Roadha Mihaaru

ވޯލްޑް ކަޕްގައި ވެސް ބަނގުރަލަށް ހުއްދައެއް ނުދޭނަން: ސައުދީ

ވޯލްޑް ކަޕް ބާއްވަން ވިޔަސް ބަނގުރަލުގެ ހުއްދަ ނުދޭނެކަމަށް، 2034 ގެ މުބާރާތް ބާއްވާ ސައުދީ އަރަބިއާއިން ބުނެފި އެވެ.

ވޯލްޑްކަޕްގައިވެސް ބަނގުރާ ހުއްދައެއް ނުދޭނަން: ސައުދީ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

13 ފެބުރުއަރީ 2025

ވޯލްޑް ކަޕް ބާއްވަން ވިޔަސް ބަނގުރަލުގެ ހުއްދަ ނުދޭނެކަމަށް، 2034 ގެ މުބާރާތް ބާއްވާ ސައުދީ އަރަބިއާއިން ބުނެފި އެވެ.

ސައުދީ އަރަބިއާއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު ހާލިދު ބިން ބަންދާރު އަލް ސައުދު ވިދާޅުވީ ދަތުރުކުރާ ސަޕޯޓަރުން ބަނގުރާ ގަންނަން ބޭނުންވިޔަސް އެއީ ސައުދީގެ ގާނޫނުތަކާއި އާންމު މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށެވެ.

"އަހަރެމެން މި ވަގުތު މިތިބީ އެ ހުއްދަ ދޭކަށް ނޫން،" އެލްބީސީ އަށް ދިން އިންޓަވިއުގައި ސައުދީ ޝާހީ އާއިލާގެ މެންބަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ އަމީރު ހާލިދު ބިން ބަންދާރު ވިދާޅުވި އެވެ.

ސައުދީ އަރަބިއާއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު ހާލިދު ބިން ބަންދާރު އަލް ސައުދު

ސައުދީ އަރަބިއާއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު ހާލިދު ބިން ބަންދާރު އަލް ސައުދު

"ބަނގުރަލާއި މަސްތުވުމާއި ނުރައި މުނފޫހިފިލުވުމަށް ކުރެވޭނެ ބައިވަރު ކަންކަން ހުންނާނެ. އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން. ބަންގުރާ ބޯން ބޭނުމިއްޔާ ދަތުރު ނިންމާލާފައި އެކަން ކުރަންވީ. މިވަގުތު އަހަރެމެން ނެތި އެ ހުއްދަ ދޭކަށް."

ސަފީރު ވިދާޅުވީ ވަކި ބަޔަކަށްޓަކައި ސައުދީގެ ސަގާފަތް ބަދަލު ނުކުރާނެ ކަމަށެވެ. މުބާރާތަށް ދަތުރުކުރާ މީހުންވެސް ސައުދީގެ ސަގާފަތަށް އިހްތިރާމު ކުރުމަކީ ސައުދީން އެދޭ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަލޭމެންނަށް ހަމަ އެޔާ ނުލާ ނޫޅެވެނީތަ،" ސަމާސާ ރާގެއްގައި ހާލިދު ބިން ބަންދަރު ވިދާޅުވި އެވެ.

ގަތަރުގައި 2022 ގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް ބަނގުރާ ވިއްކުން މަނާ ކުރި އެވެ. އެގޮތަށް ނިންމީ މުބާރާތް ފެށެން ދެ ދުވަހަށް ވެފައި ވަނިކޮށެވެ. ގަތަރުގެ އެ ނިންމުމަށް ހުޅަނގުގެ ބައެއް ގައުމުތަކުން ފާޑުކިޔުން އަމާޒު ކުރި އެވެ. އެކަމަކު ފީފާއިން އެ ނިންމުބަލައިގަނެ ގަބޫލު ކުރި އެވެ.