Roadha Mihaaru
ކޮރަޕްޝަން ނެތި ރާއްޖެ ތަރައްގީއެއް ނުވާނެ: ރިޔާޒް

ކޮރަޕްޝަނެއް ނެތި ރާއްޖޭގެ އެއްވެސް ތަނެއް ތަރައްގީއެއް ނުވާނެ: ރިޔާޒް

12 އެޕްރީލް 2017

ކޮރަޕްޝަނެއް ނެތި ރާއްޖޭގެ އެއްވެސް ތަނެއް ތަރައްގީ ނުވާނެ ކަމަށާއި ދުނިޔޭގެ ގައުމުތައް ތަރައްގީވަމުން އަންނަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކޮރަޕްޝަނެއް ނެތި ރާއްޖޭގެ އެއްވެސް ތަނެއް ތަރައްގީ ނުވާނެ ކަމަށާއި ދުނިޔޭގެ ގައުމުތައް ތަރައްގީވަމުން އަންނަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހަޅާފައިވާ އިމާރާތް ކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން ރިޔާޒް ވިދާޅުވީ ސަރުކާރުގެ ތެރޭގައި ހުރި މީހަކު ކޮރަޕްޝަންގެ އަމަލެއް ހިންގީމަ އެކަން އަޅުވަނީ މުޅި ސަރުކާރު ބޮލުގައި ކަމަށެވެ. އެކަމަކު އެންމެންނަކީ "ވަގުން" ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް އަބްދުﷲ ޔާމީން ދަނީ އެކަން ބަލަމުން. މިފަދަ ކަންކަން (ކޮރަޕްޝަން) ކުރާ މީހުންނާ މެދު އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް މިއަދާ ހަމައަށް ވަނީ އަޅުއްވާފައި،" ރިޔާޒް ވިދާޅުވި އެވެ.

"ރާއްޖޭގެ އެއްވެސް ތަނެއް ތަރައްގީ ނުވާނެ ކޮރަޕްޝަނެއް ނެތި، ކޮރަޕްޝަންގެ ތެރެއިން ގައުމުތަކުގެ ތެރެއިން ގައުމުތައް ތަރައްގީ ވާނީ. ކޮރަޕްޝަން ކުޑަކުރުމަށް ކަންތައްތަކެއް ކުރަން ޖެހޭ."

ސިންގަޕޫރުން މިސާލު ނަންގަވަމުން ރިޔާޒް ވިދާޅުވީ އެ ގައުމުގައި ކޮރަޕްޝަން ނެތް ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ކަމަށެވެ. އެކަމަކު ސިންގަޕޫރުގައި ކޮރަޕްޝަން އޮންނަ ކަމަށާއި ކޮރަޕްޝަނަކީ "ބޮޑު ފައިސާގަނޑެއް" ނެގުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާޒް ވަނީ "އޮންނަ މަގުން ކަމެއް ކުރެވެނީ" ކާކަށްތޯ ސުވާލު އުފައްދަވައިފަ އެވެ. އެގޮތުން ގިނަ ފަހަރު އާންމުން ޑޮކްޓަރަށް ދައްކަންވީމަ ވެސް އަންނަނީ މަޖިލިސް މެމްބަރު ކައިރިއަށް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އިމާރާތް ކުރުމުގެ ބިލާ ބެހޭ ގޮތުން އޭނާ ވިދާޅުވީ އެއީ ރައްޔިތުންނާ ގުޅުން ހުރި ބިލަކަށް ވާތީ ރައްޔިތުންގެ ކަންބޮޑުވުން ހުރެއްޖެ ކަމަށްވާ ނަމަ، މިއަށް ހައްލު ގެނެސް ދޭން ޖެހޭނެ ކަމަށެވެ. ބިލުގައި ކަންބޮޑުވުންތަކެއް ހުރިއިރު، ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ބިލުގައި ބުނާ ކަންކަން ފުރިހަމަ ކުރުމަކީ ކުޅަދާނަ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، ވިލުފުށީ ދާއިރާ ނުހިމަނައި ބިލު ފާސްކޮށްދޭން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ބިލަކީ ކޮންސްޓްރަކްޝަން ދާއިރާގައި އުޅޭ މީހުންގެ ތެރެއިން ޕްރޮޖެކްޓްތައް ނަގައިގެން މަސައްކަތް ކުރާ މީހުންނަށް މަގުފަހިވާ ގޮތަށް އޮންނަ ބިލަކަށް ވެގެން ނުވާނެ އެވެ. އަދި އެމީހުންނަކީ ކޮންމެ ސަރުކާރެއްގެ ތެރެއިން ވެސް މަންފާ ހޯދާ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ބިލު ވާން ޖެހޭނީ ސަރުކާރަށާއި ރައްޔިތުންނަށް ފޯރުކޮށްދެވޭ ލުއި ފަސޭހަ ހަމަ އާއި އިންސާފުގެ ތެރެއިން ކަންކަން ހާސިލްކުރެވޭ ބިލަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، ބިލު އިތުރަށް ދިރާސާ ކުރުމުގެ މުހިންމު ކަން ފާހަގަކުރެއްވި އެވެ.

ބިލަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ބޮޑަށް ފާޑު ވިދާޅުވީ އިމާރާތް ކުރުމުގެ ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލު ބައްޓަންކޮށްފައި އޮތީމަ އެވެ. އަދި ބިލު ގާނޫނަކަށް ވެ، ތަސްދީގު ކުރަން ފެށުމުން ވަކި ބަޔަކާ މެދު ފިޔަވަޅު އަޅާފާނެތީ ވެސް މެމްބަރުން ކަންބޮޑުވެވަޑައިގެންނެވި އެވެ.

ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި އެ ބިލު 2015 ގައި ވެސް މަޖިލިހަށް ހުށަހެޅި އެވެ. ނަމަވެސް މިދިޔަ އަހަރު މަޖިލިހުން ވަނީ އެ ބިލު ފާސްނުކޮށް ބޭރުކޮށްލައިފަ އެވެ. ބިލު އަލުން ހުށަހެޅި އިރު ވެސް އޮތީ ކުރިން ހުށަހެޅި ގޮތާ ދާދި އެއްގޮތަކަށެވެ. ބިލުގައި އޮތް ގޮތުން އިމާރާތް ކުރުމުގެ ގަވާއިދުތަކާ ހިލާފުވެގެން 5000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުތަކުން ޖޫރިމަނާ ކުރާނެ އެވެ.