Roadha Mihaaru
މަޝްވަރާ އަށް ގޮވާލަން ސަރުކާރުން ލަދުގަންނަން ޖެހޭނެ

މަޝްވަރާ އަށް ގޮވާލަން ސަރުކާރުން ލަދުގަންނަން ޖެހޭނެ: ގާސިމް

03 އެޕްރީލް 2017

އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރުމުގެ ހިތްވަރެއް ސަރުކާރުގެ ކިބައިގައި ނެތް ކަމަށާއި މަޝްވަރާގެ މޭޒަށް ދިއުމަށް ގޮވާލަން ސަރުކާރު ލަދުގަންނަން ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރުމުގެ ހިތްވަރެއް ސަރުކާރުގެ ކިބައިގައި ނެތް ކަމަށާއި މަޝްވަރާގެ މޭޒަށް ދިއުމަށް ގޮވާލަން ސަރުކާރު ލަދުގަންނަން ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ހަރުގެ، ކުނޫޒްގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ސަރުކާރުން ކޮންމެ ފަހަރަކު ވެސް މަޝްވަރާ އަށް ގޮވާލަނީ އިހްލާސްތެރިކަމެއް އޮވެގެން ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އެކަން ކުރަނީ "ދަޅަކަށް ބޮލި އަޅައިގެން ތަޅުވާހެން، ތަޅުވާ" އުސޫލުންނެވެ.

ސަރުކާރުން އިދިކޮޅު ފަރާތްތަކާ އެކު ކުރިން މަޝްވަރާ ކުރިއިރު، އެ ފަރާތްތަކުގެ އެއްވެސް ހުށަހެޅުމެއް ސަރުކާރުން ގަބޫލު ނުކުރި ކަމަށާއި މަޝްވަރާ ކުރުމުގެ އެއްވެސް ގާބިލް ކަމެއް ސަރުކާރުގެ ކިބައިގައި ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ.

"ތިކަމެއް ނުވާނެ، މިކަމެއް ނުވާނެ، މިހެން ގޮސް ހުށަހެޅި އެއްވެސް ކަމެއް ސަރުކާރުން ބަލައިގަންނާކަށް އޭރު ބޭނުމެއް ނުވި. ދެން ކޮން ބަޔަކާ، ކިހިނެތް، ކޮން ވާހަކައެއް ދައްކަންތޯ ތި އުޅުއްވަނީ؟. ހުރިހާ ޕާޓީތަކުގެ ލީޑަރުން ތިބީ އަސީރުންގެ ގޮތުގައި ހިފައި ހައްޔަރުކޮށްފައި،" ގާސިމް ވިދާޅުވި އެވެ.

"ފާރިސް މައުމޫން ފުލުސް އޮފީހަށް ދަމަނީ. ނަޝީދާ ދެކޮޅަށް އަނެއްކާ އަނެއް މައްސަލަ ހުށަހަޅައިފި. އިމްރާން ގޭގައި ހައްޔަރުކޮށްފައި."

ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ މަޝްވަރާ އަށް ގާސިމް ފާޑުވިދާޅުވިއިރު މިދިޔަ މަހުގެ 30 ގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެފައި ވަނީ މަޝްވަރާގެ ދޮރު ވަނީ ހުޅުވިފައި ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާގައި އިށީންނަން ސަރުކާރުން ޖެހިލުމެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް ނުގެންދެވިގެން ހުއްޓިފައިވާ މަޝްވަރާގެ ވާހަކަ ކުއްލި ގޮތަކަށް ސަރުކާރުން ފެށީ، ސަރުކާރާ ދެކޮޅު ކޯލިޝަނެއް އެކުލަވާލައި ވަރުގަދަ މަސައްކަތްތަކެއް ފެށުމުން އެކަމާ ބިރުން ކަމަށް ބުނެ އިދިކޮޅު މީހުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

މިރޭގެ ޖަލްސާގައި ގާސިމް ވިދާޅުވި ގޮތުގައި ސިޔާސީ މީހުން ހައްޔަރު ކުރުން ނޫން ކަމެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކަށް ނުކުރެވެ އެވެ. އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރުމުގެ އެއްވެސް ކެތްތެރިކަމެއް، ހިތްވަރެއް ވެސް ސަރުކާރުގެ ކިބައިގައި ނެތް ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި ޑިމޮކްރަސީ އަކީ ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ އެއްޗެއް ނޫނެވެ.

އިދިކޮޅު އިއްތިހާދުގެ މިރޭގެ ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަނީ:---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އިދިކޮޅު އިއްތިހާދުގެ މިރޭގެ ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަނީ:---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"ޑިމޮކްރަސީ އަށް އިހްތިރާމް ކުރާކަށް އެމަނިކުފާނަށް އެނގިވަޑައެއް ނުގަންނަވާނެ. ރައީސް ޔާމީން ލަދުފުޅުގަންނަވަން ވާނެ ޑިމޮކްރަސީއޭ މަޝްވަރާއަށް އަންނާށޭ ވިދާޅުވާން. އެއީ އިހްލާސްތެރި ނިޔަތާ އެކު އެމަނިކުފާނު ވިދާޅުވާ އެއްޗެއް ނަމަ މިއަދު މި ހާލަތަށް މިގައުމު އަންނާކަށް ނުޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.

"ކޮން ޕާޓީއަކަށް ތޯ ދައުވަތު ދެއްވަން ތި އުޅުއްވަނީ؟. މަނިކުފާނަށް ކެރިވަޑައިގަންނަވާނެތޯ އޮޕޮޒިޝަނާ އެކީގައި އިށީނދެވަޑައިގެން ވާހަކަފުޅު ދައްކަވަން؟. މަނިކުފާނުގެ ނެތް އެ ހިތްވަރެއް އަދި ކެތްތެރިކަމެއް ވެސް. އެހެންވީމަ މަނިކުފާނުގެ ކިބައިގައި ނެތް ކަމެއްގެ ވާހަކައެއް ދައްކަވަން ނޫޅުއްވާ،" ގާސިމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އެކުލަވާލާފައިވާ އިއްތިހާދުން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އެކުލަވާލާފައިވާ އިއްތިހާދުން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ގާސިމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނައި މީހުން މިހާރު ތިބި ހާލަތަށް ބަލައި، އެކަމުން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ އޭގެ ކުޑަ މިސާލެއް ކަން ފާހަގަ ކުރައްވައި، ގާސިމް ވިދާޅުވީ މިހާރު ރައީސް ޔާމީންގެ އަރިހުގައި ތެދުވެރި ނިޔަތާ އެކު ތިބީ މަދު ބައެއް ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އެކުލަވާލާފައިވާ އިއްތިހާދުން ޖުމްހޫރީ ޕާޓީގެ ހަރުގެ، ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގައި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން (ކ) އަދި އެމްޑީޕީގެ ޑރ. މުސްތަފާ ލުތުފީ ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އެކުލަވާލާފައިވާ އިއްތިހާދުން ޖުމްހޫރީ ޕާޓީގެ ހަރުގެ، ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގައި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން (ކ) އަދި އެމްޑީޕީގެ ޑރ. މުސްތަފާ ލުތުފީ ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"އެއީ ވެސް އިންސާނުންނޭ އިނގޭތޯ. ޔާމީނަށް އޮޅިވަޑައިގެން ނޫޅުއްވާ އިނގޭތޯ. މިހާރު މަނިކުފާނު އަރިހު އެއްވެސް މީހަކު ނެތް. އެންމެންނަށް އެނގިއްޖެ މަނިކުފާނުގެ އެތެރެ އާއި ބޭރު. އިހްސާންތެރިކަން އަދާކޮށްދީ، ޚިދުމަތްތަކެއް ކޮށްދިން ކޮންމެ މީހަކު އެހެރީ ދުއްވާލާފައި،" ރައީސް ޔާމީން ވެރިކަމަށް ގެންނަން އިސްކޮށް މަސައްކަތް ކުރެއްވި ގާސިމް ވިދާޅުވި އެވެ.

މުއައްސަސާތައް ބޭނުންކޮށްގެން މީހުންނަށް ބިރު ދައްކަމުން ދިޔަޔަސް އެކަމަށް ޖެހިލުންވެ ވަޑައިނުގަންނަވާ ކަމަށާއި ނުހައްގުން އެއްވެސް ކަމެއް ކުރައްވާފައި ނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ. ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށް، މުދާ ހިފަހައްޓަން އުޅޭއިރު ސަރުކާރުން ވިލާ އަށް ދޭން ޖެހިފައި ހުރި ފައިސާ ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.