Roadha Mihaaru
އިދިކޮޅު ލީޑަރުން ތިބީ ފުޅިއެއްގައި ބަންދުވެފައި:ރައީސް

އިދިކޮޅު ލީޑަރުން ތިބީ ފުޅިއެއްގެ ތެރޭގައި، މަތި ނެގެން އޮތީ ނަޝީދަށް އެކަނި: ރައީސް ޔާމީން

29 އޯގަސްޓް 2018

އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ "ފުޅިއެއް" ގެ ތެރޭގައި ބަންދުވެފައި ކަމަށާއި އެ "ފުޅީގެ" މަތި ނެންގުމުގެ ބާރު އޮތީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅުގައި އެކަނި ކަމަށް، ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ "ފުޅިއެއް" ގެ ތެރޭގައި ބަންދުވެފައި ކަމަށާއި އެ "ފުޅީގެ" މަތި ނެންގުމުގެ ބާރު އޮތީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅުގައި އެކަނި ކަމަށް، ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ނ. ވެލިދޫގެ ނަރުދަމާގެ ނިޒާމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކޮށްދެއްވުމަށް އެ ރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނަށް މިހާރު ކުރިމަތިވެވަޑައިގަންނަވާ ކޮންމެ މައްސަލައެއް ވެސް ދިމާވަނީ، ރައްޔިތުންގެ ހައްގުގައި ވަކި ކަހަލަ ކަންތައްތަކެއް ކޮމްޕްރޮމައިސް ނުކުރައްވާނެ އުސޫލުތަކެއްގެ މަތީގައި ހުންނަވާތީ ކަމަށެވެ. އެކަމަކު، އެހެން ހުރިހާ ލީޑަރުން މިހާރު އެއް ފުޅިއަކަށް ލާފައި ބަންދުކޮށްލެވޭނެ ކަމަށާއި އެ ފުޅީީގެ މަތި ނެގެން އޮތީ، ނަޝީދު ދޫކޮށްލުމުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ފުޅީގެ މަތި އަނބުރާލުމުގެ ބާރު އިބޫ، ފައިސަލް [އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ރަނިންމޭޓު ފައިސަލް ނަސީމް] އަކަށް ނެތް. ކޮންމެ ފަހަރަކު ވެސް، މަތި ބާރުތޯ ކޮށްލާނީ، ނޫނީ ދޫކޮށްލާނީ ތޯ ބަލަން އިބޫއަށް ދާން ޖެހޭނީ ސިލޯނަށް،" ނަޝީދާ ބައްދަލުކުރެއްވުމަށާއި ސްރީ ލަންކާގައި ކެމްޕެއިން ޖަލްސާއެއް ބޭއްވެވުމަށް އިބޫ އިއްޔެ އެ ގައުމަށް ކުރެއްވި ދަތުރުފުޅާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި އެވެ.

"އޭރު އެކަކު އަނެކަކަށް ލަގަބު ދީގެން އުޅުނު މީހުން އެ ތިބީ ފުޅި ތެރޭގައި. ނޭވާ ލެވޭކަށް ވެސް ނެތް. ފުޅިިން ނުކުމެވޭކަށް ވެސް ނެތް. ފުޅީގެ ތަޅުދަނޑި މިއޮތީ ރައީސް ނަޝީދުގެ އަތަށް ދީފައި."

ވެލިދޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ވެލިދޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ސަރުކާރު ނިމުމަކަށް އައި ގޮތާއި އިންޑިއާގެ ޖީއެމްއާރު ކުންފުނި އަތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު އަތުލުމަށް، އިދިކޮޅު އިއްތިހާދުގައި މިހާރު މަސައްކަތް ކުރައްވާ ބައެއް ބޭފުޅުންނާ އެކުގައި ކުރެއްވި މަސައްކަތްތަކުގެ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެ އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އާއްމު ފަހަރުތަކާ ހިލާފަށް، މިރޭ އެ މަނިކުފާނުގެ ފާޑުވިދާޅުވުން ބޮޑަށް އަމާޒު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމާއި އެ ޕާޓީއާ ފަހުން ގުޅިވަޑައިގެން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި އޭނާއާ އެކުގައި މަސައްކަތް ކުރައްވާ ކުރީގެ މިނިސްޓަރުން ކަމުގައިވާ މުހައްމަދު މަލީހް ޖަމާލް އަދި އަބްދުﷲ އަމީނަށެވެ.

އަދި އަދާލަތު ޕާޓީއަށް ވެސް ރައީސް ޔާމީންގެ ބަހުގެ ހަމަލާތައް އަމާޒު ކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ބޭފުޅުންނަކީ ސިޔާސީ ގޮތުން އެއްވެސް އުރައްޕެއް ހުރި ބޭފުޅުންނެއް ނޫނެވެ. އަދި އެ މަނިކުފާނު އެ ބޭފުޅުން ސިފަ ކުރެއްވީ، ހަނދާން ބަލި، ދުލި ބަދަލު ކުރައްވާ ބައެއްގެ ގޮތުގަ އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ހުރިހާ މައްސަލައެއް ވެސް ފެށިގެން އައީ، ދިވެހިންގެ ފަހުރު ކަމުގައި ދެކޭ ހުޅުލޭ އެއާޕޯޓު، ޖީއެމްއާރު ކުންފުންޏަށް ވިއްކައިލުމުން ކަމަށެވެ. އަދި އެ މަނިކުފާނާ އެކު، ގާސިމާއި ޖަމީލް ފަދަ ބޭފުޅުން އޭރު މަސައްކަތް ކުރެއްވީ އެ އެއާޕޯޓު ދިވެހިންނަށް އަނބުރާ ހޯދައިދިނުމަށް ކަމަށާއި އެކަމަކު އެކަން އެއްވެސް ބޭފުޅަކު މިހާރު ހަނދާން ނުހުންނަ ކަމަށް ވިދާޅުވި އެވެ.

"އެކަމުގައި އަޅުގަނޑު ލީ ޖަލަށް. ހަސަން ސައީދަކަށް ކަމެއް ނުވޭ. ޖަމީލު އެކި ފަހަރު މަތިން ޖަލަށް ލި. ގާސިމަށް ލިބުނީ ހޯމް މިނިސްޓަރުކަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އިދިކޮޅު ކޯލިޝަނާ އެކު ޑރ. ޖަމީލު މިހާރު މަސައްކަތްޕުޅު ކުރެއްވި ނަމަވެސް، އިދިކޮޅުގެ އެއްވެސް މީހަކު އޭނާއަށް ޑޮކްޓަރުގެ ލަގަބު ނުދޭނެ ކަމަށެވެ. އަދި "ކިތަންމެ ވަރަކަށް ގޮނޑިއަށް އެރިޔަސް، އަމީނާއި މަލީހަށް، ދިޔަ ހިއްކާލަން ފައި ވެސް ނުދޭނެ" ކަމަށް ރައީސް ވިދާޅުވި އެވެ.

"[އެ ބޭފުޅުން] އެކޮޅަކަށް ވެސް ލައްވައެއް ނުލި. މިކޮޅަކަށް ވެސް ލައްވައެއް ނުލި. ޔޫރަޕަށް ވެސް އިންޑިއާ އަށް ވެސް ލައްވައެއް ނުލި. ބަލައި ގަންނާނެ އެކަކު ވެސް ނެތް،" ޖުމްހޫރީ ޕާޓީގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލްގެ ޓީމަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

"އެކަމަކު އެކަން އެއިން އެކަކު ވެސް ހަނދާނެއް ނުހުންނާނެ."

ރައީސް ވިދާޅުވީ، އެއާޕޯޓު އަތުލާ ހޯދަން ކުރި މަސައްކަތުގައި ބައެއް ބޭފުޅުން ޖަލަށް ލީ ނަމަވެސް، ގާސިމް އެކަމުން ސަލާމަތްވެ، މިނިސްޓަރުކަން ލިބިވަޑައިގެންނެވީ އެއީ ފަސޭހައިން "ދުލި" ބަދަލު ކުރައްވާ ބޭފުޅަކަށް ވުމުން ކަމަށެވެ. އޭނާ އުޅުއްވާނީ އެ ފަހަރަކު ފަސޭހަ ގޮތަކަށް ކަމަށާއި އެކަމަކު އެކަންކަން ހަނދާން ނެތީ، އުމުރުން ދޮށިވީމާ ކަމަށް ވިދާޅުވި އެވެ.

މީގެ ހަތް އަހަރު ކުރިން، 2011 ވަނަ އަހަރުގެ ޑިސެމްބަރު 23 ގައި ރާޅުގަނޑު ސަރަހައްދުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާއަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އަދާލަތު ޕާޓީގެ އިސްވެރިން އޭރު އެތަނުގައި، ލާދީނީ ސަރުކާރެއްގެ ވާހަކަތައް ދެއްކެވި ކަމަށެވެ. އިސްލާމް ދީނުގެ ހިމާޔަތުގެ ނަމުގައި ބޭއްވި އެ މުޒާހަރާގައި، އެ ބޭފުޅުން "އަޑަށް ލެވުނު ބާރެއް ލާފައި، ގުރުއާނާއި ހަދީސުން އެނގިވަޑައިގެންނެވި ހުރިހާ ކަމެއް ރާއްޖޭގެ ހާލަތަށް ފައްތަމުން ގެންދިޔަ" ކަމަށް ވިދާޅުވި އެވެ.

"އޭރު އެ ކުރި ކަންތައް މިހާރު ހަނދާނަކު ނުހުރޭ. އެ އާޔަތްތައް އެގޮތުގައި ހުންނާނެ. އެކަމަކު އެކަން ހަނދާން ނެތިގެން އުޅެނީ،" އަދާލަތު ޕާޓީއަށް ފާޑު ވިދާޅުވެ، ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މި ހުރިހާ ކަމަކުން ވެސް، މިހާރު އިދިކޮޅުގައި ތިއްބެވި ހުރިހާ ސިޔާސީ ބޭފުޅުންގެ އުރައްޕެއް ނެތްކަން އެނގޭ ކަމަށާއި ކޯލިޝަން ހެދުމަށް "އެކި ތަންތަނުން ނުކުތީ ހުސް އެ ފަދަ މީހުން" ކަމަށެވެ. އެކަމަކު އޭރު ވެސް އަދި މިހާރު ވެސް، ރައީސް ޔާމީން ހުންނެވީ އެއްގޮތެއްގެ މަތީގައި ކަމަށް ވިދާޅުވި އެވެ.

"އޭރު ވެސް އަޅުގަނޑުމެން މި ތިބީ ތިބި ތަނުގައި. މިހާރު ވެސް އަދި މާދަމާ ވެސް ތިބޭނީ އެ ގޮތުގައި. ދިވެހި ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ފިޔަވައި އިތުރު ބަޔަކު ނުނިކުމޭ،" ރައީސް ވިދާޅުވި އެވެ.