Roadha Mihaaru

މަޖިލިހުގެ ޖަލްސާތައް ނުބާއްވާތީ މެމްބަރުންގެ ބޮޑެތި ފާޑު ކިޔުންތަކެއް

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ނުބާއްވާ ގިނަ ދުވަސްތަކެއް ވެފައިވާތީ އިދިކޮޅު ބައެއް މެމްބަރުން މިއަދު އެ ކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޖަލްސާ ނުބާއްވާތީ، ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެއްޖެ
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

04 އެޕްރީލް 2017

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ނުބާއްވާ ގިނަ ދުވަސްތަކެއް ވެފައިވާތީ އިދިކޮޅު ބައެއް މެމްބަރުން މިއަދު އެ ކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެބްރުއަރީ ހައެއްގައި ފެށި ފަހުން، މިހާތަނަށް ބޭއްވީ އެންމެ 10 ޖަލްސާ އެވެ. އެ ގޮތުން ފެބްރުއަރީ މަހުގެ ތެރޭގައި އަށް ޖަލްސާއެއް ބޭއްވި އިރު، މާޗް މަހުގެ ތެރޭގައި ބޭއްވީ އެންމެ ދެ ޖަލްސާ އެވެ. މި މަސް ފެށުނު ފަހުން އަދި މިހާތަނަށް އެއްވެސް ޖަލްސާއެއް ނުބާއްވަ އެވެ.

މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތް ވެސް އޮތީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. މަޖިލިހުގެ ގަވާއިދު ބުނާ ގޮތުން ކޮންމެ އާދިއްތަ، ހޯމަ، އަންގާރަ ދުވަހެއްގައި ޖަލްސާތައް ބާއްވަން ޖެހެ އެވެ. ގަވާއިދު ބުނާ ގޮތުން މި މަސް ނިމުމުން އެއް މަސްދުވަހަށް މަޖިލިސް ޗުއްޓީވާނެ އެވެ.

މަޖިލިހުގެ ޖަލްސާތައް މިހާރު މެދުކަނޑާލާފައި އޮތީ މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކު މަގާމުން ވަކިކުރުމުގެ މައްސަލަ އަންނަ އަންގާރަ ދުވަހު އޮންނާނެ ކަން މެމްބަރުންނަށް ނޯޓިސް ފޮނުވާފައި ވަނިކޮށެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ނޯޓިސް ފޮނުވާފައިވަނިކޮށް އެހެން މައްސަލައެއް އެޖެންޑާ ނުކުރެވޭނެ އެވެ. ނަމަވެސް ނޯޓިސް ފޮނުވުމުގެ ކުރިން ޖަލްސާތައް ނުބާއްވާކަށް ގަވައިދުގައި ނޯވެ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. މިދިޔަ މާޗް މަހުގެ ތެރޭގައި ބޭއްވި އެންމެ ދެ ޖަލްސާ. - ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. މިދިޔަ މާޗް މަހުގެ ތެރޭގައި ބޭއްވި އެންމެ ދެ ޖަލްސާ. - ފޮޓޯ: މަޖިލިސް

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވަނީ މިދިޔަ މަހުގެ 27 ގެ ފަހުން ޖަލްސާތައް ނުބާއްވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގި ގޮތާ މެދު ސުވާލު އުފެދޭތީތޯ ސުވާލު ކުރައްވައިފަ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ވޯޓު ނަގާފައި ވަނީ، ވޯޓުލާ ސިސްޓަމްގައި މައްސަލަ އުޅޭ ކަމަށް ބުނެ ކޮންމެ މެންބަރަކާ ވަކިވަކިން ސުވާލު ކޮށްގެންނެވެ. މި ގޮތަށް ވޯޓު ނަގަން ފާސްކޮށްފައި ވަނީ މައްސަލަ ޖެހިފައިވާ ކަމަށް ބުނި ސިސްޓަމް ބޭނުންކޮށްގެން ކަމަށް ވާއިރު މަޖިލީހަށް ހާޒިރުވެ ވަޑައިނުގަންނަވާ ބައެއް މެންބަރުން ވެސް ވޯޓު ދެއްވި ކަމަށް ސިސްޓަމުން ދެއްކި އެވެ. އަދި ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވާ ބައެއް ބޭފުޅުން ވޯޓު ދެއްވި ކަމަށް ވެސް ދައްކާފައިވެ އެވެ. އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދަވަނީ އެ ދުވަހު ނެގުނު ވޯޓަކީ ގަވާއިދާ ހިލާފު ބާތިލް ވޯޓެއް ކަމަށެވެ.

ވަހީދު ކުރެއްވި ޓުވީޓު.

މި ޓުވީޓާ ގުޅިގެން ވަހީދު ވިދާޅުވީ ރިޔާސަތުން މަޖިލިހުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ހިތު ހުރިހާ ގޮތަކަށް ކަމަށެވެ. މަޖިލިސް މެމްބަރުންނަށް ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައި އޮންނަ އިރު، އެއާ އެއްގޮތަށް އަމަލު ކުރަމުން އަންނަ ތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ ބަދަލުގައި ފެންނަނީ ހިތު ހުރި ގޮތަކަށް ކަންކަން ކުރަމުން އަންނަ ތަން،" ވަހީދު ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ވިދާޅުވި ގޮތުގައި މަޖިލިހުގައި ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ. ވަޒީރުންނާ ސުވާލު ކުރުމަށް އެތައް މައްސަލަތަކެއް ހުށަހެޅިފައިވާ އިރު، އެ މައްސަލަތައް ކުރިއަށް ނުދާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އަލީ ހުސައިން ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް ނޯޓިސް ދިނުމުގެ ކުރިން ޖަލްސާތައް ބޭއްވުމުގެ ފުރުސަތު އޮތް ކަމަށެވެ. ނަމަވެސް ޖަލްސާތައް މެދުކަނޑާލާފައި އޮތީ މަސައްކަތް ކުރަން ބޭނުންނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ތިއްބެވީ ބިރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމުން ބޭނުންވާ ގޮތަށް މަޖިލިސް ކުރިއަށް ދާނެ ކަމަށް ނުފެންނާތީ މަޖިލިސް ނުބާއްވަނީ، މެޖޯރިޓީ އޮތް ފަޅި އަށް ބޮޑެތި ބަދަލުތަކެއް އައުމުން،" އަލީ ހުސެއިން ވިދާޅުވި އެވެ.

ގަވާއިދުގައި ބުނާ ގޮތުން މަޖިލިހުގެ ރައީސް ނުވަތަ މަޖިލިހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހަށް ލިބޭތާ ގިނަވެގެން ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ނޯޓިސް އަމީން އާންމު، މެމްބަރުންނަށާއި މަޖިލީހުގެ ރައީސަށް ދޭން ޖެހެ އެވެ.

އެ ނޯޓިހުގެ ތާރީހުން ފެށިގެން ރަސްމީ ބަންދު ނޫން 10 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އެންމެ އަވަހަށް ބާއްވާ ޖަލްސާއަށް އެ މައްސަލައެއް ހުށަހަޅަން ޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ.

މަޖިލީހުގެ ޖަލްސާއަށް މައްސަލައެއް ހުށަހެޅުމަށްފަހު، އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސްކޮށް ގޮތެއް ނިންމަން ވާނީ ނުވަތަ އެހެން މައްސަލައަކާ މެދު ގޮތެއް ނިންމަން ވާނީ އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހު ކަމަށް ވެސް ގަވާއިދުގައިވެ އެވެ.