Roadha Mihaaru

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާސްކުރި ޒަކާތުގެ ގާނޫނު ރައީސް ތަސްދީގު ކުރައްވައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާސްކުރި ޒަކާތުގެ ގާނޫނަށް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ޒަކާތުގެ ގާނޫނު ތަސްދީގު ކުރައްވައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

06 ޑިސެމްބަރ 2025

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާސްކުރި ޒަކާތުގެ ގާނޫނަށް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ ގާނޫނަށް އަމަލު ކުރަން ފަށާ ގޮތަށް ގާނޫނުގައި ބަޔާންކޮށްފައި ވަނީ އަންނަ ޖެނުއަރީ 1 އިން ފެށިގެންނެވެ.

ރައްޔިތުންގެ މަޖިލިހުން މި މަހުގެ ތިންވަނަ ދުވަހު ފާސްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރެއްވި ބިލްގެ މަގުސަދަކީ އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއު ކޮށްފައިވާ މަގުސަދުތައް ހާސިލު ކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ، ގާނޫނީ އޮނިގަނޑެއްގެ ދަށުން ހިންގައި ބެލެހެއްޓުން ކަމަށް ސަރުކާރުން ބުންޏެވެ.

އެ ގާނޫނަށް އަަމަލުކުރަން ފެށުމުން ރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭ ގޮތުން ޒަކާތާ ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ، އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޒަކާތާ ގުޅޭގޮތުން އެ އިރެއްގައި ހުންނަވާ އިސްލާމިލް މިނިސްޓަރުގެ މަސްއޫލިއްޔަތުތައް ވެސް ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ.

މިނިސްޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޒަކާތާ ގުޅޭ ސިޔާސަތުތައް އާންމުކޮށް، އެ ސިޔާސަތުތަކާ ގުޅޭގޮތުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ އާންމު އިރުޝާދާއި ލަފާދިނުން ހިމެނެ އެވެ.

ޒަކާތުގެ ބެހެނިވެރިއަކަށް ނުވާ މީހުންނަށް ޒަކާތުގެ ފައިސާ ދޫކުރުމާއި ހުއްދަ ކުރާ ބޭނުންތަކަށް ފިޔަވައި އިތުރު ކަމަކަށް އެ ފައިސާއިން އިންވެސްޓްކޮށްފި ނަމަ 1،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ގާނޫނުގައި ހިމަނާފައިވެ އެވެ.

އެ ގާނޫނުގައިވާ ގޮތުން އެ ފަރާތެއްގެ މުދާ ހުރީ ރާއްޖޭގައި ކަމަށް ވިޔަސް ނުވަތަ ރާއްޖެއިން ބޭރުގައި ނަމަވެސް ރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ މީހަކާއި ރާއްޖޭގައި ވަޒަންވެރި ވެގެން ނޫޅުނަސް ރާއްޖޭގައި މުދާ ހުރި ނަމަ ޒަކާތް ދައްކަން ޖެހޭނެ އެވެ.

ޒަކާތު ނިޒާމު ހިންގާ ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާދީ އަދި އެ ނިޒާމު ހިންގުން ވިލަރެސްކުރުމަށް އެ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ މަސް ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލުގެ ނަމުގައި ކައުންސިލެއް ރައީސް އުފައްދަވަން ޖެހެ އެވެ. އެ ކައުންސިލުގައި މިނިސްޓަރާއި ޑިރެކްޓަ ޖެނަރަލް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މުވައްޒަފުންގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ މުވައްޒަފަކު ހުންނަން ޖެހެ އެވެ.

ގުރުއާނާ ބެހޭ މަރުކަޒުން ބޭފުޅަކާއި ފިނޭންސް މިނިސްޓްރީން އިސް ބޭފުޅަކާއި ފަތުވާ މަޖިލީހުން ބޭފުޅަކާއި އިސްލާމިކް މިނިސްޓްރީން ބޭފުޅަކާއި ސަރުކާރުގެ އިދާރާއެއްގައި މަސައްކަތް ނުކުރާ ޒަކާތުގެ މާހިރުންގެ ތެރެއިން ރައީސް އައްޔަންކުރައްވާ ދެ ބޭފުޅަކު ވެސް އެ ކައުންސިލުގައި ހުންނަން ޖެހެ އެވެ.

ޒަކާތުގެ ގާނޫނުގައި ވަނީ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލަން ޖެހޭ ކަމަށް ވެސް ބުނެފަ އެވެ. އަދި އެ ކޮމިޓީގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ ޒަކާތު ހައުސް އަށެވެ. އަދި ޒަކާތު ފަންޑު ހިންގާނެ ގޮތާއި ފަންޑުން ކުރެވޭނެ ކަންކަން ވެސް ބަޔާންކޮށްފައިވެ އެވެ.

ޒަކާތުގެ ބެހެނިވެރިއަކަށް ނުވާ މީހުންނަށް ޒަކާތުގެ ފައިސާ ދޫކުރުމާއި ހުއްދަ ކުރާ ބޭނުންތަކަށް ފިޔަވައި އިތުރު ކަމަކަށް އެ ފައިސާއިން އިންވެސްޓްކޮށްފި ނަމަ 1،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ގާނޫނުގައި ކަނޑައަޅާފައި ވެ އެވެ.