Roadha Mihaaru

މިދިޔަ މަހު އަމިއްލަ ދެ ހޮސްޕިޓަލުން ބޭސްފަރުވާގެ އެހީއަށް އެންސްޕާއިން 7.6 މިލިއަން ރުފިޔާ

މާލެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު އަމިއްލަ ދެ ހޮސްޕިޓަލް ކަމަށްވާ، އޭޑީކޭ އާއި ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ހޯދާފައިވާ ފަރުވާތަކަށް ބޭސްފަރުވާގެ އެހީ ޕްރޮގްރާމްގެ ދަށުން މިދިޔަ މަހު ގާތްގަނޑަކަށް 7.6 މިލިއަން ރުފިޔާ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހަމަޖައްސައިދީފި އެވެ.

އަމިއްލަ ދެ ހޮސްޕިޓަލުން ބޭސްފަރުވާކުރަން 7.6މިލިއަން

މާލެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު އަމިއްލަ ދެ ހޮސްޕިޓަލް ކަމަށްވާ، އޭޑީކޭ އާއި ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ހޯދާފައިވާ ފަރުވާތަކަށް ބޭސްފަރުވާގެ އެހީ ޕްރޮގްރާމްގެ ދަށުން މިދިޔަ މަހު ގާތްގަނޑަކަށް 7.6 މިލިއަން ރުފިޔާ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހަމަޖައްސައިދީފި އެވެ.

އެންސްޕާއިން މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ހޯދި ފަރުވާތަކަށް އެހީއަށް އެދުނު 278 ކޭސްއަކަށް 4.5 މިލިއަން ރުފިޔާ ހަމަޖައްސައި ދިނެވެ.

އޭގެ ތެރެއިން 1.2 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފައިވަނީ ކަށީގެ ބަލިތަކުގެ 44 ކޭސް އަކަށެވެ. ދެވަނައަށް އެންމެ ގިނައިން އެހީ ދީފައިވަނީ ކުޑަކުދިންގެ ބަލިތަކަށެވެ. އެގޮތުން، 19 ކޭސްއަކަށް 871،000 އަށް ވުރެ ގިނަ ރުފިޔާގެ އެހީ ވަނީ ދީފަ އެވެ.

މީގެ އިތުރުން ވިހެއުމުގެ ތަފާތު 60 ކޭސްއަކަށް ވެސް ޓްރީ ޓޮޕް ހޮސްޕިޓަލަށް 820،000ރ. އަށް ވުރެ ގިނައިން އެންސްޕާއިން މިދިޔަ މަހު ދޫކޮށްފައި ވެ އެވެ.

އޭޑީކޭ ހޮސްޕިޓަލުން މިދިޔަ މަހު އެހީއަށް އެދުނު ތަފާތު 166 ކޭސްއަކަށް 3.05 މިލިއަން ރުފިޔާގެ އެހީ އެންސްޕާއިން ފޯރުކޮށްދިން ކަން ހިސާބުތަކުން ދައްކަ އެވެ.

އޭޑީކޭއިން ހޯދި ފަރުވާތަކުގެ ތެރެއިން އެންމެ ގިނައިން އެހީ ފޯރުކޮށްދީފައިވަނީ މައިބަދަ އާއި ނާރުގެ ބަލިތަކަށް ފަރުވާކުރުމަށެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ހުޅުވި އަމިއްލަ ހޮސްޕިޓަލް އޭޑީކޭ އިން 17 ކޭސްއަކަށް އެންސްޕާއިން ވަނީ 754،00 އަށް ވުރެ ގިނަ ރުފިޔާ އެހީ ދީފަ އެވެ.

އޭޑީކޭ އަށް ބަލާއިރު ދެވަނައަށް އެންމެ ބޮޑު އެހީއެއް ދީފައިވަނީ، ހިތުގެ އެކި ބަލިތަކުގެ ތަފާތު 16 ކޭސްއަކަށް 618،000 އަށް ވުރެ ގިނަ ރުފިޔާ އެވެ.

އެއާއެކު، މިދިޔަ މަހު އެ ދެ ހޮސްޕިޓަލުން ފަރުވާ ހޯދި 444 ކޭސްއަކަށް ޖުމްލަ 7،598،203.12ރ. ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ތެރެއިން ދޫކޮށްފައިވާކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.