Roadha Mihaaru
ތިނަދޫ މެޖިސްޓްރޭޓް މަގާމުން ވަކިކުރަން ފާސްކޮށްފި

މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން މަޖިލިހުން ފާސްކޮށްފި

26 ޖޫން 2019

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިންމައި މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިންމައި މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި އެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި އެ މައްސަލައިގައި މެމްބަރުން ބަހުސް ކުރައްވައި މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވީ އިއްޔެ އެވެ. ޖުޑިޝަރީ ކޮމިޓީން މައްސަލަ ދިރާސާކޮށް އިބްރާހިމް ރަޝީދު ފަނޑިޔާރު ކަމުން ވަކި ކުރަން ވަނީ ނިންމައިފަ އެވެ.

މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކި ކުރަން ޖޭއެސްސީން ނިންމީ އޭނާ އަންހެނަކާ ދިމާލަށް ބޭއަދަބީ ބަސްތަކުން މުޚާތަބުކޮށް ގަޒްފުކުރި މައްސަލައެއްގަ އެވެ.

މިއީ ރައްޔިތުންގެ މަޖިލީހުން ވޯޓެއް ނަގައިގެން ފަނޑިޔާރަކު މަގާމުން ބޭރުކުރި ފުރަތަމަ ފަހަރެވެ. އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ނިންމީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.

ޖޭއެސްސީ އަށް އަމިއްލަ މީހަކު ހުށަހެޅި މައްސަލައިގައި ވަނީ އިބްރާހިމް ރަޝީދު ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި ހުންނަވައިގެން އަންހެނަކާ ދިމާލަށް ހަޑިހުތުރު އެއްޗެތި ގޮވައި އެ ހިސާބުގަނޑު މީހުންގެ ކުރިމަތީގައި ހަޅޭއްލަވާފައިވާ ކަމަށެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު އޮތް ޖޭއެސްސީން މި މައްސަލައިގައި ނިންމި ނިންމުމުގައި ވަނީ އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާ އަށް އިބްރާހިމް ރަޝީދު އިންކާރުކޮށްފައިވީ ނަމަވެސް ޝަކުވާއާ މެދު ގޮތެއް ނިންމުމުގައި ރިއާޔަތްކޮށްފައި ވަނީ ޝަރުއީ މިންގަނޑަށް ކަމަށެވެ.

އެގޮތުން ޝަކުވާގެ މައުޟޫއުގެ ދެ ފަރާތަކުން އެކަމަށް ހެކި ބަސް ދީފައިވާ ކަމާއި ފަނޑިޔާރުންގެ ސުލޫކަކީ ވަކި ހުދޫދެއްގެ ތެރޭގައި ވަކި ގޮތަކަށް ބައްޓަން ކުރަން ޖެހޭ އެއްޗެއް ކަމަށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ލާޒިމްކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީން ނެރުނު ތަހުގީގު ރިޕޯޓުގައިވެ އެވެ.

މި މައްސަލަ އަށް މަޖިލިހުގައި ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ އިބްރާހިމް ރަޝީދުގެ ފަނޑިޔާރު ކަމުގެ ޝަރުތު ހަމަނުވާ ކަމަށް ވިދާޅުވެފަ އެވެ.

އިބްރާހިމް ރަޝީދު ވަކި ކުރަން ނިންމި އިރު، މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ މެއި 28، 2016 ގައި ހައްޔަރު ކުރި އެވެ. އަދި އެ މައްސަލައިގައި ޖޭއެސްސީން އޭނާ ސަސްޕެންޑް ވެސް ކުރި އެވެ.