Roadha Mihaaru
ވަކި ބޭފުޅަކު ނެތަސް ހީނަރުކަމެއް ނާންނާނެ: ޕީޕީއެމް

ވަކި ބޭފުޅަކު ނެތުމަކުން ހީނަރުކަމެއް ނާންނާނެ: ޕީޕީއެމް

01 އެޕްރީލް 2017

ވަކި ބޭފުޅަކު ޕީޕީއެމްގައި ނެތުމަކީ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީ އަށް ރައްޔިތުން ކުރާ ތާއީދަށް އެއްވެސް ހީނަރު ކަމެއް އަންނާނެ ކަމަށް ނޫން ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވަކި ބޭފުޅަކު ޕީޕީއެމްގައި ނެތުމަކީ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީ އަށް ރައްޔިތުން ކުރާ ތާއީދަށް އެއްވެސް ހީނަރު ކަމެއް އަންނާނެ ކަމަށް ނޫން ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ކައުންސިލް އިންތިހާބާ ގުޅޭގޮތުން ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕާޓީން ވަކިކޮށް، އޮފީސް ބަންދުކުރުން ފަދަ ކަންކަމުން، މައުމޫނަށް ތާއީދުކުރާ ރައްޔިތުންގެ ވޯޓު ލިބޭނެ ކަމަށް ގަބޫލުކުރައްވަންތޯ ނޫސްވެރިން ސުވާލު ދެންނެވުމުން ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ވިދާޅުވީ "ވަކި މީހަކު ނެތުމުން ޕާޓީ އަށް ލިބޭނެ އެއްވެސް ހީނަރު ކަމެއް ނެތް" ކަމަށެވެ. ޕީޕީއެމަކީ މުސްތަގުބަލެއް އޮތް ކާމިޔާބު ޕާޓީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކި ބޭފުޅެއްގެ ނަން ދަންނަވާކަށް ނެތިން، އެކަމަކު ވަކި ބޭފުޅަކު ނެތިގެން މި ޕާޓީއަށް އަންނާނެ ހީނަރު ކަމެއް ނެތް. މިއީ އުއްމީދެއް، މުސްތަގުބަލެއް އޮތް ޕާޓީއެއް،" އޭނާ ވިދާޅުވި އެވެ.

އިގްބާލް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެ ޕާޓީން އަންނަނީ ކުރަމުންނެވެ. އެކި އަތޮޅުތަކުގައި ކެމްޕޭން ޓީމުތައް މިހާރު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކެމްޕޭންގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ކެމްޕޭން ޓީމުތައް ދިއުން،" އިގްބާލް ވިދާޅުވި އެވެ.

ޕީޕީއެމް މީޑިއާ ކޮމެޓީގެ އެގްޒެކެޓިވް އަދި ހޯމް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު މުހައްމަދު ޝަކީބް ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެ ޕާޓީން ވާދަކުރާ ކެންޑިޑޭޓުންނަށް ވަރަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. ބޭނުންވާ ހުރިހާ މައުލޫމާތެއް ކޮންމެ ވަގުތަކު ވެސް ޕާޓީ އޮފީހުން ސާފުކުރަން ހޮޓްލައިނެއް ވެސް ގާއިމްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މެއި 6 ގައި ބާއްވަން ނިންމާފައިވާ ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން 522 ކެންޑިޑޭޓުން ވާދަކުރެ އެވެ.