Roadha Mihaaru

"ދުރަންދަރު" އިން އަކްޝޭ ކަންނާ އަށް ހާއްސަ ސަމާލުކަމެއް!

މިދިޔަ ހުކުރު ދުވަހުން ފެށިގެން ސިނަމާތަކުގައި ދައްކަމުން އަންނަ ރަންވީރު ސިންގުގެ އާ ފިލްމު "ދުރަންދަރު" އިން އެކްޓަރު އަކްޝޭ ކަންނާ އަށް ހާއްސަ ސަމާލުކަމެއް ލިބިއްޖެ އެވެ.

އަކްޝޭ ކަންނާ އަށް ހާއްސަ ސަމާލުކަމެއް!

މިދިޔަ ހުކުރު ދުވަހުން ފެށިގެން ސިނަމާތަކުގައި ދައްކަމުން އަންނަ ރަންވީރު ސިންގުގެ އާ ފިލްމު "ދުރަންދަރު" އިން އެކްޓަރު އަކްޝޭ ކަންނާ އަށް ހާއްސަ ސަމާލުކަމެއް ލިބިއްޖެ އެވެ.

"ދުރަންދަރު"ގައި އަކްޝޭ ކުޅެނީ ޕަކިސްތާނުގެ އަސްލު ގޭންގްސްޓާރެއް އަދި ސިޔާސީ މީހެއް ކަމަށްވާ ރެހްމާން ޑަކާއިތުގެ ރޯލެވެ. ފިލްމުގައި ވެސް އެ ރޯލަށް ދީފައި ވަނީ ހަމަ އެ ނަމެވެ. ފިލްމުގައި އަކްޝޭ ދެއްކި އެކްޓިންނަށް ގިނަ ބައެއް ތައުރީފު ވަނީ އޮއްސާލައިފަ އެވެ.

ގިނަ ބައެއްގެ ސަމާލުކަން ބޮޑަށް ލިބުނީ ބަހުރެއިންގެ ލަވައަކަށް އަކްޝޭ ނަށާ މަންޒަރަށެވެ. ފިލްމުގެ ޓީމުން މިހާރު ވަނީ އެ މަންޒަރު ސޯޝަލް މީޑިއާގައި ވެސް އާންމުކޮށްފަ އެވެ.

"ދުރަންދަރު" ރިލީޒްކުރިތާ ހަފުތާއެއް ވެސް ނުވަނީސް އެ ފިލްމަށް މިހާރު ވަނީ 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. މި އަހަރުގެ ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު އެއް ފިލްމަށް "ދުރަންދަރު" ވާނެ ކަމަށް ބޮލީވުޑްގެ ޓްރޭޑް އެނަލިސްޓުން ލަފާކުރެ އެވެ.

"ދުރަންދަރު"ގައި ދައްކަނީ 1999 ވަނަ އަހަރު އިންޑިއަން އެއާލައިންސްގެ ފްލައިޓް އައިސީ-814 ހައިޖެކްކުރި ހާދިސާ އާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް 2001 ވަނަ އަހަރު ދިން ހަމަލާގެ ފަހުން އިންޓެލިޖެންސް ބިއުރޯގެ ޗީފް އަޖޭ ސަންޔާލް (އާރް. މަދަވަން)، ޕާކިސްތާނުގެ ޓެރަރިސްޓުންގެ ނެޓްވޯކް ފުނޑާލުމަށް ޒުވާނަކު އެ ގައުމަށް ޖާސޫސެއްގެ ގޮތުގައި ފޮނުވާ ހިސާބުން ދެން ހިނގާ ކަންތައްތަކެވެ.

ޖާސޫސެއް ނުވަތަ އިންޑިއާގެ ރޯގެ އޭޖެންޓެއްގެ ގޮތުގައި ޕާކިސްތާނަށް ފޮނުވާ ޒުވާނާގެ ރޯލު ކުޅެނީ ރަންވީރެވެ.

ރަންވީރާ އެކު، އެ ފިލްމުގައި ލީޑު ރޯލު ކުޅުނީ ދެކުނު އިންޑިއާގެ އެކްޓްރެސް ސާރާ އަރްޖުނެވެ. ސާރާއަކީ ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ރާޖާ އަރްޖުންގެ ދަރިފުޅެވެ.

ރަންވީރާއި ސާރާ އަދި އަކްޝޭގެ އިތުރުން އެ ފިލްމުގައި މުހިންމު ރޯލުތައް ކުޅެނީ ސަންޖޭ ދަތު އާއި އާރު މަދަވަން އަދި އަރްޖުން ރާމްޕާލެވެ.

ޖިއޯ ސްޓޫޑިއޯސް އާއި ބީސިކްސް ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ "ދުރަންދަރު"އަކީ 2019 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ހަނގުރާމަ މަތީ ފިލްމު "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް"ގެ ޑައިރެކްޓަރު އަދިތުޔަ ދަރުގެ ފިލްމެކެވެ. އެ ފިލްމުގެ އެއް ޕްރޮޑިއުސަރަކީ ވެސް އޭނާ އެވެ.