އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން އެ ތަނުގެ މުވައްޒަފުންތަކަކާ ގުޅިގެން މަގާމުގެ ނާޖައިޒު މަންފާ ހޯދި ކަމަށް ބުނާ މައްސަލަގައި ސީސީޓީވީ ފުޓޭޖުތައް ހޯދަން އެންގެވީ ހޯމް މިނިސްޓަރު އަލީ އިހުސާން ކަމަށް ހެކިވެރިޔަކު މިއަދު ކޯޓުގައި ބުނެފި އެވެ.
03 ޑިސެމްބަރ 2025
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން އެ ތަނުގެ މުވައްޒަފުންތަކަކާ ގުޅިގެން މަގާމުގެ ނާޖައިޒު މަންފާ ހޯދި ކަމަށް ބުނާ މައްސަލަގައި ސީސީޓީވީ ފުޓޭޖުތައް ހޯދަން އެންގެވީ ހޯމް މިނިސްޓަރު އަލީ އިހުސާން ކަމަށް ހެކިވެރިޔަކު މިއަދު ކޯޓުގައި ބުނެފި އެވެ.
މި އަހަރުގެ މާޗު މަހު ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000ރ. ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލާގަ އެވެ.
އެ މައްސަލާގައި ޝަމްއާންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި ފޭރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުގައި ބަހައްޓަން ކޯޓުން ކުރިން އޮތީ އަމުރު ކޮށްފަ އެވެ.
މި މައްސަލަގައި އިމިގްރޭޝަންގެ ސީސީޓީވީ ފުޓޭޖުތައް ފުލުހުންނާ ހަވާލުކުރި އިމިގްރޭޝަންގެ އޮފިސަރު ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިނެވެ. ހެކިބަސް ދެމުން އެ މީހާ ބުނީ ސީސީޓީވީ ފުޓޭޖުތައް ފުލުހުންނާ ހަވާލުކުރަން އޭނާ އަށް އެންގީ އައިސީޓީ ސެކްޝަންގެ އިސް ވެރިޔާ ކަމަށެވެ.
އޭނާ އަށް އައިސީޓީ ސެކްޝަންގެ ހެޑް، ގުޅުއްވާފައި ވިދާޅުވީ ސީސީޓީވީ ފުޓޭޖުތައް ފުލުހުންގެ ތަހުގީގަށް ހަވާލުކުރަން ހޯމް މިނިސްޓަރު އިހުސާން އެދިވަޑައިގެންފައިވާތީ އެކަން ކުރުމަށެވެ.
ހެކިވެރިޔާ އެހެން ބުނުމާ އެކު، ޝަމްއާންގެ ދިފާއީ ވަކީލް ނޫރުއްސަލާމް އަބޫބަކުރު މިއަދުގެ އަޑުއެހުމުގައި ވަނީ އެއީ އެކަމުގައި އޮންނަ ރަސްމީ ޗެނަލްތޯ ސުވާލު ކުރައްވައިފަ އެވެ. ހެކިވެރިޔާ ބުނީ އާންމު ގޮތެއްގައި އެފަދަ މައުލޫމާތު ހޯދަން އަންގަނީ ސީދާ ފުލުހުން ކަމަށާއި ނަމަވެސް ވަގުތާއި ހާލަތުގެ ގޮތުން މިނިސްޓަރު އަދި ފުލުހުންގެ އިސް އޮފިސަރުން އެދިގެން ވެސް ފުޓޭޖް ފޯރުކޮށްދޭ ކަމަށެވެ.
ދައުލަތުގެ ވަކީލް ވަނީ މިނިސްޓަރުގެ އެންގުމެއް ސީދާ އޮފިސަރަށް ލިބުނުތޯ ސުވާލުކޮށްފަ އެވެ. އޮފިސަރު ކުރިން ވެސް ދިން ޖަވާބު ތަކުރާރުކޮށް އޭނާ ބުނީ މިނިސްޓަރު ސީދާ އޭނާ އަށް ނުގުޅުއްވާ ކަމަށެވެ.
މި މައްސަލަގައި ސީން އަށް އެޓެންޑްވި ފުލުހުންގެ ބައެއް އޮފިސަރުންގެ ހެކިބަސް މިއަދު ވަނީ ނަގައިފަ އެވެ.
ޝަމްއާންގެ އާއިލާއިން ގެންދަނީ އޭނާ ހައްޔަރުކުރުމުގައި މިނިސްޓަރު އިހުސާން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރަމުންނެވެ. ޝަމްއާން ބަންދުކުރަން ހޯމް މިނިސްޓަރު އިހުސާން މަސައްކަތް ފެއްޓެވީ އިހުސާންގެ "ވީޑިއޯ"އެއް އޮތުމުން ކަމަށް ވެސް އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ނަމަވެސް އެ ކުރާ ތުހުމަތު ތަކުގެ ތަފްސީލެއް ނުދެ އެވެ.
ނަމަވެސް ޝަމްއާން ހައްޔަރުކޮށްފައިވަނީ އޭނާއާ އޮތް ޒާތީ ކަމެއްގައި ނޫން ކަމަށް އިހުސާން ވަނީ ވިދާޅުވެފަ އެވެ.
ޝަމްއާންގެ މައްޗަށް ދައުވާތައް އުފުލާފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި، އިމިގްރޭޝަންގެ ރިސްކް ސެކްޝަނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީ މީހާ ދޫކޮށްލަން އިރުޝާދު ދީ، އެ މީހާއާ އެކު، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއްގެ އަތުން 500،000 ރުފިޔާ އަތުލުމަށް ޝަމްއާން އަންގަވާފައި ވާތީ އެވެ.
އެ ފައިސާ ބިދޭސީ މީހާގެ އަތުން ނަގާފައިވަނީ އޭނާ ރާއްޖެ ދޫކޮށް ނުގޮސްފި ނަމަ ދަތިކުރުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައި ވެ އެވެ.
ބިދޭސީ މީހާގެ އަތުން ފައިސާ ފޭރުމަށް ފަހު، އެ ފައިސާ މާޗު 13، 2025 ގެ މެންދުރުފަހު 3:00 ހާއިރު ޝަމްއާންގެ އަތަށް ގެންގޮސްދިނުމުން، އޭގެ ތެރެއިން 400،000 ރުފިޔާ ބަލައިގަނެ އަތުގައި ބަހައްޓާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ހަމަ އެ ދުވަހު އެ ފައިސާގެ ތެރެއިން ބައެއް ބޭނުން ކޮށްގެން، ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމުގެ ގޮތުން ބޭންކު އޮފް މޯލްޑިވްސްގެ ލޯން އެކައުންޓަށް 149،491.46 ރުފިޔާ އާއި އެހެން ލޯނު އެކައުންޓަކަށް 110،345.59 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ޝަމްއާނަށް ކުރި ދައުވާގައި ބުނެފައިވެ އެވެ.
ޝަމްއާންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ
ވީޑިއޯ ފުލުހަށް ދޭން އެދުނީ ޒިންމާގެ ދަށުން: އިހުސާން
ޝަމްއާން، ގަވާއިދާހިލާފު ނުވާން އަންގަވާ: ހެކި
އިމިގްރޭޝަންގެ އަލްސަންގެ މައްޗަށް ދެ މަހުގެ ހުކުމެއް
ދެ މާރުކޭޓް ރެއިޑްކޮށް ރޭ ވެސް ބިދޭސީން އަތުލައިގަތް!
ޝަމްއާނަށް ކުރާ ދައުވާތަކަކީ ސިޔާސީ ފިލްމެއް: ވަކީލް
ޝަމްއާންގެ ޝަރީއަތް ފަށައިފި، އެކަކު އިއުތިރާފުވެއްޖެ
ޝަމްއާން ހައްޔަރުކުރީ ފްރޭމްކޮށްގެން: އަނބިމީހާ
ޝަމްއާން ބަންދުކުރި ގޮތާ މެދު ސުވާލު އުފައްދައިފި
ޝަމްއާން ބަންދުކުރި މައްސަލަކުރިއަށް ގެންދަން ނިންމައިފި