Roadha Mihaaru
"އެހެން ޕާޓީތަކުން އަރަން ޖެހޭނީ ޕީޕީއެމްގެ ފަހަތަށް"

އެހެން ޕާޓީތަކުން އަންނަން ޖެހޭނީ ޕީޕީއެމްގެ ފަހަތަށް: އަބްދުއްރަހީމް

03 އެޕްރީލް 2023

މި އަހަރުގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ މަޝްވަރާ ކުރުމުގެ ދައުވަތު ޕީޕީއެމަށް ދެއްވަން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވިޔަސް އެކަން ގަބޫލު ކުރެވެން ނެތް ކަަމަށާއި އެހެން ޕާޓީތަކުން އަންނަން ޖެހޭނީ ޕީޕީއެމްގެ ފަހަތަށް ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ މަޝްވަރާ ކުރުމުގެ ދައުވަތު ޕީޕީއެމަށް ދެއްވަން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވިޔަސް އެކަން ގަބޫލު ކުރެވެން ނެތް ކަަމަށާއި އެހެން ޕާޓީތަކުން އަންނަން ޖެހޭނީ ޕީޕީއެމްގެ ފަހަތަށް ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ މި ވަގުތު ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެހެން ވިދާޅުވީ، ޖޭޕީ އިސްވެ ކޯލިޝަން ހެދުމުގެ މަޝްވަރާގެ ދައުވަތު ޕީޕީއެމަށް ދެއްވަން ގާސިމް ނިންމެވިކަން މީޑިއާ އަށް މިއަދު ތިލަވުމުންނެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމާއި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ އެމްއެންޕީ އާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ވެސް އެ ދައުވަތު ދެއްވަން ގާސިމް ނިންމެވި އެވެ.

އެކަމާ ގުޅިގެން އަބްދުއްރަހީމް "މިހާރު" އަށް ވިދާޅުވީ، ޕީޕީއެމަކީ އެންމެ ބޮޑު ޕާޓީއަށް ވުމުން އެހެން ޕާޓީތަކުން އަރަން ޖެހޭނީ ޕީޕީއެމްގެ ފަހަތަށް ކަމަށެވެ.

"އެހެން ޕާޓީތަކުން ބޭނުމިއްޔާ އަޅުގަނޑުމެންނާއެކު ކޯލިޝަން ހެދޭނެ. އެކަމަކު އެ ޕާޓީތަކުން އަންނަން ޖެހޭނީ އަޅުގަނޑުމެންގެ ފަހަތަށް. އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން. އެ ނޫން އެއްވެސް ކެންޑިޑޭޓަކަށް ޕީޕީއެމް/ޕީއެންސީގެ ތާއީދެއް ނުލިބޭނެ،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަބަދުވެސް އުންމީދު ކުރަނީ ޕީޕީއެމް/ޕީއެންސީން އެކަނި ނުކުމެ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް މި އިންތިހާބު ކާމިޔާބު ކޮށްދެވޭނެ ކަމަށް."

އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެހެން އެއްވެސް ޕާޓީ އެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ނުކުރާނެ ކަމަށާއި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ.

"ގައުމަށް ހެޔޮ އެދި ވަޑައިގަންނަވާ ބޭފުޅުން މި ކޯލިޝަނާ ގުޅިވަޑައިގަންނަވާ. އެއީ ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް،" އަބްދުއްރަހީމްގެ ޓުވީޓުގައި ވެ އެވެ.

އެހެން ޕާޓީތަކުން ބޭނުމިއްޔާ އަޅުގަނޑުމެންނާއެކު ކޯލިޝަން ހެދޭނެ. އެކަމަކު އެ ޕާޓީތަކުން އަންނަން ޖެހޭނީ އަޅުގަނޑުމެންގެ ފަހަތަށް. އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން. އެ ނޫން އެއްވެސް ކެންޑިޑޭޓަކަށް ޕީޕީއެމް/ޕީއެންސީގެ ތާއީދެއް ނުލިބޭނެ،"--- އަބްދުއްރަހީމް

ޕީޕީއެމުން އަބަދުވެސް ބުނަނީ އެ ޕާޓީން އެހެން ކެންޑިޑޭޓެއް ނުވަތަ އެހެން ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށް ވިޔަސް އެ މަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ވަނީ ޖަލަށް ލައިފަ އެވެ. އެކަމަކު، އެ ހުކުމް އަދި ދެމިއޮތުމުން އެ މަނިކުފާނަށް ވަނީ ގާނޫނީ ގޮތުން ފުރުސަތު ގެއްލިފަ އެވެ. ނަމަވެސް އިސްތިއުނާފުގެ މަރުހަލާ ނިމޭ ގޮތަކުން އެ ފުރުސަތު ފަހިވާނެ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޖޭޕީގެ ޓިކެޓްގައި ނުކުމެވަޑައިގަންނަވަން ގާސިމް ނިންމެވިއިރު، އޭނާގެ ފަހަތުގައި މިހާރު ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ "ފިކުރެއްގެ ދިރުން" ޓީމެވެ. އެ ޓީމުން ގާސިމާއި ޖޭޕީގެ އެކި ބޭފުޅުންނާ އެކި ފަހަރު މަތިން ބައްދަލުކުރައްވައި ވަނީ މަޝްވަރާތައް ބާއްވައިފަ އެވެ. އިވޭ އަޑުތަކަށް ބަލާއިރު، ގާސިމްގެ ރަނިންމޭޓަކަށް ހަމަޖައްސަން ނަޝީދު ބޭނުންފުޅުވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.