Roadha Mihaaru
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން

ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން

20 އެޕްރީލް 2019

އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ވަރުގަދަކުރުމުގެ ފުރަތަމަ ފިޔަވަޅަކަށް ޕާޓީގެ ލީޑަޝިޕަށް ބަދަލުތަކެއް ގެނެސް ނައިބު ރައީސަކަށް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން މިރޭ ހަމަޖައްސައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ވަރުގަދަކުރުމުގެ ފުރަތަމަ ފިޔަވަޅަކަށް ޕާޓީގެ ލީޑަޝިޕަށް ބަދަލުތަކެއް ގެނެސް ނައިބު ރައީސަކަށް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން މިރޭ ހަމަޖައްސައިފި އެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާންގެ އިތުރުން ވެސް ދެ ނައިބުން އައްޔަން ކުރި އެވެ. އެއީ، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ އާ ލީޑަރު ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބާއި އޭގެ ހަ މަސް ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި ޕީޕީއެމްގެ ލީޑަޝިޕަށް ބަދަލުތަކެއް ގެނެސްފައިވާ ކަން ޓުވީޓަކުން އިއުލާން ކުރެއްވީ، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި މިހާރު ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ޕީޕީއެމްގެ ލީޑަޝިޕުން ޣައްސާނަށް، ޔާމީން ޖާގަ ދެއްވާނެ ކަން އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ކުރިން ވެސް ލަފާކުރެއްވި އެވެ. މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި ގުރައިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ހުސެއިން މަނިކުދޮންމަނިކާ ވާދަކުރައްވައި ހޮވިވަޑައިގެންނެވި ޣައްސާން ވަނީ ޕީޕީއެމަށް މަޖިލީހުގައި އެ ގޮނޑި ވެސް ކަށަވަރުކޮށްދެއްވައިފަ އެވެ.

ޕީޕީއެމްގެ ނައިބު ރައީސުންނަށް މިރޭ އައްޔަން ކުރެއްވި ތިން ބޭފުޅުން (ކ-ވ) ޣައްސާން، ޑރ. މުއިއްޒު އަދި މެމްބަރު ޝިޔާމް.

ޕީޕީއެމްގެ ނައިބު ރައީސުންނަށް މިރޭ އައްޔަން ކުރެއްވި ތިން ބޭފުޅުން (ކ-ވ) ޣައްސާން، ޑރ. މުއިއްޒު އަދި މެމްބަރު ޝިޔާމް.

ޔާމީނާއި ބައްޕާފުޅު މައުމޫނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގައި ޕާޓީ ދެ ފަޅިވުމުން ވެސް ޣައްސާން އެރުއްވީ ޔާމީން ފަޅިއަށެވެ. ޔާމީންގެ ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ބައްޕާފުޅު ޖަލަށްލުމުން އަމާޒުވި ފާޑުކިއުންތަކަށް ވެސް ބެއްލެވުމެއް ނެތި ރިޔާސީ އިންތިޚާބުގައި ޔާމީން ނާކާމިޔާބުވެވަޑައިގަތުމާ ހަމައަށް ޣައްސާން ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށެވެ.

ޣައްސާން، ނައިބަކަށް ހަމަޖެއްސި އިރު، ޕީޕީއެމް އަނބުރާ ލިބޭނެ ކަމުގެ އުއްމީދު މައުމޫން ދޫކޮށެއް ނުލައްވަ އެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެމަނިކުފާނު ވަނީ، ޕީޕީއެމް އަނބުރާ ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދުފުޅުގެ މަތިން ހަނދުމަ ކޮށްދެއްވައިފަ އެވެ. ޝަރުއީ މަރުހަލާގައި ޕީޕީއެމްގެ މައްސަލަ އޮތް އިރު، ކޯޓުން އެމަނިކުފާނާ އެއްކޮޅަށް ނުނިމޭނެ ކަމަށް ދެކިވަޑައިގެން މައުމޫން ގެންދަވަނީ އެމްއާރުއެމްގެ ނަމުގައި ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ވެސް ކުރައްވަމުންނެވެ.

ޕީޕީއެމްގެ ނައިބުންގެ ގޮތުގައި މީގެ ތިއްބެވީ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. އެނގިފައިވާ ގޮތުގައި، މަގާމުން އިސްތިއުފާ ދޭން ޕާޓީން ވަނީ ޒަމީރަށް އަންގައިފަ އެވެ.

ރިޔާސީ އިންތިޚާބަށް ފަހު ޒަމީރު، ޕާޓީގެ އެއްވެސް ހަރާކާތަކުން ނުފެނެ އެވެ. އާޒިމާގެ މައްޗަށް މަނީ ލޯންޑެރިންގެ ތުހުމަތުކޮށްފައި ވަނިކޮށް، އޭނާ ވަނީ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފަ އެވެ.

ޕީޕީއެމަށް ދެ ފަހަރު ކުރިމަތިވި ނާކާމިޔާބީއާ އެކު ޕާޓީގެ ލީޑަޝިޕް އިސްތިއުފާ އަށް ދެއްވަން ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ ގޮވާލައްވައިފަ އެވެ. އެއީ، ޕާޓީގެ ކައުންސިލާއި އާއްމު މެމްބަރުން އެދޭ ގޮތް ނަމަ، ޕާޓީގެ ލީޑަޝިޕުން އެއްފަރާތްވެވަޑައިގަންނަވާނެ ކަމަށް ޔާމީން ވަނީ ޕާޓީގެ ކައުންސިލް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފަ އެވެ.

އެމަނިކުފާނުގެ އާއިލާ އިން ވެސް އެދެނީ މި ވަގުތަށް، ސިޔާސީ ކަންކަމުން ދުރުވެވަޑައިގަތުމަށް ކަމަށް ޔާމީން ވިދާޅުވި އެވެ. އެކަމަކު، އެމަނިކުފާނުގެ ނިންމެވުން މިހާތަނަށް އިއުލާނެއް ނުކުރައްވަ އެވެ.

ޕާޓީ އަށް ނައިބުން މިރޭ އައްޔަން ކޮށްފައިވާ އިރު، އެ ނޫން ވެސް ޕާޓީ ހަރުދަނާކުރުމުގެ މަޝްވަރާތައް ކުރިއަށް އެބަދާ ކަަމަށް އަބްދުއްރަހީމް ވަނީ މިދިޔަ ހަފުތާގައި ވިދާޅުވެފަ އެވެ.

އެއް ބަދަލަކަށް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ޕީޕީއެމްގެ ލީޑަޝިޕުން ފެނުން ގާތެވެ. ޕާޓީ ހަރުދަނާ ކުރަން އެ ދެ ބޭފުޅުން ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅޭ ގޮތުން ޔާމީން ވަނީ ކައުންސިލް މެމްބަރުންނާ އެކު މަޝްވަރާ ކުރައްވައި ރުހުން ހޯއްދަވައިފަ އެވެ. އެކަމަކު އޭގެ ތަފްސީލުތަކެއް އެ ދެ ބޭފުޅުން އަދި ޕީޕީއެމުން ވެސް މިހާތަނަށް އާއްމެއް ނުކުރެ އެވެ.