Roadha Mihaaru

28 ޖަލްސާއިން 15 ބިލް ފާސްކޮށް މަޖިލިސް ޗުއްޓީއަށް

މުހިންމު ބިލްތަކެއް ފާސްކުރުމަށް ޓަކައި ޗުއްޓީއަށް ދިއުން ތިން ދުވަހަށް ލަސްކޮށް، އެ ބިލްތައް ފާސްކުރުމަށް ފަހު، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މިއަދު ޗުއްޓީއަށް ވަޑައިގެންފި އެވެ.

15 ބިލެއް ފާސްކުރުމަށް ފަހު މަޖިލިސް ޗުއްޓީއަށް
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

03 ޑިސެމްބަރ 2025

މުހިންމު ބިލްތަކެއް ފާސްކުރުމަށް ޓަކައި ޗުއްޓީއަށް ދިއުން ތިން ދުވަހަށް ލަސްކޮށް، އެ ބިލްތައް ފާސްކުރުމަށް ފަހު، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މިއަދު ޗުއްޓީއަށް ވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ނިންމައި މެންބަރުން ޗުއްޓީއަށް ވަޑައިގަންނަވަން އޮތީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. އެހެން ނަމަވެސް މިއަދުގެ ޖަލްސާއާ ހަމައަށް ދައުރު އިތުރުކުރަން ފާސްކުރީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެގޮތަށް ހުށަހަޅުއްވައި މެންބަރު ވޯޓުދެއްވައިގެންނެވެ.

މަޖިލިހުގެ މި އަހަރުގެ ފަހު ދައުރުގެ ފަހު ޖަލްސާގައި ފާސްކުރި އެންމެ މުހިންމު ބިލަކީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައި އެ އަދަބު ކަނޑައެޅޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ހިންގަން ނުވަތަ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭން މުހިއްމު ބިލެއް އޮތިއްޔާ ޗުއްޓީ އަށް ނުގޮސް އެ ބިލެއްގެ މަސައްކަތް ނިންމުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގެންގުޅޭ އުސޫލެއް ކަމަށެވެ.

"އެގޮތުން މިއަދާ ހަމައަށް އައިއިރު އަޅުގަނޑުމެން ދައުރު ދަންމާލިއިރު މުހިއްމު ބިލުތަކުގެ މަސައްކަތް މިއަދާ ހަމައަށް އައި އިރު ނިމިއްޖެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގައި ކުރި މަސައްކަތްތަކުގެ ތަފާސްހިސާބު ވެސް އަބްދުއްރަހީމް މިއަދު އާއްމުކުރެއްވި އެވެ.

މި އަހަރުގެ ފަހު ދައުރުގައި ކުރި މަސަައްކަތްތައް

- 28 ޖަލްސާ، (64 ގަޑިއިރު)

- 142 ކޮމިޓީ ބައްދަލުވުން ( 120 ގަޑިއިރު)

- 15 ބިލެއް ފާސްކުރި.

- މިނިސްޓަރުންނާ 29 ސުވާލުކުރި.

- ސަރުކާރުން ހުށަހެޅި 16 މައްސަލައަކާއި ރިޔާސަތުން ހުށަހެޅި ނުވަ މައްސަލައެއްގެ މަސައްކަތް ނިންމި

މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގައި ފާސްކުރި 15 ބިލުގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނަށް ގެނައި އިސްލާހާއި މަތީތައުލީމާއި ތަމްރީނުގެ ގާނޫނަށް ގެނައި އިސްލާހާއި ޓްރޭޑްމާކް ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ހިމެނެ އެވެ. ގާނޫނުއަސާސީއަށް ގެނައި އިސްލާހަކާއި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.