މާދަމާ ފަށާ ކޮމަންވެލްތު ގޭމްސްގެ ބެޑްމިންޓަންގެ މިކްސް ޓީމު އިވެންޓްގައި ސްކޮޓްލެންޑާ އެއް ގުރޫޕެއްގައި ދިވެހިރާއްޖެ ލައްވައިލައިފި އެވެ.
27 ޖުލައި 2022
މާދަމާ ފަށާ ކޮމަންވެލްތު ގޭމްސްގެ ބެޑްމިންޓަންގެ މިކްސް ޓީމު އިވެންޓްގައި ސްކޮޓްލެންޑާ އެއް ގުރޫޕެއްގައި ދިވެހިރާއްޖެ ލައްވައިލައިފި އެވެ.
ގުރޫޕް ސީ ގައި ދެން ހިމެނެނީ ކެނަޑާ އާއި ޔޫގެންޑާ އެވެ. މިކްސް ޓީމު އިވެންޓްގެ ގުރޫޕް ސްޓޭޖު ކޮލިފައިން ރައުންޑްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ނުކުންނާނީ ސްކޮޓްލެންޑާ ދެކޮޅަށެވެ. އަދި ހޮނިހިރު ދުވަހު ރާއްޖެއިން ނުކުންނާނީ ކެނަޑާ އާ ދެކޮޅަށެވެ. އަދި ހަމަ އެ ދުވަހު ޔޫގެންޑާ އާ ދެކޮޅަށް ރާއްޖެ ނުކުންނާނެ އެވެ.
މުބާރާތުގެ ނޮކައުޓް ބުރަށް ދަތުރު ކުރާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގަދަ ދެ ޓީމެވެ. ނޮކައުޓް ބުރު ފަށާނީ އަންނަ އާދީއްތަ ދުވަހު އެވެ.
ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން ވާދަކުރާ ބެޑްމިންޓަން ޓީމުގައި ހިމެނެނީ؛ ފާތިމަތު ނަބާހާ އަބްދު ރައްޒާގް، އާމިނަތު ނަބީހާ އަބްދު ރައްޒާގް، ރިޝްވާން ޝިޔާމް، ހުސައިން ޒަޔާން ޝަހީދު ޒަކީ، މުހައްމަދު އަޖުފާން ރަޝީދު އަދި ނިބާލް އަހުމަދެވެ.
ބެޑްމިންޓަންގެ ތަޖުރިބާކާރަކު ބުނި ގޮތުގައި ކޮމަންވެލްތު ގޭމްސް އަށް ނެގި ބެޑްމިންޓަން ޓީމަކީ އިންޓަނޭޝަނަލް ގޭމްސްގެ ތަޖުރިބާ ބޮޑު ޓީމެކެވެ. މި ޓީމުގައި ހިމެނޭ ނަބާހާ އާއި އަޖުފާން އަކީ އޮލިމްޕިކް ގޭމްސްގައި ވާދަ ކުރި ދެ އެތުލީޓުންނެވެ. މިދިޔަ އަހަރު ޖަޕާންގައި ބޭއްވި އޮލިމްޕިކް ގޭމްސްގައި ނަބާހާ ވާދަ ކުރި އެވެ.
އޮލިމްޕިކްސް އަށް ނަބާހާ އަށް ޖާގަ ލިބުނީ، ބައިނަލްއަގްވާމީ ގޭމްސްތަކާއި މުބާރާތްތަކުގައި އޭނާ ހޯދާފައިވާ ކުރިއެރުމަށް ބިނާކޮށެވެ. އަޖުފާން ވަނީ 2012 ގައި ލަންޑަންގައި ބޭއްވި އޮލިމްޕިކް ގޭމްސް އަށް ކޮލިފައިވެގެން އެ ގޭމްސްގައި ވާދަކޮށްފަ އެވެ.
ނަބާހާ އާއި ނަބީހާ އަކީ ދުނިޔޭގެ ޑަބަލްސް ރޭންކިންގެ ގަދަ 100 ގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިންނެވެ. އަދި އޯގަސްޓް މަހު ޖަޕާންގައި ބާއްވާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕަށް ވެސް އެ ދެކުޅުންތެރިން ވަނީ ކޮލިފައި ވެފަ އެވެ. އަޖުފާން ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް ހޯދައިފަ އެވެ. އަދި ރާއްޖޭގެ ގައުމީ ޗެމްޕިއަންކަން ރެކޯޑް އަދަދަކަށް ހޯދި އެވެ. ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ގައުމީ ޓީމަށް ނެގި ޒަޔާން ވަނީ އަމިއްލަ ގޮތުން މުބާރާތްކުގައި ވާދަކޮށް ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަންގެ ސާކިޓް މުބާރާތުން ރަން މެޑަލް ހޯދައިފަ އެވެ.
އަރަމުން އަންނަ ކުޅުންތެރިޔާ ނިބާލް ޓްރޭނިން ހަދަމުން އަންނަނީ ދުބާއީގެ ހައި ޕޯފޯމަންސް ސެންޓަރުގަ އެވެ. ގޭމްސް އަށް ދިއުމުގެ ކުރިން އޭނާ ވަނީ އެއް މަސް ދުވަހުގެ ޓްރޭނިން ޕްރޮގްރާމެއް ދުބާއީގައި ފުރިހަމަ ކޮށްފަ އެވެ. ރިޝްވާން ވެސް ވަނި ޒަޔާން އާއެކު ރިވައިވަލް ސްޕޯޓްސްގައި އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަކޮށްފަ އެވެ.
"މިއީ ބެޑްމިންޓަންގައި ރާއްޖެއިން ނެގޭނެ އެންމެ ރަނގަޅު ސްކޮޑް،" ބެޑްމިންޓަންގެ ތަޖުރިބާކާރު ބުންޏެވެ.
ކޮމަންވެލްތު ގޭމްސްގެ މިކްސް ޓީމު އިވެންޓްގެ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ ހިމެނެނީ ގުރޫޕް އޭ ގަ އެވެ. އެ ގުރޫޕްގައި އިންޑިއާ އާއެކު ދެކުނު އޭޝިއާގެ ދެ ޓީމު ކަމަށްވާ ޕާކިސްތާނާއި ސްރީ ލަންކާ ވެސް އެބައޮތެވެ. ދެން އެ ގުރޫޕްގައި ހިމެނެނީ އޮސްޓްރޭލިއާ އެވެ.
އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި 2018 ގައި ބޭއްވި ގޭމްސްގެ މިކްސް ޓީމު އިވެންޓްގެ ފައިނަލުގައި އިންޑިއާ އާ ދެކޮޅަށް ނުކުތް މެލޭޝިއާ ހިމެނެނީ ގުރޫޕް ޑީ ގަ އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ ދެކުނު އެފްރިކާ، ޒެމްބިއާ އަދި ޖަމައިކާ އެވެ. ގޭމްސްގައި ބެޑްމިންޓަން އިން އެންމެ ކާމިޔާބު ގައުމަކީ މިފަހަރު ގޭމްސް ބާއްވާ އިންގްލެންޑެވެ. އެ ޓީމު ވަނީ ގޭމްސްގެ ބެޑްމިންޓަން ތާރީހުގައި 109 މެޑަލް ހޯދައިފަ އެވެ. ބެޑްމިންޓަން މެޑަލް ލިސްޓްގެ ދެވަނައިގައި އޮތީި އިންޑިއާ އެވެ. އިންގްލެންޑް ހިމެނެނީ ސިންގަޕޫރާއި ބާބަޑޯސް އަދި މޮރިޝަސް އާއެކު ގުރޫޕް ބީ ގަ އެވެ.
މިކްސް ޓީމު އިވެންޓްގެ ގޯލްޑް މެޑަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. މުބާރާތުގެ އިންޑިވިޖުއަލް އިވެންޓްތައް ފަށާނީ ބުދަ ދުވަހު އެވެ.
- ގުރޫޕް އޭ: އިންޑިއާ، އޮސްޓްރޭލިއާ، ސްރީ ލަންކާ، ޕާކިސްތާން
- ގުރޫޕް ބީ: އިންގްލެންޑް، ސިންގަޕޫރު، މޮރިޝަސް، ބާބޮޑޯސް
- ގުރޫޕް ސީ: ކެނަޑާ، ސްކޮޓްލެންޑް، ދިވެހިރާއްޖެ، ޔޫގެންޑާ
- ގުރޫޕް ބީ: މެލޭޝިއާ، ދެކުނު އެފްރިކާ، ޖަމައިކާ އަދި ޒެމްބިއާ
އަޖުފާން އާއި ނަބާހާ ގައުމީ ޗެމްޕިއަންކަން ހޯދައިފި
ބޮޓްސްވާނާގައި ޒަޔާން އާއި ނަބާހާގެ ޕެއާ އަށް ރިހި
ބޮޓްސްވާނާގައި ދެކެޓަގަރީން ދިވެހި އެތުލީޓުން ފައިނަލަށް
ބެޑްމިންޓަންގެ ގައުމީ ތަށި ޒަޔާން އާއި ނަބީހާ އަށް
ފައިނަލުގައި ނަބާހާ، ނީލާ، ޒަޔާން އަދި ނިބާލް!
ފައިނަލުގައި އަޖުފާނާއި ނިބާލްގެ ކުރިމަތިލުމެއް
ދައްތަ ބަލިކޮށް ނަބާހާ، ބޮޓްސްވާނާ މުބާރާތް ކާމިޔާބު
ނަބީހާ އާއި ނަބާހާއަށް ޑަބަލްސް އިވެންޓުން ރަން މެޑަލް
ޔޫގާންޑާ ސީރީޒުން ނަބާ އާއި ނަބީ އަށް ލޯ މެޑަލް
ކަޒަކިސްތާނުގައި ނަބާ، ނަބީއަށް ބްރޯންޒް މެޑަލް