Roadha Mihaaru

ލަފާކުރި މިންވަރަށް ވުރެ މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީ އިތުރުވެ، 2.2 ބިލިއަނަށް

މިދިޔަ މަހު މޯލްޑިވްސް އޮންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަތް އާމްދަނީ 2.2 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

މިދިޔަ މަހު މީރާއަށް 2.2 ބިލިއަން ރުފިޔާ ބަލައިގަތް

މިދިޔަ މަހު މޯލްޑިވްސް އޮންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަތް އާމްދަނީ 2.2 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

މީރާ އިން ރޭ ނެރުނު މަންތުލީ ރިޕޯޓުން ދައްކާ ގޮތުން، މިދިޔަ މަހު ބަލައިގަތް އާމްދަނީ އަކީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 16.6 ޕަސެންޓު އިތުރު އަދަދެކެވެ. އަދި މިއީ، މިދިޔަ މަހު ލިބޭނެ ކަމަށް ކުރިން ލަފާކުރި މިންވަރަށް ވުރެން 6.7 ޕަސެންޓު އިތުރު އަދަދެއް ކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ.

މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ނޮވެމްބަރު މަހުގެ އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި އެއާޕޯޓު ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ހިމެނެ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދަށް ވުރެ މި އަހަރުގެ އެ މުއްދަތުގައި އައި އަދަދު 10.3 ޕަސެންޓު އިތުރުވުމަކީ، ޓޫރިޒަމުން ލިބުނު އާމްދަނީ އިތުރުވި ސަބަބު ކަމަށް މީރާއިން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން، ގްރީން ޓެކްސްގެ ރޭޓާއި އެއާޕޯޓު ޓެކްސް އަދި ފީ ތަކުގެ ރޭޓުތައް ބޮޑުކުރުމަކީ ވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށް ވުރެ މި އަހަރުގެ ނޮވެމްބަރު މަހު ލިބުނު އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާ އިން ބުންޏެވެ.

ދައުލަތުގެ ޓެކްސް އިދާރާ އިން ބުނި ގޮތުގައި، ނޮވެމްބަރު މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ، ޓޫރިޒަމުން ލިބިފައިވާ 1.3 ބިލިއަން ރުފިޔާގެ ޖީއެސްޓީ އެވެ. ދެވަނަ އަށް އެންމެ ގިނައިން، 191.06 މިލިއަން ރުފިޔާ ލިބިފައި ވަނީ ގްރީން ޓެކްސްގެ ގޮތުގަ އެވެ. އަދި އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 175.87 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޑިޕާޗާ ޓެކްސްގެ ގޮތުގައި 164.99 މިލިއަން ރުފިޔާ ލިބިފައި ވެ އެވެ.

އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 131.67 މިލިއަން ރުފިޔާ ލިބުނުއިރު، ވޯކްޕާމިޓް ފީގެ ގޮތުގައި 63.86 މިލިއަން ރުފިޔާ ނޮވެމްބަރު މަހު މީރާ އަށް ވަނީ ބަލައިގެންފަ އެވެ.

މީރާގެ ރިޕޯޓުން ދައްކާ ގޮތުން، ނޮވެމްބަރު މަހު މީރާ އަށް ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 103.23 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެ އެވެ.