Roadha Mihaaru

އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ ވަގުތީ ލިސްޓް ނެރެ، ޝަކުވާއަށް ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ ވަގުތީ ލިސްޓު މިއަދު އާއްމުކޮށް ޝަކުވާއަށް ހުޅުވާލައިފި އެވެ.

އިންތިހާބީ ދާއިރާގެ ވަގުތީ ލިސްޓް ނެރެފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

09 ޑިސެމްބަރ 2025

ލޯކަލް ކައުންސިލް އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ ވަގުތީ ލިސްޓު މިއަދު އާއްމުކޮށް ޝަކުވާއަށް ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ އިންތިހާބުގެ އިދާރީ ދާއިރާތަކުގެ ވަގުތީ ލިސްޓަށް، އަންނަ ހޯމަ ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. ޝަކުވާ ބަލައިގަންނަން ހަމަޖައްސާފައިވަނީ ލިޔުމުން، އެ ކޮމިޝަނުގެ އިދާރާއަށް ނުވަތަ އީމެއިލް މެދުވެރިކޮށެވެ.

އީސީން ބުނީ ޝަކުވާ ހުށަހަޅާއިރު، އެ ޝަކުވާ ހުށަހަޅާ މީހާގެ އައިޑީކާޑު ކޮޕީ ބޭނުންވާނެ ކަމަށެވެ. އަދި އެ ކޮމިޝަންގެ 1414 ކޯލް ސެންޓަރުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށް ހަމައަށް ކޯލް ސެންޓަރުން ހިދުމަތް ލިބޭނެ އެވެ.

އިންތިހާބުގައި ޖުމްލަ 226 ދާއިރާއަކުން ކައުންސިލަރުންނާއި އަންހެނުންގެ ކޮމެޓީތަކަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ.

މިފަހަރުގެ އިންތިހާބު ބާއްވަނީ ލާމަރުކަޒީ ގާނޫނަށް އަނެއްކާވެސް ބަދަލުތަކެއް ގެނައުމަށްފަހުގަ އެވެ. އޭގެ ތެރެއިން، އާބާދީ 2،000 އަށްވުރެ މަދު ރަށްތަކަށް ތިން ކައުންސިލަރުން އަދި އާބާދީ އެއަށްވުރެ ބޮޑު ރަށްތަކަށް ފަސް ކައުންސިލަރުން ހޮވަން ޖެހޭ ގޮތަށް ދާދިފަހުން ވަނީ އިސްލާހު ގެނެސްފަ އެވެ.

އީސީން ނެރުނު ވަގުތީ ރިޕޯޓުގައިވާ ގޮތުން، 2،000 އަށްވުރެ އާބާދީ މަދުވުމުން، ތިން ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭނީ 133 ރަށަކެވެ. އެއީ ޖުމްލަ 399 ކައުންސިލަރުންނާއި އަންހެނުންގެ ކޮމެޓީތަކަށް 399 މީހުންނެވެ.

ތިން ކައުންސިލަރުން އިންތިހާބު ކުރަންޖެހޭ ރަށްރަށުގައި އަންހެނުންނަށް ހާއްސަކޮށްފައިވަނީ އެއް ގޮނޑި އެވެ. ނަމަވެސް، އެހެން ގޮނޑިތަކަށް ވެސް އަންހެނުންނަށް ކުރިމަތިލެވޭނެ އެވެ.

އެ ރިޕޯޓްގައިވާ ގޮތުން އާބާދީ 2،000 އަށްވުރެ ބޮޑުވުމުން ފަސް ކައުންސިލަރުން އިންތިހާބުކުރަން ޖެހެނީ 46 ރަށެއްގަ އެވެ. އަދި އެ ރަށްރަށަށް ޖުމްލަ 230 ކައުންސިލަރުންނާއި އަންހެނުންގެ ކޮމެޓީތަކަށް 230 މީހުން ހޮވަން ޖެހޭނެ އެވެ.

ފަސް ކައުންސިލަރުން އިންތިހާބުކުރަންޖެހޭ ރަށްރަށުގައި ތިބޭނީ އަންހެން ކޯޓާއަކީ ކުރިން ވެސް އޮތްގޮތަށް ދެ ގޮނޑި އެވެ.

ސިޓީތައް

ކުޅުދުއްފުށި ސިޓީއަށް އިންތިހާބުކުރާނީ މޭޔަރު ހިމަނައިގެން ހަތް މެމްބަރުންނެވެ. އޭގެ ތެރޭގައި އަންހެނުންނަށް ހާއްސަކޮށްފައިވަނީ ދެ ގޮނޑި އެވެ.

ގދ. ތިނަދޫ ސިޓީއަށް އިންތިހާބުކުރާނީ މޭޔަރު ހިމަނައިގެން ހަތް މެމްބަރުންނެވެ. އަދި އަންހެނުންނަށް ހާއްސަކޮށްފައިވަނީ ދެ ގޮނޑި އެވެ.

ފުވައްމުލައް ސިޓީއަށް އިންތިހާބުކުރާނީ ސިޓީގެ މޭޔަރާއެކު ނުވަ މެމްބަރުންނެވެ. އޭގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވަނީ ތިން ގޮނޑި އެވެ.

އައްޑޫ ސިޓީއަށް އިންތިހާބު ކުރާނީ މޭޔަރު ހިމަނައިގެން 11 މެމްބަރުންނެގެ. އޭގެ ތެރެއިން އަންހެނުންނަށް ކަނޑައަޅާފައިވަނީ ހަތަރު ގޮނޑި އެވެ.

ވަގުތީ ލިސްޓަށް ބަލާއިރު މާލެއަށް އިންތިހާބުކުރާނީ 18 ކައުންސިލަރުންނެވެ. އޭގެ ތެރެއިން އަންހެނުންނަށް ހަ ގޮނޑިއެއް ހާއްސަކޮށްފައިވެ އެވެ.