Roadha Mihaaru

އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލާ މީހުންނަށް ތިން ކޮޓަރީގެ ފްލެޓް ދެވޭ ގޮތް ހަދައިފި

ސަރުކާރުގެ ކުރީގެ ހައުސިން ސްކީމްތަކުން އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުން އެތަން ދޫކޮށްލުމުން މި ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭނެ ގޮތް ހަދައިފި އެވެ.

އެއްކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ތިން ކޮޓަރި ފްލެޓްދެނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

16 ޑިސެމްބަރ 2025

ސަރުކާރުގެ ކުރީގެ ހައުސިން ސްކީމްތަކުން އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުން އެތަން ދޫކޮށްލުމުން މި ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭނެ ގޮތް ހަދައިފި އެވެ.

މި ސަރުކާރުގެ ފްލެޓު ދިނުމުގެ އުސޫލަށް އެ ބަދަލު ގެނައިކަން އިއުލާން ކުރެއްވީ، މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަން ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިމާދުއްދީގެ ސްކޫލް ހޯލުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒެވެ.

މިހާރު އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުން އެ ތަން ދޫކޮށްލުމުން ސަރުކާރުގެ އެހެން ހައުސިން ސްކީމަކަށް ނުވަތަ ގޯއްޗަށް އެޕްލައި ކުރެވޭނެ ގޮތް ހަދައިދޭން އާންމުން އެދުނީ މާފަންނުގެ ރައްޔިތުންނާ އެކު މި މަހު ފަސް ވަނަ ދުވަހު ރައީސް ބޭއްވި ބައްދަލުވުމުގަ އެވެ.

"ވަރަށް ގިނަ ރައްޔިތުން އެދުނު، ކުރީގައި ސަރުކާރުން ލިބިފައިވާ އެއް ކޮޓަރީގެ ފްލެޓު ލިބިފައިވާ ފަރާތްތަކަށް ކުރިމަތިލެވޭ ކަހަލަ ގޮތެެއް ހެދޭނެތޯ. އެކަމާ އަޅުގަނޑުމެން ވަރަށް ތަފުސީލީ ގޮތެއްގައި ބަލައި ހަދައި ނިންމާފައި ކުރީ ރޭ އޮތް ބައްދަލުވުމުގައި އަޅުގަނޑު ވާނީ އެ ވާހަކަ ދަންނަވާ ވެސް ލާފައި،" ރައީސް ވިދާޅުވި އެވެ.

"މިހާރު މި ހުޅުވާލާ ސްކީމުގައި އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ވެސް ފޯމު ހުށަހެޅޭނެ ގޮތަށް އުސޫލު ބަދަލުކުރެވިފައި ވާނީ. ކުރިމަތިލައިގެން ހޮވޭ ފަރާތްތަކުން އެ އޮންނަ އުސޫލުން އެތަން [އެއް ކޮޓަރީގެ ފްލެޓް] ދޫކޮށްލާފައި މި ސްކީމުން ލިބޭ ތިން ކޮޓަރީގެ ފްލެޓަށް ދާ ގޮތަށް."

ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން މާލެ ސަރަހައްދުން 7،500 ހައުސިން ޔުނިޓާއި 15،000 ގޯތި ދޫކުރާ ވަނީ ނިންމައިފަ އެވެ.

މާލޭ ރަށްވެހިންނަށް ފްލެޓު ދިނުމަށް މި ސަރުކާރުން ބަލަން ކަނޑައަޅާފައިވާ ޝަރުތުތަކަކީ އުފަންވީއްސުރެ މާލޭގެ ރަޖިސްޓްރީގައި ޖެހިފައިވުމާއި މާލޭ ރަށްވެހިންގެ ދަފުތަރުގައި ޖެހިފައިވުން އަދި ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓްރީގައި ޖެހިފައިވުމެވެ.

މި ސަރުކާރުން ދޭ 15،000 ގޯތީގެ ތެރެއިން 10،000 ގޯއްޗަކީ މާލޭގެ ރަށްވެހިންނަށް ދޭ ގޯތިތަކެވެ. މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވެފައިވާ މީހުންނަށް 3،000 ގޯތި އަދި މުޅި ގޯތި އެއްކޮށް ދޫކޮށްލާ މީހުންނަށް ލާޖައްސާ އުސޫލުން 1،500 ގޯތި އަދި މައިމުޅަވެފައިވާ މީހުންނަށް 450 ގޯތި ހާއްސަ ކޮށްފައިވެ އެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި، މާލެ ރަށްވެހިންގެ ތެރެއިން ގޯތި ސްކީމަށް އެދެވޭނީ މާލޭގެ ރަށްވެއްސަކަށްވެ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށް ކަމަށް ކަނޑައަޅާފައި އޮތް ޝަރުތު މުރާޖައާ ކުރުމާ މެދުގައި ވިސްނަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.