Roadha Mihaaru
މަޖިލީހުގެ ކޮމިޓީތައް ދާނީ މިނިވަންކޮށް: އިދިކޮޅު

އަޣުލަބިއްޔަތު ލިބުނަސް، މަޖިލީހުގެ ކޮމިޓީތައް ކުރިއަށް ގެންދާނީ މިނިވަންކޮށް: އިދިކޮޅު މެމްބަރުން

05 ނޮވެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އިދިކޮޅު މެމްބަރުންނަށް ލިބުނަސް، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ މިނިވަންކަމާ އެކު ކަމަށް އިދިކޮޅު ޖޮއިންޓް ޕާލަމަންޓްރީ ގްރޫޕްގެ ބައެއް ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އިދިކޮޅު މެމްބަރުންނަށް ލިބުނަސް، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ މިނިވަންކަމާ އެކު ކަމަށް އިދިކޮޅު ޖޮއިންޓް ޕާލަމަންޓްރީ ގްރޫޕްގެ ބައެއް ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި އިދިކޮޅު 12 މެމްބަރުން ވެސް މަޖިލީހުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، އިދިކޮޅު މެމްބަރުންގެ އަދަދު ވަނީ 45 އަށް އަރައިފަ އެވެ. ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުންގެ އަދަދަކީ 40 އެވެ.

މަޖިލީހުގެ މެމްބަރުން ބެހިފައި އޮތް ގޮތަށް ބަލާއިރު، ޕީޕީއެމަށް މަޖިލީހުގެ އަޣުލަބިއްޔަތު މިހާރު ގެއްލުމުން، ކޮމެޓީތަކުގެ އަޣުލަބިއްޔަތު ވެސް އެ ޕާޓީ އަށް ގެއްލޭނެ އެވެ. ޕީޕީއެމަށް ކޮމިޓީތަކުގެ އަޣުލަބިއްޔަތު ގެއްލެނީ 12 މެމްބަރުން ކޮމިޓީގައި ހިމަނާތީ އެވެ. ކޮމިޓީތައް ބެހިފައި އޮންނަ ގޮތް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެގޮތުން، މަޖިލީހުގައި އެންމެ ބާރުގަދަ އެއް ކޮމިޓީ ކަމަށްވާ މިނިވަން މުއައްސަސާތަކުގެ ކޮންޓްރޯލް މިހާރު އޮތީ އިދިކޮޅު ކޯލިޝަނަށެވެ. އެ ކޮމެޓީގެ މުގައްރިރަކީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދެވެ. ނައިބު މުގައްރިރަކީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ. ހަތް މެމްބަރުން ތިއްބަވާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ހަތަރު މެމްބަރުންނަކީ އިދިކޮޅު މެމްބަރުންނެވެ.

ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒް "މިހާރު" އަށް ވިދާޅުވީ މީގެ ކުރިން، މަޖިލީހުގެ ކޮމެޓީތަކުގެ ބައެއް މަސައްކަތްތައް ހުއްޓިފައި އޮތަސް، ކުރިއަށް އޮތް ތަނުގައި ކޮމެޓީތަކުގެ މަސައްކަތްތައް މިނިވަން ކަމާ އެކު، ހިނގާ ތަން ފެންނާނެ ކަމަށެވެ.

ވޭތުވެދިޔަ، ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮމެޓީތަކުގައި އެކަށީގެންވާ މަސައްކަތްތަކެއް ނުހިނގާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ. އެގޮތުން، ވަޒީރުންނާ ސުވާލު ކުރުމާއި އިދިކޮޅު މެމްބަރުން ހުށަހަޅުއްވާ ކަންކަން ކޮމެޓީތަކުން ބޭރު ކުރާ މައްސަލަ އޮތީ ބޮޑުވެފަ އެވެ.

"ކުރިއަށް އޮތް ތަނުގައި ވަޒީރުން، މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެވޭނެ. މިނިވަން ކަމާ އެކު ހުރިހާ ކޮމެޓީތަކެއް ދާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ރިޔާޒް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ، ކޮންމެ ސަރުކާރެއް އޮތަސް، ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއް މަޖިލީހުން ކުރާނެ ކަމަށެވެ. ނަމަވެސް، ވޭތުވެދިޔަ ދުވަސްތަކުގައި މަޖިލީހުގެ ކޮމެޓީތައް އެކަށީގެންވާ ގޮތެއްގައި ހިނގާފައި ނުވާ ކަމަށް އަމީތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ތަނުގައި ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ދާއިރު، އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ވަޒީރުން މަޖިލީހަށް ހާޒިރު ކުރުމެވެ. އަމީތު ވިދާޅުވީ، ކޮމެޓީތަކުގެ މުގައްރިރުންނަށް ވާން ވާނީ އެ މަސައްކަތަށް ވަގުތު ދެއްވޭ މެމްބަރުން ކަމަށެވެ.

"ކޮންމެ ބައެއްގެ އަތުގައި މެޖޯރިޓީ އޮތަސް، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ހިނގަން ޖެހޭނެ. މާޒީގެ ތަޖުރިބާ އަށް ބަލާފައި، މާ ރަނގަޅަށް މިކަން ކުރެވޭނެ،" އަމީތު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވަޒީރުން ވެސް ފަހުން ކޮމެޓީތަކަށް ހާޒިރު ކުރެވިދާނެތޯ އެހުމުން، އަމީތު ވިދާޅުވީ، ވަޒީރުންނާ ގުޅޭ ކަމެއް ފެންމަތިވެއްޖެ ނަމަ، އެ ބޭފުޅަކު ކޮމިޓީތަކަށް ހާޒިރު ކުރެވޭނެ ކަމަށެވެ.

"ވަޒީރުން މަގާމުތަކުން ވަކިވެގެން ދިޔަސް ކަމުގައި ވިޔަސް، އެ ބޭފުޅުންގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިއްޖެ ނަމަ، ކޮމިޓީތަކަށް ހާޒިރު ކުރުން ހުރަހަކަށް ނުވާނެ،" އަމީތު ވިދާޅުވި އެވެ.