Roadha Mihaaru

މޫސުމީ ބަދަލުގެ ހޫނުގައި ފިހެވި ފެނު އަޑިއަށް!

ނޮވެމްބަރުމަހުގެ މެދަކާ ހިސާބުން ފެށިގެން ދެކުނު އިރުމަތީ އޭޝިއާގައި އޮތީ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކެވެ. މޫސުމީ ކަންތައްތައް ދިރާސާ ކުރައްވާ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން 1،600 އަށް ވުރެ ގިނަ މީހުން މަރުވި މި ކާރިސާތައް މިހާ ބޮޑުވީ ތޫފާން ދީތުވާ އާއި ތޫފާން ސެންޔާރު ފައްތަރުވާ ގޮތެއްގައި އުފެދުމުންނެވެ.

މޫސުމީ ބަދަލުގެ ހޫނުގައި ފިހެވި ފެނު އަޑިއަށް!
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

07 ޑިސެމްބަރ 2025

ނޮވެމްބަރުމަހުގެ މެދަކާ ހިސާބުން ފެށިގެން ދެކުނު އިރުމަތީ އޭޝިއާގައި އޮތީ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކެވެ. މޫސުމީ ކަންތައްތައް ދިރާސާ ކުރައްވާ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން 1،600 އަށް ވުރެ ގިނަ މީހުން މަރުވި މި ކާރިސާތައް މިހާ ބޮޑުވީ ތޫފާން ދީތުވާ އާއި ތޫފާން ސެންޔާރު ފައްތަރުވާ ގޮތެއްގައި އުފެދުމުންނެވެ.

އދ. އިން ބުނީ ތޫފާންތައް "ސުުޕަޗާޖް" ވީ ނުވަތަ އާދަޔާ ހިލާފަށް ގެއްލުން ބޮޑު ތޫފާން ތަކަކަށްވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށެވެ.

ޔޫއެން އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ޕެސިފިކް (އެސްކެޕް) އިން މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓެއްގައި ބުނީ މި ސަރަހައްދަށް ރިސްކުތައް ކުރިމަތިވާ ގޮތް، ފިނިހޫނުމިން މަތިވުމުގެ ސަބަބުން މުޅިން ބަދަލުވަމުންދާ ކަމަށެވެ.

"ރައިޒިން ހީޓް، ރައިޒިން ރިސްކް، ޕޮލިސީ ޕާތުވޭސް ފޯ ރީޖަނަލް ރެޒީލިއެންސް" މި ނަމުގައި ޝާއިއުކުރި އޭޝިއާ ޕެސިފިކް ޑިޒާސްޓާ ރިސްކް ރިޕޯޓް 2025 ގައި ފާހަގަކޮށްފައިވާ ގޮތުގައި މި ސަރަހައްދަށް ކުރިމަތިވާ ތޫފާނުތަކާއި ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުން ފަދަ ހުރިހާ ކާރިސާތަކެއްގެ އަސްލަކީ ފިނިހޫނުމިން މަތިވުން ކަމަށް ވާއިރު ހޫނު ގަދަވުމުގެ ސަބަބުން ސީދާ ގޮތެއްގައި ލިބޭ ގެއްލުންތައް ވެސް ބޮޑެވެ.

ފެހިކަމެއް ނެތް، ތާރާއި ކޮންކްރީޓްގެ ހޫނު ގަދަ ސިޓީތަކެއް

ޔޫއެންގެ ރިޕޯޓްގައިވާ ގޮތުން "އާބަން ހީޓް އައިލެންޑް" (ޔޫއެޗްއައި) ގެ ނަން ދީފައިވާ މަރުހަލާއެއްގެ ސަބަބުން ސިޓީތަކަށް އާދަޔާ ހިލާފު ހޫނުގަދަކަމާ ކުރިމަތިވުމުގެ ރިސްކު މިހާރު ވެސް ބޮޑެވެ. ޔޫއެޗްއައި އަކީ ގިނަ އަދަދަދަކަށް އިމާރާތް އެޅުމުގެ ސަބަބުން މުޅި ސިޓީގެ ހޫނުކަން، ވަށައިގެންވާ ސަރަހައްދުތަކަށް ވުރެ މަތިވުމެވެ.

މިހާރު ހާލަތު އޮތް ގޮތުން ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީއަށް ނުވަތަ ދެ ޑިގްރީއަށް މަތިވިޔަސް އޭޝިއާގެ ސިޓީތައް މާ ބޮޑަށް ހޫނުގަދަވާނެ އެވެ. އެއީ ޔޫއެޗްއައި އިފެކްޓްގެ ސަބަބުން އެ ސިޓީތަކުގެ ފިނިހޫނުމިން ދޭއް ނުވަތަ ހަތް ޑިގްރީއަށް މަތިވާނެތީ އެވެ. އެއީ އެކަށީގެންވާ ވަރަށް ފެހިކަން ނެތުމާ އެކު ތާރާއި ކޮންކްރީޓް ގިނަ ވުމުގެ ސަބަބުުން ވާ ކަމެއް ކަމަށް ރިޕޯޓްގައި މާހިރުން ވިދާޅުވެފައިވެ އެވެ.

އެގޮތަށް ކަންތައް ހުރުމުން، އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އާއި ޗައިނާގެ ވެރިރަށް ބެެއިޖިން އަދި ފިލިފީންސްގެ ވެރިރަށް މެނީލާ ފަދަ ސިޓީތަކަށް ދުނިޔޭގެ އެހެން ހިސާބުތަކަށް ވުރެ ހޫނު ގަދަ ދުވަސްތައް ގިނަވާނެ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައި ވެ އެވެ.

އެގޮތަށް ހޫނު ގަދަވުމުގެ ނަތީޖާއެއްގެ ގޮތުން އެ ސަރަހައްދުތަކުގެ ވައި ނުސާފުވާއިރު އާއްމު ސިއްހަތަށާއި މޫސުމަށް އޭގެ ނުބައި އަސަރުކުރުވާ ސިލްސިލާއަކަށް އެކަން ވެ އެވެ. ހަނަފަސްކަން ބޮޑުވެ، ޖަންގަލިތަކުގައި ރޯވާ އަލިފާންގަނޑުތައް ވަރުގަދަވުން އޭގެ ތެރޭގައި ހިމެނެ އެވެ.

ހަކަަތަ އުފައްދާ ތަންތަނަށް ގެއްލުން ބޮޑު

ފަހަރަކަށް ވުރެ ފަހަރެެއް، ނުރައްކާތެރިކަން ބޮޑުވާ ގޮތެއްގައި ކުރިއަށް ވުރެ މާ އަވަސް އަވަހަށް ކުރިމަތިވާ ކާރިސާތަކުން ރައްކާތެރިވާން މުޖުތަމައުތައް ބަރޯސާކުރަނީ ހަކަތަ އާއި ފެން އުފެއްދުމާއި ދަތުރުފަތުރުގެ ހިދުމަތްދޭން މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާތަކުގެ ގެއްލުން ކުޑަވާ ގޮތަށް ގާއިމްކޮށްފައިވާ އުމްރާނީ ވަސީލަތްތަކަށެވެ. ނަމަވެސް އާބަން އޭރިއާތަކުގައި ހޫނު ގަދަވުމުގެ ގެއްލުން އެންމެ ބޮޑަށް ކުރިމަތިވަނީ ސީދާ އެ ވަސީލަތްތަކަށް ކަން ޔޫއެންގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ހޫނު އެންމެ ގަދަވާ ހާލަތްތަކުގައި ހޫނުން ސަލާމަތްވާން ބޭނުންކުރަން ހުންނަ ވަސީލަތްތަކަށް ކުޅަދާނަ ނުވާ ވަރުވެ އެ ނިޒާމުތައް ފެއިލްވެ އެވެ. މިސާލަކަށް، ހީޓްވޭވް ކުރިމަތިވާ ވަގުތު މީހުން އެކަމުން ސަލާމަތްވާން ބޭނުންކުރާ އެއާކޮންޑިޝަންތަކުގެ ސަބަބުން ކަރަންޓް ނެޓްވޯކަށް ބާރު ބޮޑުވެ، ކަރަންޓް ކެނޑެން މެދުވެރިވެ އެވެ.

"...ކަރަންޓް ދިނުމުގެ ނިޒާމުތައް ފެއިލްވުމަކީ އޭގެ ނަތީޖާއެއްގެ ގޮތުން މީހުންގެ ފުރާނައަށް ނުރައްކާވާނެ ކަމެކެވެ. އެއީ ފިނިކުރާ ނިޒާމުތަކަށާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ހިދުމަތް އާބާދީތަަކަށް ނުލިބޭ ގޮތް ވުމުގެ ސަބަބުންނެވެ. އެ ތަންތަނުގައި އެކަށީގެންވާ ބެކަޕް ނިޒާމެއް ނެތީމަ އެވެ،" ޔޫއެންގެ ރިޕޯޓްގައި ބުނެފައިވެ އެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މިހާރު ކުރިމަތިވަމުންދާ ހޫނު ގަދަވުމުގެ ކާރިސާތަކުން މީހުން ސަލާމަތްވާން އެއާކޮންޑިޝަންތަކުގެ މުހިއްމުކަން ވަަރަށް ބޮޑެވެ. ހާއްސަކޮށް، ކުޑަކުދިންނާއި އުމުރުން ދުވަސްމީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ސަލާމަތްކުރުމުގަ އެވެ.

ނަމަވެސް އެއާކޮންޑިޝަންތަކަކީ މާ ގިނައިން ކަަރަންޓް ބޭނުންވާ ތަކެއްޗަށް ވާތީ އެކަމާ އަޅާނުލައިފި ނަމަ 2050 އާ ހަމަައަށް ދާއިރު އެއާ ކޮންޑިޝަންތަކަށް ބޭނުންކުރާ ކަރަންޓްގެ މިންވަރު ތިން ގުނަ އަށް އިތުރުވާނެ ކަމަށް ދިރާސާ ރިޕޯޓްގައި ލަފާކޮށްފައިވެ އެވެ.

ޖައްވަށް މިހާރު ބޭރުވާ 37 ބިލިއަން މެޓްރިކްޓަނުގެ ކާބަންޑައިއޮކްސައިޑްގެ ތެރެއިން އެއް ބިލިޔަން މެޓްރިކްޓަނުގެ ކާބަންޑައިއޮކްސައިޑް ބޭރުކުރަނީ އެއާކޮންޑިޝަންތަކުންނެވެ.

ކާބޯތަކެތި އުފެއްދުމުގެ ނިޒާމަށް އޮތް ނުރައްކާ

ދަނޑުވެރިކަމުން ލިބޭ ނަފަޔަކީ މި ސަރަހައްދުގެ ގައުމުތަކުގެ ޖީޑީޕީގެ 25 ޕަސެންޓެވެ. ރަށްފުށު ހިސާބުގެ ގިނަ މީހުންނަށް އާމްދަނީ ލިބެނީ ދަނޑުވެރިކަމުން ކަމަށް ވާއިރު ފުޑް ސެކިއުރިޓީ ވެސް ކަށަވަރުކުރަނީ އެ ސިނާއަތުންނެވެ.

ހޫނު ގަދަވަމުންދާ ދިއުމުގެ ސަބަބުން އެ ސިނާއަތަށް ވެސް މިހާރު އޮތީ ބޮޑު ގެއްލުމަކާ ކުރިމަތިވެފަ އެވެ.

ދިރާސާއިން އެނގިފައިވާ ގޮތުގައި އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ސަބަބުން ބިންގަނޑުގައި ހުންނަ ތެތްކަން ނެތެމުން ދެ އެވެ. އެހެން ވުމުން ހަނަފަސްކަންބޮޑުވެ، ބިންގަނޑުގައިވާ ފެނާއި ގަސްގަހުގައިވާ ތެތްކަން ޖައްވަށް ބޭރުވެ އެވެ. އެއާ އެކު ބޮޑެތި ދަނޑުބިންތައް ވަރަށް އަވަހަށް މަރުވެ ދެ އެވެ.

އެކަމުގެ ސަބަބުން ގޮވާމާއި ނައަމްސޫފި މަދުވެ، ރަށްފުށު ހިސާބުތަކުގެ މީހުންނަށް ފަގީރުކަން ކުރިމަތިވެ އެވެ.

ދުނިޔެ ހޫނުވުމުގެ ސަބަބުން މި ނޫން ވެސް ބޮޑެތި އެތައް ގެއްލުމެއް ލިބޭނެ ކަމަށް ރިޕޯޓްގައި މާހިރުން ލަފާކޮށްފައި ވާއިރު އެކަންކަމުގެ ގެއްލުން ކުޑަކުރަން އަޅަން ފެންނަ ފިޔަވަޅުތަކެއް ވެސް ހިމަނާފައިވެ އެވެ.

އަޅަން ޖެހޭ ފިޔަވަޅުތައް

ޔޫއެންގެ ރިޕޯޓްގަައި ގައުމުތަކަށް ލަފާދީފައިވާ އެއް ކަމަކީ ކަރަންޓާއި ފެން އުފެއްދުމުގެ ނިޒާމާއި އެނޫން ވެސް ނިޒާމުތައް ގާއިމްކުރާ އިރު، ގަދަ ހޫނުން ދިފާއު ކުރެވޭ ފަދަ ގޮތަކަށް "ހީޓް ރެެޒީލިއެންޓްކޮށް" އެ ނިޒާމުތައް ގާއިމްކުރުމެވެ.

އަނެއް ކަމަކީ އާބަން އޭރިއާތައް ޕްލޭންކުރުމުގައި ވެސް ގަދަވަމުންދާ ހޫނަށް ރިއާޔަތްކޮށްގެން ޕްލޭންކުރުމެވެ. ގަސް ހައްދާނެ އޭރިއާތައް ބެހެއްޓުމާއި އަވި ރިފްލެކްޓްވާނެ ގޮތަކަށް ފުރާޅުތައް ހެދުމާއި މަދުން ހަކަތަ ބޭނުންވާ ފަދަ އެއާ ކޮންޑިޝަންތައް އުފެއްދުމަކީ އެގޮތުން ކުރަން ލަފާދީފައިވާ ކަންތައްތަކެވެ.

އުމްރާނީ ގޮތުން އަޅަން ފެންނަ ފިޔަވަޅުތަކުގެ އިތުރުން އިގްތިސާދީ ފިޔަަވަޅުތަކެއް އަޅަން ވެސް އެ ރިޕޯޓްގައި ލަފާ ދީފައިވެ އެވެ. އޭގެ އެއް ކަމަކީ ހީޓް ވޭވްތަކުގައި ބަލިވާ މީހުންނަށް ފަރުވާ ކުރުމަށްޓަކައި އިމާޖެންސީ ފަންޑްތައް ގާއިމްކުރުމެވެ.

އަނެއް ކަމަކީ މެކްރޯ އިކޮނޮމިކް ޕްލޭނިން އަދި ފިސްކަލް ޕޮލިސީ އެކުލަވާލާ އިރު، ގަދަ ހޫނުގެ ސަބަބުން ލިބިދާނެ ގެއްލުމަށް ރިއާޔަތް ކުރުމެވެ.

ސިއްހީ ހިދުމަތްދޭ ތަންތަނަށް އެ ރިޕޯޓްގައި ދީފައިވާ ލަފަޔަކީ ހީޓްވޭވެއް ކުރިމަތިވާ ހާލަތުގައި މީހުންނަށް ފަސްޓްއެއިޑް ދިނުމާއި ހައިޑްރޭޝަން ސިއްހީ ހިދުމަތްތެރިން އަހުލުވެރިކުރުމެވެ. އާއްމު ސިއްހަތުގެ ސިޔާސަތު ކަނޑައެޅުމުގައި އެކަމަށް ރިއާޔަތްކުރަން ވެސް އެ ރިޕޯޓްގައި ލަފާދީފައިވެ އެވެ.