18 މެއި 2022
ރޯމް (މެއި 18) - ގަތަރުގައި މި އަހަރު ބާއްވާ ވޯލްޑް ކަޕުގެ ކޮލިފިކޭޝަނުން ކެޓި އިޓަލީ އަށް އަދިވެސް ވޯލްޑް ކަޕުން ފުރުސަތު ލިބިދާނެ ކަމަށް އެ ގައުމުގެ އޮލިމްޕިކް ކޮމިޓީގެ ކުރީގެ މެންބަރަކު ބުނެފި އެވެ.
ރޯމް (މެއި 18) - ގަތަރުގައި މި އަހަރު ބާއްވާ ވޯލްޑް ކަޕުގެ ކޮލިފިކޭޝަނުން ކެޓި އިޓަލީ އަށް އަދިވެސް ވޯލްޑް ކަޕުން ފުރުސަތު ލިބިދާނެ ކަމަށް އެ ގައުމުގެ އޮލިމްޕިކް ކޮމިޓީގެ ކުރީގެ މެންބަރަކު ބުނެފި އެވެ.
އޮލިމްޕިކް ކޮމިޓީގެ ކުރީގެ މެންބަރު ފްރެންކޯ ކިމެންޓީ ބުނީ، އިކުއެޑޯ އަށް ވޯލްޑް ކަޕް ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އެ ޖާގަ ލިބުން އެންމެ ބޮޑަށް ކައިރި ގައުމަކީ އިޓަލީ ކަމަށް އޭނާ ބުންޏެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ޒޯންގައި ވާދަކުރި އިކުއެޑޯގެ ޓީމަށް ކުޅުނު ޑިފެންޑަރު، ބައިރަން ކަސްޓިޔޯ އަކީ ކޮލަމްބިއާ އަށް ނިސްބަތްވާ ކުޅުންތެރިއެއް ކަމަށް ބުނެ، އިކުއެޑޯއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް، ޗިލީގެ އެފްއޭއިން ވަނީ ފީފާ އަށް ހުށަހަޅައިފަ އެވެ. ފީފާގެ ގަވާއިދުގެ ދަށުން ކުޅުމުގެ ޝަރުތު ފުރިހަމަނުވާ ކުޅުންތެރިޔަކު ކުޅުމުގެ ސަބަބުން، އެ ޓީމަކަށް ލިބިފައިވާ ޖާގަ ގެއްލުވާލެވިދާނެ އެވެ. ގަތަރުގައި އަންނަ ނޮވެމްބަރު މަހު ފަށާ ވޯލްޑް ކަޕުގައި ދެކުނު އެމެރިކާ ބައްރުން އޮޓޮމެޓިކް ޖާގަ ލިބޭ ހަތަރު ޓީމުގެ ގޮތުގައި އިކުއެޑޯ ވަނީ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ.
"އިޓަލީ ވޯލްޑް ކަޕުން ފެނުމުގެ ފުރުސަތު އަދިވެސް އެބައޮތް. މީހުން ހީކުރާވަރަށް ވުރެ ވަރުގަދަކޮށް އެކަން ފެންނަނީ ވެސް،" އިޓަލީގެ ގޮލްފް ފެޑެރޭޝަންގެ ރައީސްކަން ވެސް ކުރަމުން އަންނަ ކިމެންޓީ ބުންޏެވެ.
"ފާޅުކަން ބޮޑުގޮތެއްގައި އިކުއެޑޯ އިން ވަނީ އެ ގައުމުގެ ގައުމީ ޓީމަށް ކުޅެން ޝަރުތު ފުރިހަމަނުވާ ކުޅުންތެރިޔަކު ލައްވައި ކުޅުވާފައި. އެކަމަށް އަދަބު ލިބޭނެ. އެކަން އެހެންވެއްޖެނަމަ ބަދަލުގައި އެހެން ގައުމަކަށް އެޖާގަ ލިބޭނެ. ފީފާގެ ގަވާއިދުގައި ބުނެފައި ވަނީ ބަދަލުގައި ޖާގަ ދޭން ޖެހޭނީ ފީފާ ރޭންކިންގެ އެންމެ ކުރީގައި އޮންނަ ޓީމަކަށޭ. މި ވަގަތު އެ ޓީމަކީ އިޓަލީ."
އިޓަލީގެ އޮލިމްޕިކް ކޮމިޓީގެ ކުރީގެ މެންބަރު ފްރެންކޯ ކިމެންޓީ: އޭނާ ބުނަނީ އަދިވެސް އިޓަލީ އަށް ވޯލްޑް ކަޕަށް ދެވިދާނެ ކަމަށް
މިދިޔަ ހަފުތާގައި ފީފާ އިން ބުނެފައި ވަނީ އިކުއެޑޯގެ މައްސަލަ ބަލަމުންދާ ކަމަށެވެ. ކަސްޓިޔޯ ވަނީ ކޮލިފައިންގައި އިކުއެޑޯގެ ގައުމީ ޓީމަށް އަށް މެޗު ކުޅެފަ އެވެ. އޭގެ ތެރޭގައި ޗިލީއާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ހިމެނެ އެވެ. މިޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފީފާއިން ދެ ގޮތަކަށް އަމަލުކޮށްފާނެ އެވެ. އެއީ ކަސްޓިޔޯ ހިމނައިގެން ކުޅުނު މެޗުތަކުން އިކުއެޑޯ ބަލިވި ކަމަށް ނިންމުމެވެ. އެހެންވެއްޖެ ނަމަ ޗިލީ އަށް ކުރިއަށް ދެމިގަނެވިދާނެ އެވެ.
އަނެއް ގޮތަކީ އިކުއެޑޯ ބާކީކޮށް ވޯލްޑް ކަޕްގެ ފާސް އެހެން ގައުމަކަށް ދިނުމެވެ. މި ހާލަތުގައި އިޓަލީ އަށް ފުރުސަތު ލިބުން ކައިރި އެވެ. އެއީ މި ވަގުތު ވޯލްޑް ކަޕަށް ކޮލިފައި ނުވެ އޮތް ގައުމުތަކުގެ ތެރެއިން ފީފާ ރޭންކިންގެ އެންމެ ކުރީގައި އޮތް ޓީމަކީ އިޓަލީ ކަމަށްވާތީ އެވެ. މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި ޓީމު އޮތީ ދުނިޔޭގެ ރޭންކިންގެ ހަވަނައިގަ އެވެ.
އިކުއެޑޯގެ މައްސަލަ ފެންމަތިވުމުގެ ކުރިން ވެސް އިޓަލީ އަށް ވޯލްޑް ކަޕްގެ ޖާގަ ލިބިދާނެ ކަމަށް ބެލެވުނެވެ. އެއީ އިރާންގެ މައްސަލައެއް ފީފާގެ ސަމާލުކަށް އައި ދަނޑިވަޅެއްގަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ލުބުނާނާ ދެކޮޅަށް އިރާން ކުޅުނު މެޗަށް، އެ ގައުމުގެ 2000 ހާ އަންހެން ސަޕޯޓަރުން ނުވައްދައި ދަނޑު ތަޅުލުމުން ފީފާއިން އިރާނަށް ފިޔަވަޅު އަޅައި ވޯލްޑް ކަޕުން ބޭރުކޮށްފާނެ ކަމަށް ބެލެވުނެވެ. އެކަމަކު އޭރު ފީފާގެ ރައީސް ޖިއާނީ އިންފަންޓިނޯއާ ސުވާލު ކުރުމުން އޭނާ ވަނީ އިޓަލީ އަށް ވޯލްޑް ކަޕް ޖާގަ ދޭން އުޅޭ ވާހަކަތައް ދޮގުކޮށްފަ އެވެ.
އިޓަލީ އަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލުނީ، ޕްލޭއޮފްގައި އުތުރު މެސެޑޯނިއާ އަތުން ބަލިވުމުންނެވެ. މިއީ ވޯލްޑް ކަޕަށް އިޓަލީ ވިދިވިދިގެން ކޮލިފައި ނުވި ދެވަނަ ފަހަރެވެ.
ވޯލްޑްކަޕުން އިކުއެޑޯގެ ބޭރުކުރަން ޗިލީން ހުށަހަޅައިފި
އެމެރިކާ އާއި އިންގްލެންޑާއެކު އިރާން އެއް ގުރޫޕަކަށް
ޔޫރޯ ކާމިޔާބުކުރާނެ ގޮތް އިޓަލީއަށް މިހާރު އެނގޭ
ފީފާ އެޕް: މެޗް ކުޅޭއިރު ނުލިބޭނެ މައުލޫމާތެއް ނެތް
ނެދަލެންޑްސް އާއި އިކުއެޑޯ އެއްވަރު، ގަތަރު ކަޓައިފި
ރިޓާޔާކުރާ ކުޅުންތެރިން އިޓަލީގެ ޓީމުން ފޮނުވާލައިފި
ފުޓުބޯޅައިގެ ގަދަބާރު އިޓަލީ ވޯލްޑް ކަޕުން ކަޓައިފި
ގަތަރުގެ ޝިޕިން ކޮންޓެއިނާ ސްޓޭޑިއަމަށް ސަމާލުކަން
އާ ކަމެއް؛ ވޯލްޑް ކަޕަށް ފަހު ސްޓޭޑިއަމެއް ރޫޅާލަނީ
ވޯލްޑް ކަޕްގެ ނަމުގައި ހަރަކާތްތައް ނުހިންގަން އެދިއްޖެ