Roadha Mihaaru
ޝީރީން މަރާލުން، ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި

ނޫސްވެރިޔާ ޝީރީން މަރާލުން، ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި

15 މެއި 2022

ހުޅަނގު އައްސޭރީގައި، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލު ސިފައިން ހިންގި އަނިޔާވެރި އަމަލުތަކެއްގެ ޚަބަރުތައް ގެނެސްދޭން އުޅެނިކޮށް، އިޒްރޭލު ސިފައިން ބަޑިޖަހައި، އަލް ޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އާގިލާ މަރާލުމުން، އދ.ގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި އެވެ.

ހުޅަނގު އައްސޭރީގައި، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލު ސިފައިން ހިންގި އަނިޔާވެރި އަމަލުތަކެއްގެ ޚަބަރުތައް ގެނެސްދޭން އުޅެނިކޮށް، އިޒްރޭލު ސިފައިން ބަޑިޖަހައި، އަލް ޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އާގިލާ މަރާލުމުން، އދ.ގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި އެވެ.

ޝީރީންގެ ބޮލަށް ބަޑި ޖަހައި މަރައިލި ހާދިސާ ކުށްވެރިކޮށް ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ބަޔާނުގައި، އެ މަރުގެ ހަގީގަތް ދެނެގަތުމަށްޓަކައި، "މިހާރުން މިހާރަށް، ދެފުށް ފެންނަ، ހުރިހާ ފަރާތްތަކެއް ޝާމިލްވާ ވަކިފަރާތަކަށް ނުޖެހޭ" ތަހުގީގެއް ފެށުމަށް ގޮވާލާފައިވެ އެވެ.

އޭގެ އިތުރުން ޝީރީން މަރައިލި ހާދިސާގައި، ހަނގުރާމައިގެ ޖަރީމާއެއް ހިމެނިދާނެ ކަމަށް ފެންނާތީ، އެ ހާދިސާގެ ތަހުގީގު ވަގުތުން ފެށުމަށް، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވެސް އިއްޔެ ވަނީ ގޮވާލައިފަ އެވެ.

ޝީރީން މަރާލުން ކުށްވެރިކޮށް ސަލާމަތީ މަޖިލީހުން ނެރުނު ބަޔާން ފާސްކުރީ އެ މަޖިލީހުގައި ހިމެނޭ 15 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބަޔާން ފާސްކުރީ ބަޔާނުގެ ފުރަތަމަ ދެލިކޮޕީގައި، ދުނިޔޭގެ ނުރައްކާތެރި ސަރަހައްދުތަކުގައި މަސައްކަތްކުރާ ހުރިހާ ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ދިނުމަށް ބަޔާންކޮށްފައި އޮތް އިބާރާތް، ޗައިނާ އާއި ރަޝިޔާގެ އެދުމުގެ މަތިން އުނިކުރުމަށް ފަހު އެވެ.

އޭގެ އިތުރުން، އެންމެ ފުރަތަމަ ތައްޔާރުކުރި ދެލިކޮޕީގައި އިޒްރޭލުގެ ނަން ބަޔާންކޮށްފައި ނެތުމުން، ޝީރީން މަރުވީ އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ހިންގި އަސްކަރީ ހަރަކާތެއްގައިކަން ދޭހަވާ އިބާރާތެއް އެ ބަޔާނަށް އިތުރުކުރީ ވެސް ޗައިނާ އިން ހުށަހެޅުމުންނެވެ. އެ ބަޔާން ތައްޔާރު ކުރުމަށް މިދިޔަ ހުކުރު ދުވަހު، ސަލާމަތީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ސިއްރު ބައްދަލުވުންތަކެއް ވަނީ ބާއްވައިފަ އެވެ.

އިޒްރޭލު ސިފައިން ބަޑި ޖަހައި ޝީރީން މަރައިލީ، ހުޅަނގު އައްސޭރީގެ ޖެނީން ފޭލިގެ އަވަށަށް އިޒްރޭލު ސިފައިން ހަތިޔާރާ އެކު ވަދެގަނެ އެ ފޭލިގޭ އަވަށުގައި ދިރިއުޅޭ ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގި އުދުވާނީ އަމަލުތަކެއްގެ ޚަބަރުތައް އަލް ޖަޒީރާ ޓީވީ މެދުވެރިކޮށް ގެނެސްދިނުމުގެ މަސައްކަތުގައި އުޅެނިކޮށެވެ.

އިޒްރޭލު ސިފައިން އޭނާގެ ބޮލަށް ބަޑިޖެހީ، ނޫސްވެރިން އާންމުކޮށް ބޭނުންކުރާ "ޕްރެސް" ޖަހާފައިވާ ގަދަ ނޫކުލައިގެ ޖެކެޓާއި ނޫކުލައިގެ ހެލްމެޓް ވެސް އަޅައިގެން ހުއްޓަ އެވެ. އިޒްރޭލު ސިފައިން ޖެހި ބަޑީގެ އުންޑަ އަރާފައިވަނީ ޝީރީން އަޅައިގެން ހުރި ހެލްމެޓުން ނެއްޓޭ ވަރަށް ކަންފަތް ކައިރިން ބޮލަށެވެ.

އަލް ޖަޒީރާ ޓީވީން ބުނި ގޮތުގައި އިޒްރޭލު ސިފައިން ޝީރީންގެ ބޮލަށް ބަޑި ޖެހީ، އޭނާއަކީ ކީއްކުރަން އެ ސަރަހައްދުގައި އުޅުނު ކާކުކަން އިޒްރޭލު ސިފައިންނަށް ރަނގަޅަށް އެނގި ތިބެ، އޭނާ މަރައިލުމުގެ ގަސްދުގަ އެވެ.

ޝީރީންގެ ޖަނާޒާ މިދިޔަ ހުކުރު ދުވަހު އަލް ގުދުސްގެ މަގުތަކުގައި ބޭއްވި އިރު، އިޒްރޭލު ސިފައިން ވަނީ އެކަމަށް ވެސް ހުރަސްއަޅައި، ޖަނާޒާގައި ބައިވެރިވި ފަލަސްތީނުގެ ޒުވާނުންނަށް ހަމަލާދީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. އިޒްރޭލު ސިފައިން އަސްތަކުގެ މަތީގަޔާއި ފައިމަގުގައި އުޅެމުން، ޖަނާޒާގެ ބައިވެރިންގެ ގައިގައި މުގުރުން ތަޅައި އަނިޔާކުރަމުން ދިޔުމުން، ޝީރީން ސަންދޯއް ވެސް ބިންމައްޗަށް ނުވެއްޓުނީ ކިރިޔާ އެވެ.

އިޒްރޭލު ސިފައިން އެ ހުރިހާ އަނިޔާވެރި އަމަލުތަކެއް ހިންގަމުން ދިޔައީ، ބައިނަލްއަގުވާމީ މީޑިއާތަކުން އެ މަންޒަރުތައް ވަގުތުން ދުރަށް ދައްކަމުން ދަނިކޮށެވެ. ނަމަވެސް ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ބަޔާނުގައި، ޝީރީންގެ ޖަނާޒާ އަށް އިޒްރޭލު ސިފައިން ހުރަސްއެޅި ވާހަކަ ބަޔާންކޮށްފައެއް ނެތެވެ.