Roadha Mihaaru

ގާނޫނަށް ގެނައި ބަދަލުތަކާ މެދު ދެ މޭޔަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް

އަތޮޅު ކައުންސިލްތައް އުވާލުން ހިމެނޭހެން ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި ބަދަލުގެ ސަބަބުން ކައުންސިލްތައް "ހުއްޓުމަކަށް އައިސްފައިވާ" ކަމަށް ވިދާޅުވެ މާލޭގެ މޭޔަރު އާދަމް އާޒިމާއި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

ގާނޫނަށް ގެނައި ބަދަލާ މެދު ދެ މޭޔަރުންގެ ކަންބޮޑުވުން

އަތޮޅު ކައުންސިލްތައް އުވާލުން ހިމެނޭހެން ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި ބަދަލުގެ ސަބަބުން ކައުންސިލްތައް "ހުއްޓުމަކަށް އައިސްފައިވާ" ކަމަށް ވިދާޅުވެ މާލޭގެ މޭޔަރު އާދަމް އާޒިމާއި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ވިދާޅުވީ ގާނޫނަށް ގެނައި ބަދަލާ އެކު މާލެ ސިޓީކައުންސިލުން މުވައްޒަފު ކެނޑުނަސް ބަދަލުގައި މީހަކު ހޯދަން ދާން ޖެހެނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ކަމަށެވެ. އެހެން ނަމަވެސް ހިދުމަތެއް ނުދެވިއްޖެ ނަމަ އެކަމުގެ ޒިންމާ ނަގަން ޖެހެނީ މޭޔަރާއި ކައުންސިލަރުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭ ސިޓީކައުންސިލަށް މުވައްޒަފުން ހޯދަން މިހާރު ވެސް އެދިފައިވާނެ ކަމަށާއި އެހެން ނަމަވެސް އެކަަމަށް އަދި ޖަވާބެއް ނުލިބޭ ކަމަށެވެ.

"އެެހެންވީމާ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ދަތިކުރުމުގެ ގޮތުން ކަމަށް އަަޅުގަނޑަށް ފާހަގަކުރެވެނީ މި ބަދަލުތައް މިހިރީ ގެނެސްފައި،" އާޒިމް ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ރަނގަޅަށް ހިނގާ ނިޒާމަކީ ލާމަރުކަޒީ ނިޒާމް ކަމަށާއި ކައުންސިލްތަކަށް ދޭ ކުޑަކުޑަ ބަޖެޓުން ރައްޔިތުންނަށް މާ ރަނގަޅަަށް ހިދުމަތްދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކައުންސިލްތަކަށް ދޭ ފައިސާ ހަރަދުކުރާ ގޮތް މާ ރަނގަޅަށް ރައްޔިތުންނަށް ފެންނަން ހުންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކިޔަނީ ދިވެހިރާއްޖޭގެ ބަޖެޓްގެ ހަަތަރުވަރަކަށް ޕަސެންޓް[ގެ ވާހަކަ]. އަނެއް 96 ޕަސެންޓަށް ވާ ގޮތެއް ރައްޔިތުންނަކަށް ނޭނގޭ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ލާމަރުކަޒީ ކައުންސިލްތަކަށް ލިބޭ އާމްދަނީ ވެސް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން ވަނީ ގެއްލިފަ އެވެ. ކައުންސިލްތަކުން ތަނެއް ކުއްޔަށް ދޭން ވެސް އެލްޖީއޭގެ ހުއްދަ ނަގަން ޖެހުމަކީ ވެސް ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހުންނަ ތަންތަން ކުއްޔަށް ދިނުމުގެ ބާރު ކައުންސިލްތަކަށް އޮންނަން ވާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ލާމަރުކަޒީ ގާނޫނަށް މި ގެންނަ ބަދަލުތަކަކީ ސީދާ ރައްޔިތުންނަށް ޖެއްސުންކުރަން ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފު ކަންބޮޑުވުން ފާޅުކުރެއްވި ކަމަކީ އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ކައުންސިލަށް ނުކުރެވޭ ގޮތަށް ގާނޫނަށް ގެނައި ބަދަލާއި ކައުންސިލްގެ ދައުރުގެ ފަހު އަހަރު އެއްވެސް މުވައްޒަފަކު ނުނެގޭ ގޮތަށް އޮތުމެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް. -- ފައިލް ފޮޓޯ/މިހާރު

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް. -- ފައިލް ފޮޓޯ/މިހާރު

"އެހެން ނަމަވެސް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ސަރުކާރުން އައިނު ފިހާރަ އެބަ ހުޅުވާ، ޓެކްސީ ލައިން އެބަ ހަދާ، އަދި ހަމަ އެއާ އެކުގައި އަޅުގަނޑުމެންނަށް ފެނިގެންދޭ ގާއަަޅާ ކުންފުންޏެއް ހެދި ތަން. އަދި މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި އިރު ގަސް ވިއްކާ ފިހާރައެއް ހުޅުވާފައި ވޭ. އެހެން ނަމަވެސް މިއަދު ކައުންސިލްތަކުން ކުރާ އެފަދަ މަސައްކަތްތައް ހަމަ އެއްކޮށް ހުއްޓުވަން ގާނޫނަށް މި ބަދަލު ގެނައީ،" އާތިފް ވިދާޅުވި އެވެ.

ކަންބޮޑުވުންތަކާ އެކު ދެ މޭޔަރުން ވެސް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލެއްވީ ލާމަރުކަޒީ ގާނޫނު ކުރިން އޮތް ގޮތަށް އިއާދަކުރަން ނުވަތަ މިހާރަށް ވުރެ ރަނގަޅު ބަދަލުތަކެއް ގެނައުމަށެވެ.