Roadha Mihaaru

ލަންކާ ރައީސްގެ ޝުކުރު ރާއްޖެއަށް

ސްރީ ލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހިންގެ ފަރާތުން ދިން އެހީތެރިކަމަށް ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.

ލަންކާ ރައީސްގެ ޝުކުރު ރާއްޖެއަށް
އިފްރާޒް އަލީ
އިފްރާޒް އަލީ

03 ޑިސެމްބަރ 2025

ސްރީ ލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހިންގެ ފަރާތުން ދިން އެހީތެރިކަމަށް ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.

ޑިސަނަޔަކެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވެވި ހިތްހެޔޮ މެސެޖާއި ރާއްޖެއިން ލަންކާއަށް ދިން އެހީއަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރާއްޖެއިން ދެއްކި އެއްބައިވަންތަކަމުގެ ސަބަބުން ލަންކާގެ ރައްޔިތުންނަށް ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށާއި މިއީ ދެ ގައުމުގެ ގާތް ގުޅުމުގެ ވަރުގަދަކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް ޑިސަނަޔަކެ ވިދާޅުވި އެވެ.

ލަންކާ އަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް (1.2 މިލިއަން މަސްދަޅު) ހަދިޔާކުރި އިރު، އެ ގައުމަށް އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ރާއްޖޭގެ ފޮރިން މިނިސްޓްރީއާ އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ. ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ވެސް ލަންކާ ސަރުކާރާ އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ.

ލަންކާއަށް ދޭ 25،000 މަސްދަޅު ކޭސް 14 ކޮންޓެއިނަރަށް ބަރުކޮށްގެން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓު ގަލޭނާ ލަންކާގެ ވެރިރަށް ކޮލަމްބޯއަށް ދިއުމަށް ރޭ ދަންވަރު މާލެއިން ވަނީ ފުރައިފަ އެވެ. މާދަމާ ހެނދުނު 11:00 ޖަހާއިރު އެ ބޯޓު ކޮލަމްބޯގައި ބަނދަރުކުރާނެ އެވެ.

ލަންކާގެ ރައްޔިތުންނަށް އެހީތެރިވާން ދިވެހިން ނަމޫނާ ދައްކަމުން އަންނަ މި ދަނޑިވަޅުގައި ރާއްޖޭގެ މަޝްހޫރު ބައެއް ވިިޔަފާރި ކުންފުނިތަކުން ވެސް ވަނީ ރާއްޖޭގައި ހުންނަ ލަންކާގެ އެމްބަސީ މެދުވެރިކޮށް ބޮޑެތި އަދަދުތަކުން ފައިސާ ދީފަ އެވެ. އަދިވެސް ފައިސާ ހޯދުމުގެ އިތުރު ޕްރޮގްރާމްތައް އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ ހިންގަމުންނެވެ.