Roadha Mihaaru
ރޭސް ފަށަން ދެ ހަފުތާ، 800 ދުވުންތެރިން ތައްޔާރަށް

ރޭސް ފަށަން ދެ ހަފުތާ، 800 ދުވުންތެރިން ތައްޔާރަށް!

02 އެޕްރީލް 2017

ރާއްޖޭގެ ލޯންގް ޑިސްޓެންސް ދުވުމުގެ ރޭސްތަކުގެ ސްޓައިލް ބަދަލުކޮށްލި ކޮކާކޯލާ ޓީއެފްޖީ ލޯންގް ރަންގެ މި އަހަރުގެ ރޭހުގައި ބައިވެރިވުމުގެ މުއްދަތު ހުކުރު ދުވަހުގެރޭ ހަމަވިއިރު، 800 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރާއްޖޭގެ ލޯންގް ޑިސްޓެންސް ދުވުމުގެ ރޭސްތަކުގެ ސްޓައިލް ބަދަލުކޮށްލި ކޮކާކޯލާ ޓީއެފްޖީ ލޯންގް ރަންގެ މި އަހަރުގެ ރޭހުގައި ބައިވެރިވުމުގެ މުއްދަތު ހުކުރު ދުވަހުގެރޭ ހަމަވިއިރު، 800 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވެއްޖެ އެވެ.

ހުޅުމާލޭގައި މިމަހުގެ 14 ވަނަ ދުވަހު ބާއްވާ ރޭހަށް ޓީއެފްޖީން ކަނޑައެޅީ 750 ޖާގަ އެވެ. އެކަމަކު ހުޅުވާލި މުއްދަތުގައި ބައިވެރިވާން ހުށަހެޅި ހުރިހާ ފަރާތްތަކަށް ޓީއެފްޖީން ވަނީ ބައިވެރިވުމުގެ ފުރުސަތު ދީފަ އެވެ.

"މީގެ ކުރިން ރޭހުގެ ދެ ދުވަސް ކުރިން އަޅުގަނޑުމެންނަށް ޖާގަތައް ފުރާލެވެނީ. އެކަމަކު މި ފަހަރު ދެ ހަފުތާ ކުރިން ހުރިހާ ޖާގައެއް ފުރި އިތުރަށް ވެސް ބައިވެރިވެއްޖެ،" ޓީއެފްޖީގެ އޮފިޝަލަކު ބުންޏެވެ. "މީގެން ދައްކައިދެނީ އާއްމުން މި ރޭހަށް ޝައުގުވެރިވާ މިންވަރު އަދި ސަމާލުކަންދޭ ވަރު."

ޓީއެފްޖީގެ އައި ޗެލެންޖް ޓްރެއިނިންގައި ބައިވެރިން ދުވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީއެފްޖީގެ އައި ޗެލެންޖް ޓްރެއިނިންގައި ބައިވެރިން ދުވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު އެއް ޖިމް ހިންގާ ޓީއެފްޖީން އިންތިޒާމްކުރާ މި ރޭހުގައި އޮންނަނީ ފަސް ކިލޯމީޓަރުގެ ރޭހާއި 10 ކިލޯމީޓަރުގެ ރޭހުގެ އިތުރުން ހާފް މެރެތަން އަދި މެރެތަން އެވެ. ކުރީ އަހަރުތަކުގައި އެންމެ ގިނައިން މީހުން ބައިވެރިވެފައިވަނީ ފަސް ކިލޯމީޓަރު (ހުޅުމާލެ ވަށައި އެއް ބުރު) ގެ ރޭހުގަ އެވެ. އެކަމަކު މި ފަހަރު ނިސްބަތުން 10 ކިލޯމީޓަރުގެ ރޭހުގައި ބައިވެރިވި ދުވުންތެރިންގެ އަދަދު ގިނަ އެވެ.

"ދިގު ރާސްތާ ދުވުންތަކަށް ގިނަ ބަޔެއްގެ ޝައުގުވެރިކަން ބޮޑުވަމުން އަންނަނީ. މި ފަހަރު 10 ކިލޯމީޓަރުގެ ރޭހުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައި. ޖުމްލަކޮށް ހާފް މެރެތަން އަދި މެރެތަންގައި ބައިވެރިވި ދުވުންތެރިންގެ އަދަދު ވެސް ގިނަ."

ރާއްޖޭގެ މަޝްހޫރު ދުވުންތެރިންނާއި ބޭރުގެ މެރެތަން ދުވުންތެރިން ބައިވެރިވި ނަމަވެސް މި ރޭހުގެ މެޖޯރިޓީ ބައިވެރިންނަކީ ކަސްރަތަށް ދުވާ އާއްމުންނާއި ދުވުމަށް ލޯބިކުރާ އާއްމުންނެވެ. އޭގެ ތެރޭގައި ޕްރޮފެޝަނަލް ވަޒީފާތައް އަދާކުރާ މީހުންނާއި ދެ ޖިންސުންގެ ޒުވާނުންނާއި އުމުރުންދުވަސްވީ މީހުން ވެސް ހިމެނެ އެވެ.

ޓީއެފްޖީން ބުނީ ގިނަ އަދަދެއްގެ ބައިވެރިން ދެ ތިން މަސް ކުރިން ދުވާނެ އިވެންޓް ކަނޑައަޅައި ތައްޔާރުވާން ފަށާފައިވާ ކަމަށެވެ. މީގެން އެނގިގެން ދަނީ ދުވުމުގެ ހޭލުންތެރިކަން އިތުރުވެ، އާއްމުން މިފަދަ ދުޅަހެޔޮ ސިއްހަތާ ގުޅުން ހުރި ކަންކަމާއި ހަރަކާތްތަކަށްދޭ ސަމާލުކަން އިތުރުވުން ކަމަށް ޓީއެފްޖީން ދެކެ އެވެ.

ޓީއެފްޖީގެ އިންސްޓްރަކްޓަރުން މި އަހަރުގެ ރޭހުގައި ކޯޗުން ބޭނުންކުރާނެ ކިޓުގައި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޓީއެފްޖީގެ އިންސްޓްރަކްޓަރުން މި އަހަރުގެ ރޭހުގައި ކޯޗުން ބޭނުންކުރާނެ ކިޓުގައި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޓީއެފްޖީން އަންނަނީ މި ފަހަރުގެ ރޭހަށް ވެސް ހިލޭ ސާބަހަށް ދުވުންތެރިން ތައްޔާރުކުރަމުންނެވެ. އެގޮތުން އައުޓްރަންގެ ނަމުގައި ފެށި ޕްރޮގްރާމް ފުޅާވެ އޭގެ ތެރެއަށް ރާއްޖޭގެ ބައެއް ބޮޑެތި ކުންފުނިތައް ވެސް ވަނީ ވަދެފަ އެވެ. އެ ކުންފުނިތަކުގެ މުއައްޒަފުންގެ އިތުރުން އަމިއްލަ ބައެއް ފަރާތްތައް ވެސް އަންނަނީ މި ޕްރޮގްރާމުގެ ތެރެއިން ތަމްރީންވަމުންވެ. މާލެ އާއި ހުޅުމާލޭގައި ހަފުތާއަކު ތިން ދުވަހު ތަމްރީން ސެޝަންތައް އޮންނައިރު މި ތަމްރީންތައް ފުރިހަމަކުރާ ފަރާތްތަކަށް ރޭހުގައި ހާސްކަމެއް ނެތި 10 ކިލޯމީޓަރު ކަޑައްތު ކުރެވޭނެ ކަމަށް ޓީއެފްޖީން ގަބޫލުކުރެ އެވެ.

ރޭހުގެ ކޮންމެ ބައިވެރިޔަކަށް ޓީއެފްޖީން ބިބާއި ޓީޝާޓް ފޯރުކޮށްދޭއިރު، ބިބުގައި ހަރުކުރާ ޓައިމިން ޗިޕް މެދުވެރިކޮށް އިލެކްޓްރޯނިކަލީ ޓައިމިން ބެލޭނެ އެވެ. ރާއްޖެއަށް އިލެކްޓްރޯނިކް ޓައިމިން ތައާރަފްކުރީ ވެސް ޓީއެފްޖީންނެވެ. އެގޮތުން 2013 ވަނަ އަހަރު ބޭއްވި ފުރަތަމަ ޓީއެފްޖީ ލޯންގް ރަންގައި ވަނީ ބޫޓުގައި ހަރުކުރާ ޗިޕެއް މެދުވެރިކޮށް ޓައިމިން ބަލައިފަ އެވެ. ރޭސް ނިންމާ ކޮންމެ ބައިވެރިޔަކަށް މެޑެއްޔެއް ދޭއިރު، އެ ސަގާފަތް ވެސް ރާއްޖޭގެ ރޭސްތަކަށް ތައާރަފްކުރީ ޓީއެފްޖީންނެވެ.

"އިލެކްޓްރޯނިކަލީ ޓައިމިން ބެލޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމާއި ނިންމާ ކޮންމެ ބައިވެރިޔަކަށް މެޑަލް ލިބުމަކީ މިފަދަ ރޭސްތަކަށް އާއްމުންގެ ޝައުގުވެރިކަން ބޮޑުވި ސަބަބެއް. ޓީއެފްޖީގެ ސަބަބުން މިފަދަ ރޭސްތަކުގެ ފޯރިގަދަވެއްޖެ،" ޓީއެފްޖީ ރޭހުގައި ގަވާއިދުން ބައިވެރިވާ މީހަކު ބުންޏެވެ.

ޓީއެފްޖީ ރޭހުގައި ދެ ބައިވެރިޔަކު ދުވަނީ. --ފޮޓޯ: ޓީއެފްޖީ

ޓީއެފްޖީ ރޭހުގައި ދެ ބައިވެރިޔަކު ދުވަނީ. --ފޮޓޯ: ޓީއެފްޖީ

ޖުމްލަ 210 ދުވުންތެރިންނާ އެކު 2013 ވަނަ އަހަރު 10 ކިލޯމީޓަރު އަދި ހާފް މެރެތަން އިވެންޓާ އެކު ފެށި ރޭސް އައީ އަހަރަކަށް ވުރެ އަހަރެއް ފެންވަރު ރަނގަޅުވަމުންނެވެ. އެ ދެ އިވެންޓާ އެކު ދެ އަހަރު ރޭސް ބޭއްވުމަށް ފަހު 2015 ވަނަ އަހަރު ވަނީ ފުލް މެރެތަން (42 ކިލޯމީޓަރު ރޭސް) އިތުރުކޮށްފަ އެވެ. އަދި ބައިނަލްއަގްވާމީ ދުވުންތެރިން ވެސް އައީ ރޭހުގައި ބައިވެރިވަމުންނެވެ. ފުރަތަމަ ދެ އަހަރު ހަވީރު ބޭއްވި ރޭސް 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަނީ މެންދަމު 3:20 އިން ފަށައިގެންނެވެ.

މި ފަހަރުގެ ރޭހުގެ ވެސް މެއިން ސްޕޮންސަރަކީ، 2013 ވަނަ އަހަރުން ފެށިގެން ވެސް ރޭހަށް އެހީތެރިވަމުން އަންނަ ކޮކާކޯލާ އެވެ. އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ބައިވެރިވާއިރު އެމްޓީސީސީ އާއި އެޗްޑީސީ އާއި އެސްޓީއޯގެ އެހީތެރިކަން ވެސް ޓީއެފްޖީ އަށް ލިބޭނެ އެވެ. ޕްރިންޓް ޕާޓްނަރަކަށް ޕްރިންޓް ލެބް، އެޓަޔާ ޕާޓްނަރަކަށް ސޮނީ ސްޕޯޓްސް، ފަސްޓް އެއިޑް ޕާޓްނަރަކަށް ރެޑްކްރެސެންޓް މޯލްޑިވްސް، ހޮޓެލް ޕާޓްނަރަކަށް ސަމަސެޓް ހޮޓެލް، ފޮޓޯގްރަފީ ޕާޓްނަރަކަށް ކޭއާރް ފޮޓޯގްރަފީ ހަރަކާތްތެރިވާއިރު އެންޓެޓެއިނިން ޕާޓްނަރަކީ ޑީޖޭ އުމަރެވެ. ކޮކާކޯލާ ޓީއެފްޖީ ލޯންގް ރަންގެ މީޑިއާ ޕާޓްނަރަކީ މިހާރު ނޫހެވެ.