Roadha Mihaaru

މި އަހަރު ވެސް ނޫސްވެރިންގެ ބޮޑު ގާތިލަކީ އިޒްރޭލް

މި އަހަރު މުޅި ދުނިޔޭގައި މެރި ނޫސްވެރިންގެ ތެރެއިން ގާތްގަނޑަކަށް ދެ ބައިކުޅަ އެއް ބައި މީހުންގެ މަރަށް ޒިންމާވާން ޖެހެނީ އިޒްރޭލުން ކަމަށާއި ޣައްޒާގައި އެކަނި ވެސް ފަލަސްތީނުގެ 29 ނޫސްވެރިޔަކު މަރާލާފައިވާ ކަމަށް ރިޕޯޓާސް ވިތައުޓް ބޯޑާޒް (އާރްއެސްއެފް) އިން ބުނެފި އެވެ.

ޕެރިހުގައި ހުންނަ މީޑިއާ ފްރީޑަމް ގްރޫޕުން ނެރުނު އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު 66 ނޫސްވެރިން މަރާލި އިރު، މި އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މެރި ނޫސްވެރިންގެ އަދަދު 67 އަށް އަރާފައިވާ ކަމަށެވެ.

އިޒްރޭލު ސިފައިން ވެފައިވަނީ ނޫސްވެރިންގެ "އެންމެ ބޮޑު ދުޝަމަނަށް" ކަމަށާއި މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން ހިނގި 12 މަސް ދުވަސް ތެރޭ މަރާފައިވާ ނޫސްވެރިންގެ 43 ޕަސެންޓަކީ އިޒްރޭލުން މެރި މީހުން ކަމަށް އެ ރިޕޯޓްގައިވެ އެވެ.

އެންމެ ނުރައްކާތެރި އެއް ހަމަލާއަކީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ޣައްޒާގެ ދެކުނުގެ ހޮސްޕިޓަލަކަށް ދިން "ޑަބަލް ޓެޕް" ހަމަލާ ކަމަށް ވެސް ބުނެފައިވެ އެވެ. އެ ހަމަލާގައި ފަސް ނޫސްވެރިޔަކު މަރުވެފައި ވާއިރު އޭގެ ތެރޭގައި އިންޓަނޭޝަނަލް ނިއުސް އެޖެންސީތައް ކަމަށްވާ އެސޯސިއޭޓެޑް ޕްރެސް އާއި ރޮއިޓާސްގެ ކޮންޓްރިބިއުޓަރުން ވެސް ހިމެނެ އެވެ.

އާރްއެސްއެފް އިން ބުނީ އިޒްރޭލުން އޮކްޓޫބަރު 2023 ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން ގާތްގަނޑަކަށް 220 ނޫސްވެރިން މަރާލާފައިވާ ކަމަށާއި މިދިޔަ ތިން އަހަރު ވެސް އެންމެ ގިނަ ނޫސްވެރިން މެރީ އިޒްރޭލުން ކަމަށެވެ.

އިޒްރޭލުން އޭއެފްޕީއަށް ބުނި ގޮތުގައި "ހަނގުރާމައެއްގެ މައިދާނުގައި އުޅޭއިރު އެ ރިސްކު އޮންނާނެ" އެވެ. ގަސްތުގައި ނޫސްވެރިން މަރަނީ ނޫން ކަމަށް ބުނެ އިޒްރޭލުން ވަނީ ކުރިން ވެސް ބުނާ ގޮތަށް، ބައެއް ނޫސްވެރިނަކީ ހަމާސްގެ މެންބަރުން ކަމަށް ބުނެފަ އެވެ. -- އޭއެފްޕީ