Roadha Mihaaru
ސަޕޯޓަރުންނާ އެއްގޮތަށް އަހަރެމެނަށް ވެސް ތަކުލީފު ބޮޑު

ސަޕޯޓަރުންނާ އެއްފަދައިން އަހަރެމެނަށް ވެސް ތަކުލީފު ބޮޑު: ޕޮޓާ

07 މާޗް 2023

ލަންޑަން (މާޗު 7) - ނަތީޖާ ނުނެރެވޭތީވެ ސަޕޯޓަރުންނާ އެއްފަދައިން ޗެލްސީގެ ޓީމު ވެސް އަންނަނީ އެ ތަކުލީފު އުފުލަމުން ކަމަށް ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (މާޗު 7) - ނަތީޖާ ނުނެރެވޭތީވެ ސަޕޯޓަރުންނާ އެއްފަދައިން ޗެލްސީގެ ޓީމު ވެސް އަންނަނީ އެ ތަކުލީފު އުފުލަމުން ކަމަށް ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ ބުނެފި އެވެ.

މޮޅެއް ނުހޯދި ގިނަ ދުވަސްތަކެއް އޮތުމަށް ފަހު ޗެލްސީން ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ލީގުގައި ލީޑްސް ޔުނައިޓެޑް އަތުން 1-0 އިން އެޓީމަށް މުހިއްމު މޮޅެއް ހޯދައިފަ އެވެ. މި މޮޅާ އެކު ވެސް ޕޮޓާ އަށް އޮތް ޕްރެޝަރު ވަކި ކުޑައެއް ނޫނެވެ. ބައެއް ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި އެ މޮޅަށް ބެލުމެއް ނެތި މިހާރު މިއީ ޕޮޓާ ޗެލްސީގެ މަގާމުން ދުރުކުރަން ޖެހޭ ވަގުތެވެ.

"ސަޕޯޓަރުން އަބަދުވެސް އެމީހުންގެ ހިޔާލު ފާޅު ކުރާނެ، އެމީހުންނާ އެއްގޮތަށް އަހަރެމެން ވެސް މިދަނީ ބޮޑު ތަކުލީފެއް އުފުލަމުން. ސަޕޯޓަރުން ބޭނުންވޭ ޓީމު ކުރިއަށް [ކުއާޓާ ފައިނަލަށް] ދާން، އަދި އެމީހުނަށް އެނގޭނެ [ސަޕޯޓް] ކިހާ މުހިއްމު ކަން ވެސް. އަހަރެމެން ބޭނުން ޑޯޓްމަންޑް ބަލިކޮށްގެން ކުރިއަށް ދާން، ސަޕޯޓަރުން އަހަރެމެންނަށް އެހީ ވާނެ،" ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުން ޖާގައެއް ހޯދުމުގެ އުންމީދުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން ޕޮޓާ ބުންޏެވެ.

ޗެލްސީ ވަނީ ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގު މެޗުން 1-0 އިން ޑޯޓްމަންޑް އަތުން ބަލި ވެފަ އެވެ. ޔޫރަޕްގެ ފުޓްބޯޅައިގައި އަވޭ ގޯލުގެ އުސޫލު މިހާރު އުވާލާފައިވުމުން، ޗެލްސީ އިން މިރޭގެ މެޗު ދެ ގޯލުގެ ތަފާތަކުން މޮޅުވިޔަސް އަނެއް ބުރަށް ދާނެ އެވެ.

ޗެމްޕިއަންސް ލީގަކީ ޗެލްސީ އަށް މި ސީޒަނުގައި ތައްޓެއް ހޯދަން އޮތް ހަމައެކަނި ފުރުސަތެވެ. ހަމަ އެއާ އެކު އިގިރޭސި ޕްރިމިއާ ލީގުގެ 10 ވަނައިގައި އޮތް ޗެލްސީ އަށް އަންނަ ސީޒަނުގައި ޔޫރަޕުގެ މުބާރާތެއް ކުޅުމުގެ ފުރުސަތު ވެސް އެންމެ ބޮޑު ވާނި މި ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްގެނެވެ.

ޗެލްސީ އިން މިހާތަނަށް ދެ ފަހަރު ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރީ މިހާރު ކުލަބަށް ދިމާވެފައި އޮތް ފަދަ ހާލަތަކުން އަރައިގަނެގެންނެވެ.

އެންމެ ފުރަތަމަ 2012 ވަނަ އަހަރުގެ މާޗު މަހު ޗެލްސީގެ ކޯޗުކަމުން އަންޑްރެސް ވިއާސް ބޮއެސް މަގާމުން ދުރު ކޮށްފައި ޓީމު ހަވާލު ކުރީ ކުރީގެ ކުޅުންތެރިޔާ ރޮބާޓޯ ޑި މަޓެއޯ އަށެވެ. އޭނާ ވަނީ އެ ސީޒަނުގެ ބާކީ ތިން މަސް ތެރޭ ޗެލްސީ އަށް ޗެމްޕިއަންސް ލީގުގެ އިތުރުން އެފްއޭ ކަޕް ވެސް ހޯދައިދީފަ އެވެ.

ދެވަނަ ފަހަރަށް ޗެލްސީން ޗެމްޕިއަންސް ލީގު ނެގީ 2021 ވަނަ އަހަރެވެ. އެ އަހަރު ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ނުލިބިދާނެ ކަމުގެ ބިރު ހީވެފައި އޮއްވައި ޖެނުއަރީ މަހު ފްރޭންކް ލަމްޕާޑް މަގާމުން ދުރުކޮށްފައި ޗެލްސީ ހަވާލު ކުރީ ތޯމަސް ޓުޗެލް އާއެވެ. ޓުޗެލް ވަނީ ހަތަރު މަސް ތެރޭ ޗެލްސީ އަށް އެ ސީޒަންގެ ޗެމްޕިއަންސް ލީގު ހޯދައިދީފަ އެވެ.

ނަތީޖާ ދަށް ވުމުން ކޯޗުން ބަދަލު ކޮށްގެން ވެސް ކާމިޔާބު ހޯދުމަކީ ޗެލްސީގެ ކުރީގެ އޯނަރު ރަޝިއާގެ ރޯމަން އަބްރަމޮވިޗްގެ އުސޫލެކެވެ. މިދިޔަ ސެޕްޓެމްބަރު މަހު ޓުޗެލް މަގާމުން ވަކިކޮށް ޕޮޓާ އެ މަގާމަށް ހަމަޖެއްސީ ޗެލްސީގެ މިހާރުގެ ކޯ އޯނަރު ކަމަށްވާ އެމެރިކާގެ ޓޮޑް ބޯލީ އާއިއެވެ. ނަމަވެސް މި ސީޒަންގެ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖު ނިމުނު ހިސާބުން ފެށިގެން ޕޮޓާ އާއެކު ވެސް ޗެލްސީ އަށް ވަނީ ނަތީޖާ ނެރެން އުނދަގޫ ވެފަ އެވެ.

ޗެލްސީގެ އާ ވެރިން ވަނީ ނިމިދިޔަ ދެ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގަންނަން ގާތްގަނޑަކަށް 660 މިލިއަން ޑޮލަރު ހޭދަ ކޮށްފަ އެވެ. ނަމަވެސް ކުލަބު ހިންގަން ފެށިތާ އަދި މިވީ 10 ވަރަކަށް މަސް ތެރޭ ޗެލްސީ އަށް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.