Roadha Mihaaru

ރަންވީރުގެ އާ ފިލްމު ރިލީޒްކުރުން ހުއްޓުވަން ހައި ކޯޓަށް ހިނގައްޖެ

ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގުގެ އާ ފިލްމު "ދުރަންދަރު" ރިލީޒްކުރުން ހުއްޓުވަން އިންޑިއާގެ ދިއްލީގެ ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ރަންވީރުގެ އާ ފިލްމު ރިލީޒްކުރުން ހުއްޓުވަން ކޯޓަށް

ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގުގެ އާ ފިލްމު "ދުރަންދަރު" ރިލީޒްކުރުން ހުއްޓުވަން އިންޑިއާގެ ދިއްލީގެ ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އިންޑިއާގެ ނޫސްތަކުގައި އިއްޔެ ބުނީ ކޯޓަށް އެ މައްސަލަ ހުށަހެޅީ ޝަހީދެއްގެ ގޮތުގައި ބަލާ އެ ގައުމުގެ ސިފައިންގެ މީހެއް ކަމަށްވާ މޭޖާ މޯހިތު ޝަރްމާގެ އާއިލާގެ ފަރާތުން ކަމަށެވެ.

މޭޖާ މޯހިތަކީ އިންޑިއާގެ ސަރުކާރުން ސިފައިންނަށް ދޭ ހިތްވަރުގެ މެޑަލާއި އިނާމުތައް ލިބިފައިވާ މީހެކެވެ.

އާއިލާއިން ބުނާ ގޮތުގައި، "ދުރަންދަރު"އަކީ މޯހިތުގެ ހަޔާތަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. ސިފައިންގެ ތެރޭގައި އޭނާ ހޭދަކުރި ދުވަސްތަކާއި ދިމާވި އެކިއެކި ކަންކަމަށް ބިނާކޮށް ގެނެސްދޭ ފިލްމަކަށް ވިޔަސް، އެ ފިލްމު އުފެއްދީ އާއިލާ އާއި އިންޑިއާގެ އަސްކަރިއްޔާގެ އެއްވެސް ހުއްދައެއް ނުވަތަ ބަހެއް ވެސް ނެތި އެވެ. އެހެންވެ، އެ ފިލްމު ރިލީޒްކުރުން ހުއްޓުވައިދޭން އާއިލާއިން ވަނީ ކޯޓުގައި އެދިފަ އެވެ.

ނަމަވެސް، އެ ފިލްމުގެ އުފެއްދުންތެރިން އަދި ޑައިރެކްޓަރު އަދިތުޔަ ދަރު ވަނީ އެއީ މޭޖާ މޯހިތުގެ ހަޔާތަށް ބިނާކޮށްފައިވާ ފިލްމެއް ނޫން ކަމަށް، މި މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ވެސް ބުނެފަ އެވެ. އޭނާ ބުނާ ގޮތުގައި، އެ ފިލްމު އުފެއްދީ ހިޔާލީ ވާހަކައަކަށެވެ.

"ދުރަންދަރު"އަކީ އިންޑިއާގެ މީހަކު ޖާޖޫސެއްގެ ގޮތުގައި ކަޝްމީރުގެ ޕާކިސްތާނު ފަޅިއަށް ގޮސް އުޅުމުގެ ތެރޭގައި ހިނގާ ކަންތައްތަކެއް ދައްކާ ވަރުގަދަ އެކްޝަން ފިލްމެކެވެ.

ރަންވީރާއެކު އެ ފިލްމުގައި ލީޑު ރޯލް ކުޅެނީ ދެކުނު އިންޑިއާގެ އެކްޓްރެސް ސާރާ އަރްޖުނެވެ. ސާރާއަކީ ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ރާޖާ އަރްޖުންގެ ދަރިފުޅެވެ.

ޖިއޯ ސްޓޫޑިއޯސް އާއި ބީސިކްސް ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ "ދުރަންދަރު"އަކީ 2019 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ހަނގުރާމަ މަތީ ފިލްމު "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް"ގެ ޑައިރެކްޓަރު އަދިތުޔަ ދަރުގެ ފިލްމެކެވެ. އެ ފިލްމުގެ އެއް ޕްރޮޑިއުސަރަކީ ވެސް އޭނާ އެވެ.

ރަންވީރާއި ސާރާގެ އިތުރުން އެ ފިލްމުގައި މުހިންމު ރޯލުތައް ކުޅެނީ ސަންޖޭ ދަތު، އާރު މަދަވަން، އަކްޝޭ ކަންނާ އަދި އަރްޖުން ރާމްޕާލެވެ.

"ދުރަންދަރު" ރިލީޒްކުރާ ގޮތަށް ހަމަޖައްސާފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ.