Roadha Mihaaru
އަނގައިގެ ކެންސަރަށް ހޭލުންތެރިކުރަން ކެމްޕޭނެއް

އަނގައިގެ ކެންސަރަން ހޭލުންތެރިކުރަން ކެމްޕޭނެއް ފަށައިފި

10 އެޕްރީލް 2017

އަނގައިގެ ކެންސަރަށް އާއްމުން ހޭލުންތެރިކުރަން ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް އާއި އެސްޓީއޯ ގުޅިގެން އެއް އަހަރު ދުވަހުގެ ކެމްޕޭނެއް މިއަދު ފަށައިފި އެވެ.

އަނގައިގެ ކެންސަރަށް އާއްމުން ހޭލުންތެރިކުރަން ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް އާއި އެސްޓީއޯ ގުޅިގެން އެއް އަހަރު ދުވަހުގެ ކެމްޕޭނެއް މިއަދު ފަށައިފި އެވެ.

އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގައި އަނގައިގެ ކެންސަރު އިތުރުވަމުންދާ ކަމަށެވެ. އަދި އެކަމަށް ހޭލުންތެރިކުރުމަށް ކެންސަ ސޮސައިޓީން ކުރަމުން އަންނަ މަސައްކަތްތަކަށް މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އާއްމުންގެ ސިއްހަތަށް ގެއްލުންދޭ ބާވަތްތައް އެތެރެކުރުން މަދުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް މިއަހަރު ވަރަށް ބޮޑުކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ސިނގިރެޓާއި އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ބޮޑުކޮށްފައިވާކަން ނާޒިމް ފާހަގަކުރެއްވި އެވެ.

އަނގައިގެ ކެންސަރާ މެދު ހޭލުންތެރިކުރުމަށް ފެށި ކެމްޕޭން އިފްތިތާހުކުރުމުގެ ގޮތުން ހެލްތު މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

އަނގައިގެ ކެންސަރާ މެދު ހޭލުންތެރިކުރުމަށް ފެށި ކެމްޕޭން އިފްތިތާހުކުރުމުގެ ގޮތުން ހެލްތު މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

މިނިސްޓަރު ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ވެސް، ސިއްހަތަށް ގެއްލުން ލިބޭ ބާވަތްތައް ރާއްޖެ އެތެރެކުރުން މަދުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ކެންސަ ސޮސައިޓީގެ ރައީސް ޖުވައިރިޔާ ސައީދު ވިދާޅުވީ މި ކެމްޕޭންގެ ދަށުން އަނގައިގެ ކެންސަރަށް ސްކްރީންކުރުމުގެ އިތުރުން ހޭލުންތެރިކުރުމަށް ތަފާތު އެކި ކެމްޕޭންތައް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ކެމްޕޭނަށް އެސްޓީއޯގެ ފަރާތުން ދޭ އެހީތެރިކަން އޭނާ ފާހަގަކުރެއްވި އެވެ.

އަނގައިގެ ކެންސަރާމެދު ހޭލުންތެރިކުރުމުގެ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ކެންސަ ސޮސައިޓީގެ ރައީސް ޖުވައިރިޔާ ސައީދު ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

އަނގައިގެ ކެންސަރާމެދު ހޭލުންތެރިކުރުމުގެ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ކެންސަ ސޮސައިޓީގެ ރައީސް ޖުވައިރިޔާ ސައީދު ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

"އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި ރާއްޖޭގައި އަނގައިގެ ކެންސަރު ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަން. އެހެންވެ އަޅުގަނޑުމެން މި ކެމްޕޭން މި ފެށީ ބަލީގެ ކުރީކޮޅުގައި ސަލާމަތްވުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަކުރެވޭނީ މީހުން ސްކްރީންކޮށް ހޭލުންތެރިކުރުމަށް،" ޖުވައިރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކެމްޕޭންގެ ދަށުން މާލޭގެ 10 ޑެންޓަލް ކްލިނިކަކުން އަނގައިގެ ކެންސަރަށް ހިލޭ ސްކްރީންކޮށްދޭނެ ކަމަށެވެ. އަދި އޭގެ އިތުރުން މާލޭގެ ބައެއް ރެސްޓޯރަންޓް ކެފޭތަކުގައި އާއްމުން ހޭލުންތެރިކުމުގެ މެސެޖް ފެންނަ ގޮތަށް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ވެސް ޖުވައިރިޔާ ވިދާޅުވި އެވެ.