Roadha Mihaaru
ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަން އޭޕްރިލް 14 ގައި

ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަން އޭޕްރިލް 14 ގައި

09 ފެބުރުއަރީ 2017

ރާއްޖޭގެ އެންމެ މަގުބޫލު އެއް ދުވުމުގެ ރޭސް "ކޮކާކޯލާ ލޯންގް ރަން" ގެެ މި އަހަރުގެ ރޭހުގެ ކައުންޓް-ޑައުން މިއަދު ރަސްމީކޮށް ފަށައިފި އެވެ. ހުޅުމާލޭގެ ހިތްފަސޭހަ މާހައުލުގައި ބާއްވާ ރޭސް އޮންނާނީ އޭޕްރިލް 14 ވާ ހުކުރު ދުވަހެވެ.

ރާއްޖޭގެ އެންމެ މަގުބޫލު އެއް ދުވުމުގެ ރޭސް "ކޮކާކޯލާ ލޯންގް ރަން" ގެެ މި އަހަރުގެ ރޭހުގެ ކައުންޓް-ޑައުން މިއަދު ރަސްމީކޮށް ފަށައިފި އެވެ. ހުޅުމާލޭގެ ހިތްފަސޭހަ މާހައުލުގައި ބާއްވާ ރޭސް އޮންނާނީ އޭޕްރިލް 14 ވާ ހުކުރު ދުވަހެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ފިޓްނަސް ކުންފުނި ޓީއެފްޖީން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ރޭސް މިއަހަރަށް ރަސްމީކޮށް ލޯންޗްކުރީ ސޯލްޓް ކެފޭ އެންޑް ރެސްޓޯރަންޓުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ފަހަރުގެ ރޭހުގެ ވެސް މެއިން ސްޕޮންސަރަކީ، 2013 ވަނަ އަހަރުން ފެށިގެން ވެސް ރޭހަށް އެހީތެރިވަމުން އަންނަ ކޮކާކޯލާ އެވެ. އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ބައިވެރިވާއިރު އެމްޓީސީސީ އާއި އެޗްޑީސީ އާއި އެސްޓީއޯގެ އެހީތެރިކަން ވެސް ޓީއެފްޖީ އަށް ލިބޭނެ އެވެ. ޕްރިންޓް ޕާޓްނަރަކަށް ޕްރިންޓް ލެބް، އެޓަޔާ ޕާޓްނަރަކަށް ސޮނީ ސްޕޯޓްސް، މީޑިއާ ޕާޓްނަރަކަށް މިހާރު ނިއުސް، ފަސްޓް އެއިޑް ޕާޓްނަރަކަށް ރެޑްކްރެސެންޓް މޯލްޑިވްސް، ހޮޓެލް ޕާޓްނަރަކަށް ސަމަސެޓް ހޮޓެލް، ފޮޓޯގްރަފީ ޕާޓްނަރަކަށް ކޭއެޗް ފޮޓޯގްރަފީ ހަރަކާތްތެރިވާއިރު އެންޓެޓެއިނިން ޕާޓްނަރަކީ ޑީޖޭ އުމަރެވެ.

ޓީއެފްޖީގެ އިސްވެރިންނާއި ސްޕޮންސަރުން ގްރޫޕް ފޮޓޯއެއްގައި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޓީއެފްޖީގެ އިސްވެރިންނާއި ސްޕޮންސަރުން ގްރޫޕް ފޮޓޯއެއްގައި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ތަފާތު ގޮތަކަށް ގެންދިޔަ މިއަދުގެ ރަސްމިއްޔާތުގައި ރޭހުގެ ސްޕޮންސަރުންގެ އިތުރުން ސަތޭކައަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވި އެވެ. ލޯންގް ރަން ފެށިގެން އައި ގޮތް ޓީއެފްޖީގެ ޑިރެކްޓަރު މުހައްމަދު މިސްތޯ ބައިވެރިންނަށް ކިޔައިދިންއިރު، 2013 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމަޔަށް ރޭހުގައި ބޭނުންކުރި ކިޓްތައް ދައްކާލި އެވެ. އަދި މި އަހަރުގެ ރޭހުގައި ދުވުންތެރިންނާއި ޓީއެފްޖީގެ އޮފިޝަލުނާއި ކޯޗުން ބޭނުންކުރާނެ ކިޓް ވެސް ދައްކާލި އެވެ. މި ފަހަރުގެ ރޭހުގައި އެކި އިވެންޓްތަކަށް ތަފާތު މެޑަލްތައް ދޭއިރު މެޑަލްތައް ވެސް ވަނީ ބައިވެރިންނަށް ދައްކާލައިފަ އެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ މިކަން ފަށައިގަތްއިރު ރާއްޖޭގެ ބޮޑު ކުންފުންޏެއް މިކަން (ދުވުމުގެ އިވެންޓް ބޭއްވުން) ލީޑްކުރަމުން އައީ. އަޅުުގަނޑާއި ހުސެއިން ޒިނާން މިކަމަށް ފަށަން ވިސްނަމުން ދިޔައިރު އެންމެ ބޮޑު ހިތްވަރަކަށް ވެގެންދިޔައީ މަޝްހޫރު ކޯޗެއް. އޭނާ އޭރު ދިޔައީ ދުވުންތެރިންތަކެއް ގޮވައިގެން ސިންގަޕޯ މެރެތަންއަށް ދާން ތަމްރީން ހަދަމުން. އެ ކޯޗަކީ ނަސީރު އިސްމާއިލް. އޭނާގެ މަސައްކަތް ވެގެން ދިޔައީ އަޅުގަނޑުމެންނަށް ހިތްވަރަކަށް،" މިސްތޯ ކިޔައިދިނެވެ.

މިސްތޯ ބުނީ ޓީއެފްޖީން ބޭނުންވީ ތަފާތު ގޮތަކަށް މިކަން ފަށަން ކަމަށާއި އެގޮތުން ދުވުންތެރިން ރޭސް ނިންމުމުން އެކަމުގެ އަގުވަޒަންކުރުމަށް މެޑަލް ދިނުމާއި އަދި ބައިވެރިންގެ އަތުން އަގެއް ނެގުމަކީ އެފަދަ ބަދަލުތަކެއް ކަމަށެވެ.

"އަހަރެމެން ހިތަށް އެރީ ދުވުންތެރިޔާގެ އަތުން އަގެއް ނެގީމާ ކިހިނެއްބާވައޭ ވާނީ؟ އެކަމަކީ ޕްރެޝަރަކަށް ވެދާނެ ކަމެއް. އެކަމަކު އަގެއް ނެގުމަކީ އޭގެ ސަބަބުން އަހަރެމެން ދޭ ހިދުމަތުގެ ފެންވަރު މަތިކުރަން އެޅޭ ބާރަކަށް ވާނެ. އަގާ އެއްވަރަކަށް ހިދުމަތަށް ޑިމާންޑްކުރުމުގެ ފުރުސަތު އޮންނާނެ،" މިސްތޯ ބުންޏެވެ.

ޓީއެފްޖީގެ ޑިރެކްޓަރުން މިސްތޯ (ކ) އާއި ޒިނާން (ވ) އަދި ކޮކާކޯލާ ކުންފުނީގެ މިލިންދު ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޓީއެފްޖީގެ ޑިރެކްޓަރުން މިސްތޯ (ކ) އާއި ޒިނާން (ވ) އަދި ކޮކާކޯލާ ކުންފުނީގެ މިލިންދު ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޖުމްލަ 210 ދުވުންތެރިންނާ އެކު 2013 ވަނަ އަހަރު 10 ކިލޯމީޓަރު އަދި ހާފް މެރެތަން އިވެންޓާ އެކު ފެށި ރޭސް އައީ އަހަރަކަށް ވުރެ އަހަރެއް ފެންވަރު ރަނގަޅުވަމުންނެވެ. އެ ދެ އިވެންޓާ އެކު ދެ އަހަރު ރޭސް ބޭއްވުމަށް ފަހު 2015 ވަނަ އަހަރު ވަނީ ފުލް މެރެތަން (42 ކިލޯމީޓަރު ރޭސް) އިތުރުކޮށްފަ އެވެ. އަދި ބައިނަލްއަގްވާމީ ދުވުންތެރިން ވެސް އައީ ރޭހުގައި ބައިވެރިވަމުންނެވެ. ފުރަތަމަ ދެ އަހަރު ހަވީރު ބޭއްވި ރޭސް 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަނީ މެންދަމު 3:20 އިން ފަށައިގެންނެވެ.

ޓީއެފްޖީ ރޭހަކީ ރާއްޖޭގައި އެންމެ ފުރަތަމަ އިލެކްޓްރޯނިކަލީ ޓައިމިން ބަލަން ފެށި ރޭހެވެ. އެންމެ ފުރަތަމަ ބޫޓުގައި އަދި ފަހުން ބިބުގައި، އިލެކްޓްރޯނިކް ޗިޕެއް ހަރުކޮށްގެން ދުވުންތެރިންގެ ޓައިމިން ބަލަމުން އަންނަނީ ބައިނަލްއަގްވާމީ ކުންފުންޏެއްގެ އެހީއާ އެކު އެވެ. ރޭސް ނިންމާ ކޮންމެ ބައިވެރިޔަކަށް މެޑަލް ދޭން ފެށީ ވެސް ޓީއެފްޖީ ރޭހުންނެވެ.

"މިއީ ކޮކާކޯލާ ފަދަ ކުންފުންޏަކަށް ވަރަށް ފަހުރުވެރި ވަގުތުކޮޅެއް. ހަގީގަތުގައި މި ރޭހަކީ ސްޕޮންސަރުންނަށް ވުރެ ބޮޑަށް މި ކޮމިއުނިޓީއާ ގުޅޭ ކަމެއް. މިއީ މުޅި ގައުމަށް އޮތް އިވެންޓެއް،" ކޮކާކޯލާގެ ރާއްޖޭގެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދު ދެރާސަރީ ވިދާޅުވި އެވެ.

ރޭހުގައި ބައިވެރިވުމަށްޓަކައި ޓީއެފްޖީން ރަޖިސްޓްރޭޝަން ހެދޭނެ އެވެ. އަދި އޮންލައިންކޮށް ވެސް ރެޖިސްޓްރީވުމުގެ ފުރުސަތު އޮންނާނެ އެވެ.

ޓީއެފްޖީގެ އިންސްޓްރަކްޓަރުން. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޓީއެފްޖީގެ އިންސްޓްރަކްޓަރުން. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފެންވަރު ރަނގަޅު ރޭހެއް އިންތިޒާމްކުރުމުގެ އިތުރުން ޓީއެފްޖީން އަންނަނީ ކޮންމެ އަހަރަކު ވެސް ރޭހަށް ދުވުންތެރިން ތައްޔާރުކުރަމުންނެވެ. އެގޮތުން އައުޓްރަންގެ ނަމުގައި ފެށި ޕްރޮގްރާމް ފުޅާވެ އޭގެ ތެރެއަށް ރާއްޖޭގެ ބައެއް ބޮޑެތި ކުންފުނިތައް ވެސް ވަނީ ވަދެފަ އެވެ. އެ ކުންފުނިތަކުގެ މުއައްޒަފުންގެ އިތުރުން އަމިއްލަ ބައެއް ފަރާތްތައް ވެސް އަންނަނީ މި ޕްރޮގްރާމުގެ ތެރެއިން ތަމްރީންވަމުންވެ.

މާލެ އާއި ހުޅުމާލޭގައި ހަފުތާއަކު ތިން ދުވަހު ތަމްރީން ސެޝަންތައް އޮންނައިރު މި ތަމްރީންތައް ފުރިހަމަކުރާ ފަރާތްތަކަށް ރޭހުގައި ހާސްކަމެއް ނެތި 10 ކިލޯމީޓަރު ކަޑައްތު ކުރެވޭނެ ކަމަށް ޓީއެފްޖީން ގަބޫލުކުރެ އެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ދުވަހަކު ވެސް 10 ކިލޯމީޓަރުގެ ރޭހެއް ޖަހާފައިނުވާ ފަރާތްތަކަށް ތަމްރީން ދީގެން، އެ ފަރާތްތަކަށް 10 ކިލޯމީޓަރުގެ ރޭހެއް ފުރިހަމަކޮށްލެވުމުގެ ހިތްހަމަޖެހުން ހޯދައިދޭން. އެކަމަކު ވެސް މީގެ ތެރޭގައި އުޅޭނެ މީގެ ކުރިން އެއް ފަހަރު ނަމަވެސް ރޭސް ޖަހާފައިވާ މީހުން ވެސް. އެކަމަކު މިއީ ސުމަކުން ފަށައިގެން 10 ކިލޯމީޓަރުގެ ރޭހަކަށް ތައްޔާރުވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ތަމްރީންތަކެއް،" ޓީއެފްޖީގެ އޮފިޝަލަކު ބުންޏެވެ.