނެ ހެދުމެއް އަހަރެން އަތަކު ނެތް،" ހައިރާންވެ ހުރެ އަންޖަލް ބުންޏެވެ. "އަރާނެ ފައިވާނެއް ވެސް ނެތް."
"ހުރިހާ އެއްޗެއް ހުރީ ތައްޔާރަށް،" އަތީލާ ބުންޏެވެ. "އެ ކޮޅަށް ގޮސް އެއްޗެހި ބަދަލުކުރާނީ."
ކައިވެނި އޮތީ ދުނިޔޭގެ ޗާޓުން އެކަކަށް ވެސް ފެންނާނެ މަންޒިލެއްގައެއް ނޫނެވެ. އެއީ އިންސީންގެ ލޯތަކަށް ފަރުދާ ކުރެވިފައިވާ ވަގުތުގެ މުޅީން އެހެން ފަށަލައެކެވެ. އެ ތަނެއްގައި ތަރިތަކުގެ ވިންދާއި ވައިރޯޅީގެ ނޭވާ، ހިމޭންކަމާ އެކުގައި ވާހަކަ ދައްކާ، ޖާދުވީ މަންޒިލެކެވެ. ޖިންނީންގެ މަހާދަރުބާރެކެވެ. އިމާރާތުގެ ފަރުމާވެރިކަމާއި ފަރުނީޗަރުގެ ޝާހީކަމާއި ދޮރުތަކުގައި އެލުވާފައިވާ ދޮރުފޮތިތަކުގެ ބުގިސްކަން ފެނުމުން އެސްފިޔަޖަހައިލަން ދެލޯ އުޒުރުވެރި ވާހައި ވެއެވެ. ހަގީގަތާއި ހުވަފެން ބައްދަލުވާ ފައްތަރުގައި ގަސްތަކާއި ފަތްތަކާއި މާތައް ހިދުމަތުގައި ދެމިތިބެއެވެ. އެއީ އެ ތަނުގެ އަހުލުވެރީންގެ އަޖައިބެއް ކަހަލަ ބަގީޗާއެވެ. ގަސްތަކުގައި ހުންނަނީ އާދައިގެ ލަކުޑިއެއް ނޫނެވެ. ދުން ނާރާ އަލިފާން ކަހަލަ އައްޔަކެވެ.
ވަގުތަކީ އެ ތަނަށް އިރާކޮޅެވެ. އިމާރާތްތަކުގެ ދިރޭ ކުރިބޯށިތައް ކުލައާއި ބައްޓަން ބަދަލުކޮށްކޮށް ތިއްބެވެ. ވިލާތައް އުފެދި ފޭދެމުންދިޔައެވެ. އެއް ކުލައިން އަނެއް ކުލައަށް މަޑުމަޑުން ބަދަލުވާ އިރު ހީވަނީ ނޭވާލާ ހެންނެވެ. އަލަށް ތަރިއެއް އުފަންވާ އިރު އަރާ ހުރިހައި ކުލައެއް އެއަށް އަރައެވެ. ތަޅުންގަނޑުގައި ހުރި ތަށިމުށިތައް ހީވަނީ ލޯގަނޑެއް ހެންނެވެ. ޖައްވުގެ އެއް ދިމާއެއްގައި ފިނިފެން އަތަރު ވަހެވެ. އަނެއް ދިމާގައި ގޮމަކަސްތޫރި ވަހެވެ.
މެހުމާނުން އައިސް ވަނީ ދޮރަކުން ނޫނެވެ. އެއީ ވައިގެ ތެރެއިން ފާޅުވި ބައެކެވެ. ޒައްރުގެ ތެރެއިން ފޭދިގެން ނުކުތް އަލިގަނޑުތަކެކެވެ. އެއް އަލިގަނޑުގެ ތެރެއަށް އަނެއް އަލިގަނޑު މެހި، އެކުވެ، ފެވިފައިވެއެވެ. ވިލާތަކާއި ފަރުބަދަތަކާއި ކަނޑުއަޑީގެ ފުން ހޮހަޅަތަކުގެ މާރިދުން ތިބެނީ އެ ބައެއްގެ ވާސައާ އެއްކަހަލަ ކުލައަކާއި ސިފައެއްގައެވެ. އިފުރީތުންގެ ސިފައަކީ އަލިފާންފަރުބަދައިން ފައިބާ ދިޔާ އަލިފާނާއި ހިލައިގެ ސިފައެވެ. ލޮލުގައި ވިދަވިދާ ހުންނަނީ އަނގުރުއަލިފާނެވެ. ހަންގަނޑު ހީވަނީ ކުންނުތައް ނުކުމެފައިވާ ފަރުބަދައެއްގެ ހިލަތައް ހެންނެވެ.
މަތިން އުދުހޭ ބަޔަކު ވެސް އުޅެއެވެ. އެ ސޮރުމެންގެ ފިޔަތައް ހީވަނީ އަލިމަސް ފަތްތަކެއް ހެންނެވެ. އޭގެ އަލިކަން ހަނދުވަރުގެ ސިފައިގައި ބިމަށް ފެތުރިފައިވެއެވެ. ގަދީމީ އެތައް ބަހުރުވައެއްގެ އަޑު، ނުފެންނަ ބަޔަކު ކުޅެމުންދިޔަ މިޔުޒިކުގެ އަޑާ އެކުވެފައިވިއެވެ. އޭގެ އަޑު އިހުސާސް ކުރެވެނީ ހަމަ އެކަނި ހިތަށެވެ. ކަންފަތަކަށް ނޫނެވެ. ނޫކުލައިގެ އަލިގަދަ ޖަވާހިރުތަކަކުން ޒީނަތްތެރިކުރެވިފައިވާ، ގަޔަށް ހެޔޮވަރު، ފަސްބައި ބޮޑު ހެދުން ކޮށިކޮށްލައިގެން އަންޖަލް ހިނގަމުން އައެވެ. ރާނީ އާއި ރަސްގެފާނަށް ހާއްސަ ކޮށްފައިވާ މަންސައާ ދިމާއަށެވެ.
ވަރުގަދަ ތާޅަފިއްޔެއްގެ އިއުލާނާ އެކު މުޅި ތަން ހަމަހިމޭންވިއެވެ. އެ ހުރި ތަނުގައި އަންޖަލް ވެސް ހުއްޓުނެވެ. މަތިން ހޯރަ އަޅަމުން އައި ބަރުގާން އާއި އަތީލާ މަންސަ މައްޗަށް ތިރިކޮށްލިއެވެ. އެކުގައި އައި ވައިރޯޅިން ތަނުގައި ބާންޏެއް އުފައްދައިލިއެވެ. ބަރުގާން ހުރީ، ރަސްކަލަކަށް ލިބިދޭ ހުރިހައި ޝަރަފަކާއި ހަތިޔާރަކާ އެކުގައެވެ. މޭމަތީގައި ހުރި ލަގަބާއި ބޮލުގައި ހުރި ތާޖާއި އުނަގަނޑުގައި އޮތް ވަރުގަދަ ދިމިސްގު މައުދަނުގެ ކަނޑި، ބަރުގާންގެ ސިފަ އާއި އިސްކޮޅާ ގުޅެއެވެ. އަތީލާ ހުރީ އަލިން ވިޔެފައިވާ ފޭރާމެއްގައެވެ. މަތިން އައި އިރު ވެސް، ކޮޅަށް ހުރި އިރު ވެސް ހެދުމުން ވިދާކުނޑި ފައިބަމުންދިޔައެވެ. އެހައި ނަލަ ސިފައެއްގައި އަތީލާ ހުއްޓައެއް އަންޖަލް ދުވަހަކު ވެސް ނުދެކެއެވެ.
ރަސްމިއްޔާތު ފެށުމާ އެކު މެހުމާނުންނަށް ބަރުގާން ކަޅި ހިންގައިލިއެވެ. ނޫނެކެވެ. ބަރުގާން ބަލައިލީ ހަމަ އެންމެ މީހަކަށެވެ. އެއީ އަންޖަލްއަށެވެ. ހާލަތު މަޖުބޫރުކުރި ގޮތުން އަތީލާ ގާތުގައި ބަރުގާން ހުރި ނަމަވެސް، ހިތް އޮތީ އަންޖަލްގެ ފައިތިލަ ކައިރީގައެވެ. ނަގަންޏާ ނަގަންވީއެވެ. ފައިން އަރަންޏާ އަރަންވީއެވެ. އަންޖަލްއާ ހަތަރުކަޅި ހަމަވި ވަގުތު، އަންޖަލްގެ ހިތަށް އުނދަގޫވިއެވެ. އެ ފަދަ އުފާވެރި ވަގުތެއްގައި ބަރުގާންގެ ފުން ކަޅިރަވައިން އަންޖަލްއަކަށް އުފަލެއް ނުފެނުނެވެ. ފެނުނީ ހިތާމައެވެ. ހުސްކަމެކެވެ. ސަބަބަކީ ކޮބައި ކަމެއް އަންޖަލްއަކަށް ނޭނގުނެވެ.
ޖިންނީން ޖިންނީންނާ ކައިވެނި ކުރަނީ ހަމަ އެކަނި ލޯތްބަށް ޓަކައެއް ނޫނެވެ. އެއީ ބާރާއި ބައިއަތުހިފުމާއި ހިމާޔަތުގެ އެއްބަސްވުމެކެވެ. ފިރީގެ ފަރާތުން އަންބަށް ލިބިދޭ ރައްކާތެރިކަން އެތަކެއް ހާސް އަހަރަކަށް ދެމިގެންދާނެއެވެ.
ކައިވެނީގެ ހުތުބާ އިއްވީ އެ ކަމަށް ހާއްސަ، ދުނިޔެއަށް ވުރެ ދޮށީ ކިޔާނެކެވެ. ކޮންމެ ލަފުޒަކާ އެކުގައި އަންޖަލްގެ ހިތަށް ގުޑުން އަރައިގެންދެއެވެ. އަނބި ގަބޫލުތޯ އޭނަ އެހިއެވެ. ދެވަނަ ފަހަރަށް ވެސް އެހިއެވެ. ބަރުގާން ބަލަހައްޓައިގެން ހުރީ އަންޖަލްއަށެވެ. އަންޖަލްގެ ރުހުން ނެތި ބަރުގާން އާނއެކޭ ނުބުނާނެއެވެ. މާސޫމު އަންޖަލްއަކަށް ވާނުވާއެއް ނޭނގެއެވެ. ހިތަށް އެރިއެވެ. ވާން މި އުޅެނީ ކިހިނެއް ހެއްޔެވެ؟ ތިންވަނަ ފަހަރަށް އެހިއެވެ. އެއީ ފަހު ފަހަރެވެ. ބަރުގާންގެ ދޫ ހަރަކާތެއް ނުކުރިއެވެ. (ނުނިމޭ)