Roadha Mihaaru

ޒަޔާން އާއި ނަބާހާ އަދި ނަބީހާ ހިއްސާވެ ނޮވެމްބަރުގައި ތިން ގައުމުގެ މުބާރާތުން ހަތް މެޑަލް

އެފްރިކާ ބައްރުގެ ތިން ގައުމެއްގެ ބެޑްމިންޓަން އިންޓަނޭޝަލް ސީރީޒް މުބާރާތްތަކުގައި ވާދަކޮށް ރާއްޖޭގެ ހުސައިން ޒަޔާން ޒަކީ އާއި ފަތިމަތު ނަބާހާ އަބްދުރައްޒާގް އަދި އާމިނަތު ނަބީހާ އަބްދުރައްޒާގް ހަތް މެޑަލް ހޯދައިފި އެވެ.

ޒަޔާން އާއި ނަބާހާ އަދި ނަބީހާ ހިއްސާވެ ހަތް މެޑަލް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

01 ޑިސެމްބަރ 2025

އެފްރިކާ ބައްރުގެ ތިން ގައުމެއްގެ ބެޑްމިންޓަން އިންޓަނޭޝަލް ސީރީޒް މުބާރާތްތަކުގައި ވާދަކޮށް ރާއްޖޭގެ ހުސައިން ޒަޔާން ޒަކީ އާއި ފަތިމަތު ނަބާހާ އަބްދުރައްޒާގް އަދި އާމިނަތު ނަބީހާ އަބްދުރައްޒާގް ހަތް މެޑަލް ހޯދައިފި އެވެ.

މިދިޔަ މަހު ކުރީކޮޅު ޒެމްބިއާއިން ފެށި އެފްރިކާގެ ޓްއާގައި އެ ބައްރުގެ ތިން ގައުމުގެ މުބާރާތުގައި ވާދަކޮށް ޒަޔާން އާއި ނަބާހާ އަދި ނަބީހާ ހިއްސާވެ ހޯދި މެޑަލް ލިސްޓްގައި ޒެމްބިއާ މުބާރާތުގެ މިކްސްޑް ޑަބަލްސް ކެޓަގަރީން ޒަޔާން އާއި ނަބާހާ ހޯދި ރަން މެޑަލް ވެސް ހިމެނެ އެވެ. ދެން އެ ކުޅުންތެރިން ވާދަ ކުރީ ބޮޓްސްވާ މުބާރާތުގަ އެވެ. އިއްޔެ ނިންމާލީ ދެކުނު އެފްރިކާގެ މުބާރާތެވެ.

އެ ގައުމުގެ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒްގެ ޑަބަލްސް އިވެންޓުން ނަބާހާ ނަބީހާގެ ޕެއާއިން ރިހި މެޑަލް ހޯދި އެވެ.

ފައިނަލުގައި ނަބާހާ އާއި ނަބީހާ ދެކޮޅަށް ކުޅުނީ ނޮވެމްބަރު 16 ގައި ނިމުނު ޒެމްބިއާ އިންޓަނޭޝަނަލް ސީރީޒްގައި އަދި މިދިޔަ ހަފުތާގައި ބޮޓްސްވާނާ މުބާރާތުގެ ފައިނަލުގައި ވެސް ކުޅުނު ދެކުނު އެފްރިކާގެ އޭމީ އާކަމަން އާއި ޖޯހަނީޓާ ޝޯޓްޒްގެ ޕެއާއެވެ.

އަމިއްލަ ގައުމުގައި ކުޅެ އެމީ އާއި ޖޯހަނީޓާ މެޗު ކާމިޔާބު ކުރީ 2-1 ސެޓުންނެވެ. ނަބީހާ އާއި ނަބާހާ އަށް ހޯދުނީ ދެވަނަ ސެޓެވެ. އެ ސެޓް ދިޔައީ ވެސް ވަރަށް ވާދަވެރިކޮށެވެ.

ފުރަތަމަ ސެޓް ދެކުނު އެފްރިކާގެ ޕެއާއިން ކާމިޔާބު ކުރީ 21-9 ންނެވެ. ދެވަނަ ސެޓް ނަބީހާ އާއި ނަބާހާގެ ޕެއާއިން ގެންދިޔައީ 26-24 އިންނެވެ. އެމީ އާއީ ޖޯހަނީޓާ މެޗު ކާމިޔާބު ކުރީ ފަހު ސެޓް 14-21 އިންން ހޯދައިގެންނެވެ.

ނަބީހާ އާއި ނަބާހާ ވެސް މުބާރާތުގައި ވާދަކުރީ ރާއްޖޭގެ ބެޑްމިންޓަން ކްލަބް ރިވައިވަލް ސްޕޯޓްސްއިންނެވެ.

އެ ކްލަބްގެ އެއް ފައުންޑަރު ހުސައިން ޒަޔާން ޒަކީ އާއި ނަބާހާ ވަނީ މިކްސްޑް ޑަބަލްސްގެ ސެމީ ފައިނަލުގައި ވާދަކޮށް ލޯ މެޑަލް ހޯދައިފަ އެވެ. އަދި ސިންގަލްސް ބައިން ވެސް ނަބަހާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.