މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ އެކު ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ބަޔާންކޮށް ރައީސް އޮފީހަށް އިއްޔެ ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
26 ނޮވެމްބަރ 2025
މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ އެކު ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ބަޔާންކޮށް ރައީސް އޮފީހަށް އިއްޔެ ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މާލެ އަދި ރަށްރަށުގެ އެކި ކޯޓުތަކުގެ މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައި އެދިފައިވަނީ މުސާރައިގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.
އެގޮތުން، ޝަރުއީ ދާއިރާގެ މަގުސަދަކީ އަދުލު އިންސާފު ގާއިމްކުރުން ކަމުގައި ވީއިރު، މި މަސައްކަތުގައި ފަނޑިޔާރުންނާ އެކު އެންމެ ބުރަކޮށް އުޅުއްވާނެ މުވައްޒިފުންގެ ތެރޭގައި ލީގަލް އޮފިސަރުންނާއި ކޯޓު އޮފިސަރުންނާއި އެޑްމިނިސްޓްރޭޓިވް އޮފިސަރުން ހިމެނޭ ކަމަށާއި އެންމެ މުހިއްމު މަގުސަދުކަމުގައިވާ އަދުލު އިންސާފު ފޯރުކޮށްދިނުމުގެ މުޅި މަސައްކަތް ތަރުތީބުވެ ބިނާވެގެންވަނީ ގާނޫނީ ފަންނުގެ މައްޗަށް ކަމަށެވެ.
ޕެޓިޝަންގައި ފާހަގަކުރި ބައެއް ކަންބޮޑުވުންތައް:
- ސަލާމާއި އެހެނިހެން ޗުއްޓީ ނެގުމަކީ ގާނޫނުން ކަށަވަރު ކޮށްދީފައިވާ ހައްގަކަށްވާއިރު ހާޒިރީ އެލަވެންސް ދިނުމަށް އާ ޕޭ ފުރޭމްވޯކްގައި ކަނޑައަޅާފައިވާގޮތުން ޒަރޫރީ ހާލަތެއް މެދުވެރިވެގެން ޗުއްޓީއެއް ނަގައިފިނަމަ ލިބޭ މުސާރަ ކުޑަވުން.
- ދައުލަތުގެ ބައެއް އިދާރާތަކުން މުވައްޒަފުން ހާސިލުކޮށްފައިވާ ސެޓްފިކެޓަށް ރިއާޔަތްކޮށް މަތީ ރޭންކަކަށް މުވައްޒަފުން ހިޖުރަކޮށްދީފައިވާއިރު ޖުޑީޝިއަރީގައި މިފަދަ ފުރުސަތެއް ފަހިވެފައި ނެތުން.
- ސެކިޔުރިޓީ ސްޓާފުން ހޮނިހިރު ދުވަހު ކުރާ ޑިޔުޓީއަށް ކުރިން ލިބެމުންއައި ބަނދު ދުވަހުގެ އެލަވަންސް އާއި އިތުރު ގަޑި އުނިކޮށްފައި ވުން. އެހެން ކަމުން އެފަރާތްތަކުން އެހެން މުވައްޒަފުންނާއި ހިލާފަށް ރަސްމީ ހަ ދުވަހު މަސައްކަތް ކުރަންޖެހޭއިރު އިތުރަށް މަސައްކަތްކުރާ ދުވަހަށް އެއްވެސް އިނާޔަތެއް އިތުރުނުވުން.
- މުސާރައިގެ ކުރިއެރުން ދިނުމުގައި ހުރިހައި މަގާމުތަކަކަށް އެއްހަމައަކުން މުސާރައިގެ ކުރިއެރުން ދީފައިނުވުން.
- މަގާމުގެ އަސާސީ ޝަރުތަކީ ސެޓްފިކެޓް ލެވެލް 4 ކަމަށް ކަނޑައަޅާފައި މަގާމުތަކުގައި މިވަގުތު މަސައްކަތް ކުރަމުންދާ ޝަރުތު ހަމަނުވާ މުވައްޒަފުން އެ މަގާމުގެ ޝަރުތު ހަމަކުރުމަށްޓަކައި (ސެޓްފިކެޓް ހާސިލް ކުރުމަށްޓަކައި) ގްރޭސް ޕީރިއަޑެއް ދީފައިނުވުން.
- ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ރަސްމީ ގަޑީގައި އެހެން މަސައްކަތް ކުރުން މަނާވާ އަދި ނުރަސްމީ ގަޑީގައިވެސް މަސައްކަތުގެ ދާއިރާއާ ގުޅުންހުރި މަސައްކަތް ކުރުން މަނާ ކޮށްފައިވާ ބަޔަކަށް ވާހިނދު، އައު އޮނިގަނޑުގައި އެކަމަށް ރިއާޔަތް ކޮށްފައި ނުވުން.
- ބައެއް މުވައްޒަފުންނަކީ ހަވާލުކޮށްފައިވާ މަގާމުގެ މަސްއޫލިއްޔަތުގެ އިތުރުން އެހެނިހެންވެސް ޒިންމާތައް ހަވާލުކުރާ ބަޔަކަށް ވާއިރު މުސާރައިގެ އައު އޮނިގަނޑުގައި އެކަމަށް ރިޢާޔަތް ކޮށްފައިނުވުން.
- ހާޒިރީ އެލަވެންސް ދިނުމުގައި އެކި މަގާމުތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅެފައިވުން.
- ރަސްމީ ގަޑި ނުވަތަ ރަސްމީ ގަޑީގެ ބޮޑުބައެއް ޝަރީއަތާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ހޭދަކުރަންޖެހޭހިނދު، ޝަރީއަތްތަކާ ގުޅިގެން ކުރަންޖެހޭ އިތުރު މަސައްކަތް ކުރުމަށް އިތުރު ވަގުތު ބޭނުންވާއިރު އިތުރުގަޑީގެ މަސައްކަތް ކުރެވޭނެކަމަށް ކަނޑައަޅާފައިވާ ވަގުތު ކުޑަވުން.
- މަގާމުގެ ޕްރޮފެޝަން ބަދަލުކޮށް މުސާރަ ކުޑަވާގޮތަށް އެސިސްޓެންޓް ކޯޓް ސެކިއުރިޓީއަށް ބަދަލުކޮށްފައިވުން.
- ކޯޓުތަކުގެ މުވައްޒަފުންގެ ހާޒިރީ އެލަވަންސްގެ ބޮޑު ތަފާތުކަމެއް އެކި ކޯޓްތަކުގައާއި އެކި މަގާމުތަކުގައި ހުރިކަން.
- މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތް ކުރާ ބައެއް އައިޓީ ޓެކްނީޝަނުންނަކީ ދެ އަތޮޅުގެ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކާ ހަވާލުވެގެން ތިބޭ މުވައްޒަފުންނަށް ވާއިރު އެފަދަ މުވައްޒަފުންނަށް ހާއްސަ އެލަވެންސެއް ނެތުން.
- ދާއިރާގެ ބައެއް މަގާމުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ފަންނީ ހާއްސަ މަސައްކަތްތަކެއް ކުރުމުގެ އިތުރުން އެހެން މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްވެސް ކުރަންޖެހޭ ބަޔަކަށްވާހިނދު މަގާމަށް ކަނޑައެޅިފައިވާ ބޭސިކް މުސާރައަކީ އެކަށީގެންވާ މުސާރައެއް ނޫންކަން.
- ދާއިރާގައި މަސައްކަތް ކުރާ ފަންނީ މުވައްޒަފުންނާ މެދު އެފަދައިން އަމަލުކުރެވިފައިނުވުން.
ޕެޓިޝަންގައި ބުނީ ދައުލަތުގެ އާންމު ޕޭ ފްރޭމްވޯކްގެ ލީގަލް މެނޭޖަރުގެ އޮނިގަނޑުގައި ހިމެނޭ ގިނަ މަގާމުތަކުގައި ހުރި އަސާސީ ޒިންމާތަކަކީ ކޯޓުގެ ލީގަލް އޮފިސަރުން މިހާރު ވެސް އަދާކުރަމުން އަންނަ ޒިންމާތަކެއް ކަމަށާއި އެގޮތުން ލީގަލް މެނޭޖަރުންގެ އޮނިގަނޑުގައި ހިމެނޭ އެއް މަގާމު ކަމަށްވާ، "ލީގަލް ކައުންސެލް" ގެ އަސާސީ ޒިންމާތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ އެންމެހާ ޒިންމާތަކަކީ ލީގަލް އޮފިސަރުންގެ ޒިންމާތަކުގައި ހިމެނޭ ކަންތައްތައް ކަމަށެވެ. މިންގަނޑުގައި މަގާމުގެ ޒިންމާތަކުގެ ތެރޭގައި އެކި ފަންނުތަކުގެ ޖޮބް މެޓްރިކްސްތަކާ ގުޅޭ ޒިންމާތައް ހިމަނައިފައިވާ ހާލަތުގައި، އެ މުވައްޒަފެއްގެ މަސްއޫލިއްޔަތުތަކުގެ ބުރަދަން ކަނޑައަޅައި، އެ މުވައްޒަފެއްގެ އެންމެ ގިނަ ނުވަތަ މުހިންމު ޒިންމާ އަދާކުރާ ފަންނެއްގެ ޖޮބް މެޓްރިކްސްއަކަށް ހިޖުރަކުރުމުގެ އިޚްތިޔާރު އެ އިދާރާއަކަށް ލިބިދޭކަމަށް ބަޔާންކޮށްފައިވެ އެވެ.
ޕެޓިޝަންގައި ބުނީ ލީގަލް އޮފިސަރުން މިހާރު އަދާކުރަމުން އަންނަ ޒިންމާތަކަކީ ލީގަލް މެނޭޖަރުންގެ މެޓްރިކްސްގައި ބަޔާންކޮށްފައިވާ މަގާމުތަކުގައި ހުރި ޒިންމާތަކެއް ކަމަށްވާއިރު، އެ އޮނިގަނޑުގެ މަގާމަކަށް ލީގަލް އޮފިސަރުން ހިޖުރަކޮށްދީ، މެޕް ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.
"ހަމަ އެހެންމެ އަދާލަތުގެ ހަމަތަކުން ބަލާއިރު މިއީ މުވައްޒަފުންނަށް އޮތް އެންމެ އިންސާފުވެރިގޮތް ކަން ފާހަގަކުރަމެވެ. އަދި މުވައްޒަފުންނަށް އުސޫލުގެ ތެރެއިން ދެވެން އޮތް މަންފާއެއް ލިބިދެންވެންޖެހޭނެކަން ފާހަގަކުރަމެވެ. ނަމަވެސް ޖުޑިޝަރީއަށް ހާއްސަކޮށްފައިވާ ޖޮބް މެޓްރިކްސްގައި ލީގަލް މެނޭޖާސްގެ އެއްވެސް މަގާމެއް މިހިނދުގައި ހިމަނާފައި ނުވެ އެވެ. އެހެންކަމުން އެފަދަ މެނޭޖީރިއަލް މަގާމްތައް، ޖުޑިޝަރީގެ ޖޮބް މެޓްރިކްސްގައި ހިމަނައިދެއްވުމަށް ޕޭ ކޮމިޝަނަށް ހުށަހެޅުމަށް އެދެމެވެ،" ޕެޓިޝަންގައިވެ އެވެ.
އަދި އެ ހައްލު ދެވެން ނެތް ނަމަ، މިހާރު ވެސް ޖުޑީޝަރީގެ ޖޮބް މެޓްރިކްސްގައި ހިމެނިފައިވާ ސީނިއާ ކޯޓް ލީގަލް އޮފިސަރުގެ ރޭންކަށް އެންމެހާ ލީގަލް އޮފިސަރުން ހިޖުރަކޮށްދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހަގީގަތުގައި އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް ޕެޓިޝަނުގައި ފާހަގަކުރި އެވެ.
ހަމައެހެންމެ، ޖުޑިޝަރީގެ ލީގަލް މުވައްޒަފުންނަކީ އިތުރު އެހެން ގާނޫނީ މަސައްކަތެއް ކުރުމުގެ ފުރުސަތު ނެތް ބަޔެއްކަމުގައި ވާތީ، ނޮން-ޕްރެކްޓިސް އެލަވަންސަކީ ކޮންމެހެން ލިބިދެންޖެހޭ އެލަވަންސެއް ކަމަށް ވެސް ޕެޓިޝަނުގައި ބުންޏެވެ.
އާ ޕޭ ފްރޭމްވޯކަށް ހިޖުރަކުރިއިރު، ގިނަދުވަހު ހިދުމަތް ކުރެއްވި މުވައްޒަފުންނަށް، ހިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަކި އިންސައްތައަކަށް މާކްސް ހޯދާފައިވާތީ، ދެމުން އައި ސްޓެޕް އެލަވަންސަކީ އަސާސީ މުސާރައިގައި ހިމެނި އެ މުވައްޒަފުންގެ ފެންވަރު ރަނގަޅު މަސައްކަތުގެ އަގެއްގެ ގޮތުން ލިބެމުން އައި އިނާޔަތެކެވެ.
އެ އިނާޔަތް ލިބިނުދެވޭގޮތަށް ނުވަތަ އަލަށް ވަންނަ މުވައްޒަފާއި، ދިގު މުއްދަތުގެ ހިދުމަތްކުރި މުވައްޒަފަކީ އެއްހަމަ ބައެއްގެ ގޮތުގައި މުސާރަ ކަނޑައެޅިގެންދިއުމަކީ ދިގު މުއްދަތުގެ ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް ޕެޓިޝަނުގައި ވަނީ ބުނެފަ އެވެ.
މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ކޯޓުތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން މި ހަފްތާގައި ވަނީ ކަޅު ހެދުމުގައި އޮފީހަށް ހިމޭން އިހުތިޖާޖެއް ވެސް ކޮށްފަ އެވެ.
ނޭޝަނަލް ޕޭ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް ބުނީ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑަނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އެ ގޮތުން ބައެއް އެލަވަންސްތައް ވެސް ހަމަޖައްސާފައިވާ ކަމަށް އެ ކޮމިޝަންގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އޭގެ ތެރެއިން އެއް އެލަވަންސަކީ އޭނާ ވިދާޅުވި ގޮތުގައި "ޖުޑިޝަރީ ކޮންޓިނިއުޓީ އެލަވަންސް" އެވެ.
"އެ ދުވަހަކަށް ތާވަލް ކޮށްފައި ހުންނަ މައްސަލަތައް ނިމެން ޖެހޭނެ. އެ އަށް ފަހު ހުންނަ އިދާރީ ކަންކަން ވެސް ނިންމާފައި ނޫންތޯ ފަނޑިޔާރާއި ދެން ތިބޭ މުވައްޒަފުންނަށް ގެއަށް ދެވޭނީ. އެ ގޮތަށް ތިބެންޖެހޭ ހާއްސަ ފަރާތްތަކަށް އިތުރު އިނާޔަތްތައް ކަނޑައަޅާފައި ހުންނާނެ،" ޕޭ ކޮމިޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ ކުރިއެރުމަށް އަންނާނެ ބަދަލުތައް ވަރަށް ތަފުސީލްކޮށް ވަނީ ބަލައިފަ އެވެ. އެކަމަކު، ހާއްސަ ހާލަތްތަކާ ގުޅުވައިގެން ދޭ އެލަވަންސްތައް ނުލައި ހިސާބު ހެދުމުން ނުބައި މަންޒަރެއް ފެންނަނީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ލީގަލް މުވައްޒަފުންގެ މުސާރަ ކުޑަކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅިގެން ސުވާލު ކުރުމުން ޕޭ ކޮމިޝަންގެ އޮފިޝަލް ވިދާޅުވީ، އެއީ އަބަދުވެސް މުސާރައިގެ ގޮތުން "ޕްރިވިލެޖެއް" ލިބިފައިވާ ބައެއް ކަމަށެވެ. އެއާ އެކު، މި މަހުން ފެށިގެން މުސާރަ ބޮޑު ކުރިއިރު، ކޯޓުތަކުގެ އިދާރީ މުވައްޒަފުންނަށް މުސާރައިގެ ބޮޑު ކުރިއެރުމެއް ގެނެސްފައިވާތީ ތަފާތު ފެނިދާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
"ބައެއް އިދާރީ މުވައްޒަފުން މިހާތަނަށް މަސައްކަތް ކުރަމުން އައީ ވަރަށް ދަށް މުސާރައެއްގައި. އަންޑާޕޭގައި އެ މުވަޒަފުން މަސައްކަތް ކުރީ. އެކަމަކު، މި ފަހަރު ވަރަށް ރަނގަޅު ކުރިއެރުމެއް މުސާރައިގެ ގޮތުގައި އެ މުވައްޒަފުންނަށް ގެނެސްފައި ވާނީ. އެ ވަރުގެ ބޮޑު ކުރިއެރުމެއް ލީގަލް ބޭފުޅުންގެ މުސާރަ އަށް މި ފަހަރު ނުގެނޭ. އެ ތަފާތު ފެނިދާނެ. އެކަމަކު، ލީގަލް ބޭފުޅުންނަށް ވެސް މުސާރައިގެ ކުރިއެރުން ދީފައި ވާނީ،" ޕޭ ކޮމިޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުން އަސާސީ މުސާރަ ވެސް 7،400 އަށް ވުރެ އެއްވެސް މުވައްޒަފަކަށް މި މަހުން ފެށިގެން ދަށް ނުވާނެ އެވެ. މިހާތަނަށް އަސާސީ މުސާރައިގެ ގޮތުގައި ބައެއް މުވައްޒަފުންނަށް 3،100ރ. ވެސް ލިބިފައިވާ ކަމަށް ޕޭ ކޮމިޝަނުން ބުނެފައި ވެ އެވެ.
ބޮޑުކުރި މުސާރަ ލިބޭނީ ޑިސެމްބަރުގައި: ފިނޭންސް
ރަސްމީގަޑީގެ މަސައްކަތްތައް ނުރަސްމީ ގަޑީގައި ކުރެވޭނެ
މުސާރަ ބޮޑުވި، ޝަކުވާއަކީ އިމެއްނެތް އޯޓީ ހިފެހެއްޓުން
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފި
ޖުޑިޝަރީގެ ސްޓާފުންނަށް މުސާރައިގެކުރިއެރުން ދެން ނުދޭނެ
ޖުޑިޝަރީ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ނުލިބި
އެންމެ ފަސްމިނިޓުން ވާނުވާ ބަންދު މީހުން ދޫކޮށްލެވޭނެ؟
މުސާރަ މައްސަލަ: މުވައްޒަފުން ކަޅު ހެދުމުގައި އޮފީހަށް
"މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ވާނީ ބަހާލައިގެން"
ކޯޓު މަރުހަލާތަކާ ހެދި އެއް ބިލިއަން ނުލިބި ތާށިވެފައި