Roadha Mihaaru

އިއުތިރާފުވުމުން އިމިގްރޭޝަންގެ އަލްސަންގެ މައްޗަށް ދެ މަހުގެ ހުކުމެއް، ތަންފީޒު ކުރާނެ އަދަބެއް ނެތް

މަގާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި އިމިގްރޭޝަންގެ އޮފިސަރު މުހައްމަދު އަލްސަން އިސްމާއިލްގެ މައްޗަށް ދެ މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އިމިގްރޭޝަންގެ އަލްސަންގެ މައްޗަށް ދެ މަހުގެ ހުކުމެއް
ނާޒިމް ހަސަން
ނާޒިމް ހަސަން

30 ނޮވެމްބަރ 2025

މަގާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި އިމިގްރޭޝަންގެ އޮފިސަރު މުހައްމަދު އަލްސަން އިސްމާއިލްގެ މައްޗަށް ދެ މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އަލްސަންގެ މައްޗަށް ދައުލަތުން ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެވެ. އެ ދައުވާއަށް އޭނާ ފުރަތަމަ އިންކާރު ކުރި އެވެ. ނަމަވެސް ފަހުން ވަނީ ދައުވާ އަށް އިއުތިރާފުވެ، ދައުލަތާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ.

އެ އެއްބަސްވުން ބަލައިގަންނަން ޝަރީއަތުން ނިންމައި، އެއްބަސްވުމާ އެއްގޮތަށް އަލްސަންގެ މައްޗަށް މިއަދު ވަނީ ކްރިމިނަލް ކޯޓުން ހުކުމް އިއްވައިފަ އެވެ. އެއްބަސްވުމުގައިވާ ގޮތުގައި އޭނާގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

އެ އަދަބުގެ ތެރެއިން އެއް ބަޔަކީ ދެ މަހާއި ތިން ދުވަހުގެ ޖަލު ހުކުމެއްގެ ގޮތަށް އަދި ބާކީވާ މުއްދަތު ޖޫރިމަނާގެ ފައިސާ އަށް ބަދަލުކުރަން އެއްބަސްވެފައިވެ އެވެ.

އެހެންވެ އެއްބަސްވުމާ އެއްގޮތަށް އަލްސަން އިއުތިރާފަށް ރިއާޔަތްކޮށް ޝަރީއަތުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އިއްވީ ދެ މަހާއި ތިން ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ޖޫރިމަނާއެެއްގެ ގޮތުން 45،000ރ. 12 މަސް ދުވަހަށް ބަހާލައިގެން ދެއްކުމަށް ވެސް އެންގި އެވެ.

މި މައްސަލައާ ގުޅިގެން އަލްސަން ހައްޔަރުކޮށްފައިވަނީ މިދިޔަ މާޗު މަހު އެވެ. އެހެންވެ، ބަންދުގައި ހުރި މުއްދަތު އަދަބުގެ މުއްދަތަށް ވުރެ އިތުރުވާތީ، ހުކުމާ ގުޅިގެން އޭނާ އިތުރަށް ބަންދުގައި ހުންނާކަށް ނުޖެހޭނެ އެވެ. އޭނާ މިއަދު ބަންދުން މިންޖުވާނެ އެވެ.

އަލްސަން ހައްޔަރުކުރީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާންއާ އެކު އެވެ. ޝައްމާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދާއިރު އޭނާ ވަނީ ދައުވާ އަށް އިންކާރު ކޮށްފަ އެވެ. އެ ޝަރީއަތުގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.

ދައުލަތުން ތުހުމަތު ކުރަނީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށެވެ.

ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ އެ އޮޕަރޭޝަން ހިންގީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ފިޔަވައި އެ އިދާރާގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެ އެވެ.

ފުލުހުން ބުނީ، އެ ބިދޭސީންތަކުގެ ތެރެއިން 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށެވެ. އަދި ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން، ޑިޓެއިނުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން އެ އޮފިސަރުން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.