Roadha Mihaaru

އިންފްލޭޝަން އެންމެ ބޮޑު ހިއްސާއެއް ދުންފަތުގެ ބާވަތްތަކުން

ތަކެތީގެ އަގު އުފުލުމުގެ ނުވަތަ އިންފްލޭޝަންގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ދުންފަތުގެ ބާވަތްތަކުގެ އަގުތައް އުފުލުން ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފި އެވެ.

އިންފްލޭޝަން އެންމެ ބޮޑު ހިއްސާއެއް ދުންފަތުން
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

13 ޑިސެމްބަރ 2025

ތަކެތީގެ އަގު އުފުލުމުގެ ނުވަތަ އިންފްލޭޝަންގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ދުންފަތުގެ ބާވަތްތަކުގެ އަގުތައް އުފުލުން ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފި އެވެ.

އެ އިދާރާ އިން އާންމުކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުން އިންފްލޭޝަންގެ އެނުއަލް ރޭޓުގެ 2.11 ޕަސެންޓު ނިސްބަތްވަނީ ދުންފަތުގެ ބާވަތްތަކަށެވެ. މޭވާގެ ބާވަތްތަކުން 0.61 ޕަސެންޓު ހިއްސާވާ އިރު މަހުގެ ބާވްތަކުންގެ އަގުން 0.36 ޕަސެންޓް ހިއްސާ ކުރެ އެވެ.

މަހުންމަހަށް ބަލާ އިރު މިދިޔަ ސެޕްޓެމްބަރު މަހު އިންފްލޭޝަން ހުރީ 3.9 ޕަސެންޓުގަ އެވެ. އެއީ އޮގަސްޓް މަހަށް ވުރެ 0.4 ޕަސެންޓުގެ ދަށްވުމެވެ. އެ މަހުގެ އިންފްލޭޝަންގެ އެންމެ ބޮޑު ހިއްސާއެއް ކުރީ ކަރަންޓް ހިދުމަތުގެ އަގު އުފުލުމުންނެވެ.

މި އަހަރު އިންފްލޭޝަން އެންމެ ބޮޑަށް އުފުލިފައިވަނީ އޭޕްރީލް މަހު އެވެ. އެ މަހު އިންފްލޭޝަން ވަނީ 5.9 ޕަސެންޓަށް އަރައިފަ އެވެ. މި އަހަރު ފެށުނު އިރު އިންފްލޭޝަން ހުރީ 5.6 ޕަސެންޓުގަ އެވެ. މި އަހަރުގެ އެންމެ ބޮޑަށް އިންފްލޭޝަން ދަށްވެފައިވަނީ ސެޕްޓެމްބަރު އެވެ.

ސެޕްޓެމްބަރު މަހު މާލެ ސަރަހައްދުގެ އިންފްލޭޝަން ހުރީ 3.3 ޕަސެންޓުގަ އެވެ. އަދި އަތޮޅުތެރޭގެ އިންފްލޭޝަން ހުރީ 4.8 ޕަސެންޓުގަ އެވެ. އަތޮޅުތެރޭގެ އިންފްލޭޝަންގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ކާބޯތަކެތީގެ އަގުތައް އުފުލުމެވެ.