Roadha Mihaaru
ޓީއެފްޖީ ލޯންގް ރަންގެ އެކްސްޕޯ މި ފަހަރު ތަފާތު ގޮތަކަށް

ޓީއެފްޖީ ލޯންގް ރަންގެ އެކްސްޕޯ މި ފަހަރު ތަފާތު ގޮތަކަށް

10 އެޕްރީލް 2017

ހުޅުމާލޭގައި އަންނަ ހުކުރު ދުވަހު ބާއްވާ ކޮކާކޯލާ ލޯންގް ރަންގެ އެކްސްޕޯ މި ފަހަރު ތަފާތު ގޮތަކަށް ބާއްވާ ޓީއެފްޖީން ތައްޔާރުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ހުޅުމާލޭގައި އަންނަ ހުކުރު ދުވަހު ބާއްވާ ކޮކާކޯލާ ލޯންގް ރަންގެ އެކްސްޕޯ މި ފަހަރު ތަފާތު ގޮތަކަށް ބާއްވާ ޓީއެފްޖީން ތައްޔާރުވެއްޖެ އެވެ.

ލޯންގް ރަން އެކްސްޕޯ އަކީ ރޭހުގެ އެއް ދުވަސް ކުރިން ދުވުންތެރިންނަށް ކިޓް ހަވާލުކުރުމަށް ބާއްވާ އިވެންޓެކެވެ.

މި ފަހަރުގެ އެކްސްޕޯ އޮންނާނީ އަންނަ ބުދަ ދުވަހު ހެނދުނު 9 އިން ރޭގަނޑު 9 އަށް ސޯލްޓް ކެފޭގެ ސެމިނާ ރޫމް، ރެސްޓޯރެންޓް އަދި ޓެރަހުގަ އެވެ. ޓީއެފްޖީން ބުނީ ބޭނުންވަނީ ވީހާ ވެސް އަރާމު، ހިތްފަސޭހަ މާހައުލެއްގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ދުވުންތެރިންނަށް ހާއްސަ ކެއުން އެކުލެވޭ މެނޫއެއް ވެސް ސޯލްޓުން ވަނީ އެކްސްޕޯއަށް ހާއްސަކޮށްގެން ތައާރަފްކޮށްފަ އެވެ. އެގޮތުން އެ ދުވަހުގެ މެންދުރުގެ ކެއުމާއި ހަވީރު ގަޑީގެ ލުއިކާނާ އަދި ރޭގަނޑުގެ ކެއުން ވެސް އެތަނުން ގަންނަން ލިބޭނެ އެވެ. މީގެ އިތުރުން ހައިޑްރޭޓިން ބުއިންތައް ވެސް ލިބެން ހުންނާނެ އެވެ.

ލުއި ދަބަހެއްގައި ދޫކުރާ ރޭސް ޕެކުގައި ޓީޝާޓަކާއި ނަން ޖަހާފައިވާ ބިބުގެ އިތުރުން ބިބުގައި ހަރުކުރާ ޓައިމިން ޗިޕެއް އޮންނާނެ އެވެ. މީގެ އިތުރުން ހާއްސަ ލޭބަލްކޮޅެއް ވެސް އޮންނާނެ އެވެ. އެގޮތުން ރޭސް އޮންނަ ދުވަހު ހުޅުމާލެއަށް ގެންދާ ހިކި އަންނައުނު މި ލޭބަލްކޮޅާ އެކު ޓީއެފްޖީން ދޭ ދަބަހަށް އަޅާފައި ހަވާލުކުރުމުން ރޭސް ނިމުމަށް އަނބުރާ ލިބޭނެ އެވެ. އެކަމަކު ދަބަހަށް ފޯން ފަދަ އަގުހުރި އެއްވެސް އެއްޗެއް ނުލުމަށް ޓީއެފްޖީން އެދެ އެވެ.

ޓީއެފްޖީގެ އިންސްޓްރަކްޓަރުން ރޭސް ލޯންޗްކުރުމަށް ބޭއްވި ހަފުލާގައި މެޑަލް ދައްކާލަނީ. --ފޮޓޯ: ކޭއާރް ފޮޓޯގްރަފީ

ޓީއެފްޖީގެ އިންސްޓްރަކްޓަރުން ރޭސް ލޯންޗްކުރުމަށް ބޭއްވި ހަފުލާގައި މެޑަލް ދައްކާލަނީ. --ފޮޓޯ: ކޭއާރް ފޮޓޯގްރަފީ

މި އެކްސްޕޯ ކުރިއަށްދާއިރު ސޯލްޓް ކެފޭއާ ދާދި ކައިރީގައި ހުންނަ އެމްއެންއެސްއެލް ބިލްޑިންޑުގެ ސެމިނާ ރޫމުގައި އެ ދުވަހު މެންދުރުފަހު 1-2 އަށް ހާއްސަ ހަރަކާތެއް ވެސް ކުރިއަށްދާނެ އެވެ. އެއީ 300 އެއްހާ މެރެތަން ދުވެފައިވާ އެމެރިކާ ލޯންގް ޑިސްޓެން ރަނިން ސެލެބްރިޓީ ބްރެޓް ވީނާގެ ހާއްސަ ސެސަޝެނެވެ. އޭނާގެ ތަޖުރިބާތަކާއި އިރުޝާދާއި ލަފާތައް އަޑުއަހާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ޓީއެފްޖީން ވަނީ ހުޅުވާލައިފަ އެވެ. ދުނިޔޭގެ 125 ގައުމެއްގައި މެރެތަން ދުވެފައިވާ ވީނާ މި ފަހަރުގެ ލޯންގް ރަންގައި ދުވާނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު އެއް ޖިމް ހިންގާ ޓީއެފްޖީން އިންތިޒާމްކުރާ މި ރޭހުގައި އޮންނަނީ ފަސް ކިލޯމީޓަރުގެ ރޭހާއި 10 ކިލޯމީޓަރުގެ ރޭހުގެ އިތުރުން ހާފް މެރެތަން އަދި މެރެތަން އެވެ.

ރާއްޖޭގެ މަޝްހޫރު ދުވުންތެރިންނާއި ބޭރުގެ މެރެތަން ދުވުންތެރިން ބައިވެރިވި ނަމަވެސް މި ރޭހުގެ މެޖޯރިޓީ ބައިވެރިންނަކީ ކަސްރަތަށް ދުވާ އާއްމުންނާއި ދުވުމަށް ލޯބިކުރާ އާއްމުންނެވެ. އޭގެ ތެރޭގައި ޕްރޮފެޝަނަލް ވަޒީފާތައް އަދާކުރާ މީހުންނާއި ދެ ޖިންސުންގެ ޒުވާނުންނާއި އުމުރުންދުވަސްވީ މީހުން ވެސް ހިމެނެ އެވެ. ރޭސް ފެށުމުގެ ދެ ހަފުތާ ކުރިން ޖާގަތައް ވަނީ ފުރިފަ އެވެ. މި ފަހަރުގެ ރޭހުގައި 800 ބައިވެރިން ދުވާނެ އެވެ.

މި ފަހަރުގެ ރޭހުގެ ވެސް މެއިން ސްޕޮންސަރަކީ، 2013 ވަނަ އަހަރުން ފެށިގެން ވެސް ރޭހަށް އެހީތެރިވަމުން އަންނަ ކޮކާކޯލާ އެވެ. އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ބައިވެރިވާއިރު އެމްޓީސީސީ އާއި އެޗްޑީސީ އާއި އެސްޓީއޯގެ އެހީތެރިކަން ވެސް ޓީއެފްޖީ އަށް ލިބޭނެ އެވެ. ޕްރިންޓް ޕާޓްނަރަކަށް ޕްރިންޓް ލެބް، އެޓަޔާ ޕާޓްނަރަކަށް ސޮނީ ސްޕޯޓްސް، ފަސްޓް އެއިޑް ޕާޓްނަރަކަށް ރެޑްކްރެސެންޓް މޯލްޑިވްސް، ހޮޓެލް ޕާޓްނަރަކަށް ސަމަސެޓް ހޮޓެލް، ފޮޓޯގްރަފީ ޕާޓްނަރަކަށް ކޭއާރް ފޮޓޯގްރަފީ ހަރަކާތްތެރިވާއިރު އެންޓެޓެއިނިން ޕާޓްނަރަކީ ޑީޖޭ އުމަރެވެ. ކޮކާކޯލާ ޓީއެފްޖީ ލޯންގް ރަންގެ މީޑިއާ ޕާޓްނަރަކީ މިހާރު ނޫހެވެ.