Roadha Mihaaru
މައިނޯރިޓީ އަށް ދޭން ޖެހޭ ޖާގަ ދޭނަން: ޕީއެންސީ

މަސައްކަތް ކުރާނީ މައިނޯރިޓީ އަށް ދޭން ޖެހޭ ޖާގަ ދީގެން: ޕީއެންސީ

28 މެއި 2024

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައި އޮތަސް މަޖިލިހުގެ މަސައްކަތްތައް ބައްޓަން ކުރާނީ އިދިކޮޅުގައި ތިބި މަދު މެމްބަރުން ވެސް ފުރުސަތު ފަހިކޮށްދީގެން ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައި އޮތަސް މަޖިލިހުގެ މަސައްކަތްތައް ބައްޓަން ކުރާނީ އިދިކޮޅުގައި ތިބި މަދު މެމްބަރުން ވެސް ފުރުސަތު ފަހިކޮށްދީގެން ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބުނެފި އެވެ.

ވިހި ވަނަ މަޖިލިހަށް އިންތިހާބުކުރި 93 ބޭފުޅުން މެމްބަރުކަމުގެ ހުވާ މިއަދު ހެނދުނު ކުރައްވައި، އާ މަޖިލީހުގެ މަސައްކަތްތައް ފެށުމަށް ފަހު، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ފުރަތަމަ މީޑިއާ ބްރީފިންގައި އެ ގުރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، އެ ޕާޓީގެ "ބިޔަ ލަޝްކަރެއް" އޮތަސް އެންމެ އިސްކަންދޭނެ އެއް ކަމަކީ އެއީ ކަމަށެވެ.

މަޖިލިހުގެ މައިނޯރިޓީ ޕާޓީ އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންނަށް މަޖިލީހުގެ ތެރެއިން ބޭނުން ގޮތަކަށް ބޭނުން ފުރުސަތެއް ދީގެން މަސައްކަތް ކުރާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

"ވީހާ ވެސް ބޮޑަކަށް [މައިނޯރިޓީ މެމްބަރުން] ކޮމިޓީތަކުގަ އާއި ތަޅުމުގައި ވަކާލާތު ކުރުމާއި ހުރިހާ ކަމެއްގައި ބައިވެރި ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" މީގެ ކުރިން ވެސް މަޖިލިހުގެ މެމްބަރުކަން ކުރެއްވި ފަލާހު ވިދާޅުވި އެވެ.

ޕީއެންސީ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ޕީއެންސީ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ޖުމުލަ 76 މެމްބަރުންނާ އެކު، ޕީއެންސީ އަށް މަޖިލިހުން ލިބިފައިވާ ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް 71 މެމްބަރުންގެ ވޯޓުން މިއަދު އިންތިހާބުކުރި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެ ޕާޓީ އަށް ރައްޔިތުން އެހާ ބޮޑު އަޣުލަބިއްތެއް ދިނީ އެ ގޮތަށް މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވާ ގޮތަށް ހަމަހަމަ ކަމާއި އިންސާފުވެރިކަމާ އެކީގައި އަބަދުވެސް ޕީއެންސީން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޮތީމާ މިހާ ތަނަވަސް އަޣުލަބިއްޔަތެއް ރައްޔިތުން އެ ދެއްވީ،" ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ ޕީއެންސީގެ ބޮޑު އަޣުލަބިއްޔަތު ބޭނުން ކުރާނީ ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމުގެ ޔަގީން ކަން ދެއްވައިފަ އެވެ.

މިދިޔަ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އޭގެ ފަހުން އަމިއްލަ ގޮތުން އިންތިހާބުވި 10 މެންބަރަކު އެ ޕާޓީ އާ ގުޅިވަޑައިގަތުމުން ޕީއެންސީގައި މިހާރު ތިއްބެވީ ޖުމްލަ 76 މެންބަރުންނެވެ.

މަޖިލީހުގައި ދެން ތިއްބަވާނީ އެމްޑީޕީގެ 12 މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްއެންޕީގެ މެންބަރަކާއި އަމިއްލަ ގޮތުން އިންތިހާބުވި މެންބަރެކެވެ.