Roadha Mihaaru
އެމެރިކާ އިން ސީރިއާއަށް ދިން ހަމަލާ ހަނދާން ނުނެތޭނެ

އެމެރިކާ އިން ސީރިއާ އަށް ދިން ހަމަލާ ހަނދާން ނުނެތޭނެ: ނޯތު ކޮރެއާ

09 އެޕްރީލް 2017

ޕިއޮންޔޮން (އެޕްރީލް 9) - އެމެރިކާ އިން ސީރިއާ އަށް ދިން ވައިގެ ހަމަލާ އަކީ ދުވަހަކު ވެސް ހަނދާން ނުނެތޭނެ އުދުވާނެއް ކަމަށް ނޯތު ކޮރެއާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕިއޮންޔޮން (އެޕްރީލް 9) - އެމެރިކާ އިން ސީރިއާ އަށް ދިން ވައިގެ ހަމަލާ އަކީ ދުވަހަކު ވެސް ހަނދާން ނުނެތޭނެ އުދުވާނެއް ކަމަށް ނޯތު ކޮރެއާ އިން ބުނެފި އެވެ.

ނޯތު ކޮރެއާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ މިނިވަން ދައުލަތަކާ ދެކޮޅަށް އެމެރިކާ އިން ދިން އުދުވާނީ ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށެވެ. އަދި ނޯތު ކޮރެއާ އިން ބުނީ ނިއުކްލިއާ ޓެސްޓްތައް ކޮށްގެން އެ ގައުމުގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމަކީ ހަމަ ރަނގަޅަށް ކުރެވޭ ކަމެއް ކަމަށެވެ.

ނޯތު ކޮރެއާ ސަރުކާރުގެ އޮފިޝަލަކު ބުނެފައި ވަނީ "ގަދަ ބާރާ" ކުޅެވޭނީ "ގަދަ ބާރުން" ކަމަށެވެ.

"އުދުވާނީ ހަމަލާތަކުން މި ގައުމު ސަލާމަތް ކުރެވޭނީ މި ގައުމުން އަމިއްލަ އަށް ދިފާއީ ބާރު ވަރުގަދަކޮށްގެން. އެމެރިކާގެ އުދުވާނުން ސަލާމަތްވުމަށް ނޯތު ކޮރެއާ އިން ކުރެވެން ހުރި ހުރިހާ ކަމެއް ދިފާއީ ރޮނގުން ކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން

ސީރިއާ އަށް ވައިގެ ހަމަލާ ދިނުމަކީ އެމެރިކާގެ ރައީސްކަމުގެ މަގާމާ ޑޮނަލްޑް ޓްރަމްޕް ޖެނުއަރީ 20 ވަނަ ދުވަހު ހަވާލުވެވަޑައިގަތް ފަހުން ނެންގެވި ޚާރިޖީ ސިޔާސަތުގެ އެންމެ ބޮޑު ނިންމުމެވެ. ސީރިއާ އަށް ވައިގެ ހަމަލާދީފައި ވަނީ އެ ގައުމުން ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމަށް ބުނެ އެވެ.

ޑިޕްލޮމެޓިކް ގޮތުން އެކަހެރިކޮށްފައިވީ ނަމަވެސް ސީރިއާ އާއި ނޯތު ކޮރެއާ އަކީ އެކުވެރި ދެ ގައުމެވެ. ނޯތު ކޮރެއާގެ ނިއުސް އެޖެންސީން ބުނީ އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުން އާއި ސީރިއާގެ ރައީސް ބައްޝާރުލް އަސަދާ ދެ ބޭފުޅުންނަކީ ގާތް ރަހުމަތްތެރިން ކަމަށާއި ދެ ގައުމުގެ މެދުގައި އެއްބާރުލުން އިތުރު ކުރުމަށް އެ ދެބޭފުޅުން މަސައްކަތް ކުރައްވާ ކަމަށެވެ.

އދ. އިން ދަތި ކުރުމުގެ ފިޔަވަޅު އަޅާފައިވީ ނަމަވެސް ނޯތު ކޮރެއާ އިން ދަނީ ނިއުކްލިއާ މިސައިލްތައް ޓެސްޓް ކުރަމުންނެވެ. މިދިޔަ އަހަރު ފެށުނު ފަހުން އެ ގައުމުން ވަނީ މިސައިލް ފަސް ޓެސްޓެއް ކޮށްފަ އެވެ. ނޯތު ކޮރެއާ އިން ދަނީ އެމެރިކާ އަށް ހަމަލާ ދެވޭ ވަރުގެ ރާސްތާއެއްގެ މިސައިލެއް އުފައްދަމުން ކަމަށް ބެލެވެ އެވެ.