Roadha Mihaaru
ފައިސާ ހޯދަން ބޭރުކުންފުނިން މަސައްކަތްކޮށްދިން: ނަޝީދު

އެމްއެމްޕީއާރުސީގެ ފައިސާ ހޯދަން ގްރާންޓް ތޯންޓަން އިން މިހާރު ވެސް ބައެއް މަސައްކަތް ކޮށްފި: ނަޝީދު

06 މެއި 2021

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދައިދޭން ގްރާންޓް ތޯންޓަން އިންޓަނޭޝަނަލް އިން މިހާރު ވެސް ބައެއް މަސައްކަތްތައް ކޮށްދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދައިދޭން ގްރާންޓް ތޯންޓަން އިންޓަނޭޝަނަލް އިން މިހާރު ވެސް ބައެއް މަސައްކަތްތައް ކޮށްދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ގްރާންޓް ތޯންޓަން އިންޓަނޭޝަނަލް އަކީ އިނގިރޭސިި ވިލާތުގައި މަރުކަޒު ކޮށްފައިވާ ބައިނަލްއަގުވާމީ އެކައުންޓިން އަދި ކޮންސަލްޓިން ފާމެކެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ނަޝީދު ރާއްޖޭގެ ރައީސް ކަމުގައި ހުންނެވި އިރު، އޭގެ ކުރީގެ ސަރުކާރުގައި އެސްޓީއޯ އިން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ބަލަަން ހަވާލުކުރީ ވެސް އެކުންފުންޏާ އެވެ.

އެކަމުގައި ބޮޑު ތުހުމަތެއް އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. ކުރީގެ ރައީސް މައުމޫނުގެ ދުވަސްވަރު ޓްރޭޑް މިނިސްޓަރަކަށް ހުންނެވީ ޔާމީނެވެ.

އެމްޑީޕީގެ އޮފީހުގައި މިިއަދު ބޭއްވި މީޑިއާ ބްރީފިންގައި ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ މައުލޫމާތުތައް އެ މަނިކުފާނަށް ލިބިވަޑައިގަންނަވަން ފެށުމުން ގްރާންޓް ތޯންޓަން އާ އެ މައުލޫމާތު ހިއްސާ ކުރައްވާފައިވާނެ ކަަމަށެވެ.

"އަދި އެ ކުންފުނިން އަޅުގަނޑަށް ކޮންމެވެސް ވަރަކަށް އެ މަަސައްކަތް ކޮށްދެއްވި. އެ ކޮށްދެއްވި މަސައްކަތް ވާނީ ބަންޑާރަ ނައިބު އޮފީހަށް އަޅުގަނޑު ފޮނުވާފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

"އެކަމެއް ކުރެވެން އޮތް އެއް ގޮތަކުން އެކަމެއް ނުވީމާ، ދެން އެހެން ގޮތެއް ހޯދައިގެން ވެސް އެކަމެއް ކުރެވޭތޯ އަޅުގަނޑު ބަލަން"---ނަޝީދު

އެމްއެމްޕީއާރުސީގެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމުގެ މަަަސައްކަތް ގްރާންޓް ތޯންޓަންއާ ހަވާލު ކުރެވިދާނެ ކަމަށް ނަޝީދު ކުރިއްސުރެ ދައްކަވަމުން ގެންދަވާ ވާހަކަފުޅު މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. އެ މަނިކުފާނު ވަނީ މީގެ ކުރިން އެތައް ފަހަރަކު ރައްޔިތުންގެ މަޖިލީހުގައި ވެސް އެ ވާހަކަފުޅު ދައްކަވައިފަ އެވެ.

"އިތުރަށް އެ ކުންފުނިން ނުވަތަ އެ ބާވަތުގެ އެހެން ކުންފުންޏަކުން މިކަހަލަ މަސަައްކަތެއް ކުރިއަށް ގެންދިއުމަށް، އެއީ ސަރުކާރަކާ ގުޅިގެން، ސަރުކާރުތަކުން ނުވަތަ ދައުލަތްތަކުން ހިންގޭނެ މަސައްކަތެކޭ،" ނަޝީދު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ގެއްލުނު ފައިސާ ހޯދުމުގެ ވާހަކަ ނަޝީދު އަނެއްކާވެސް ފައްޓަވާފައި މިވަނީ އިންތިހާބެއް ކައިރިވުމުންނެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކައިރިވެފައި ވަނިކޮށް، އެ ޕާޓީގެ ގައުމީ މަޖިލީހަށް ނަޝީދު ހުށަހެޅުއްވި ގަރާރެއްގައި ގޮވައިލެއްވީ ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ބޭރުގެ ކޮންސަލްޓެންޓަކު ބައިވެރިކޮށްގެން މަސައްކަތް ކުރުުމުގެ ބާރު ޕާލަމެންޓްރީ ގްރޫޕަށް ދިނުމަށެވެ.

މިއަދުގެ ބްރީފިން ގައި އެ މަނިކުފާނު އެދިވައިގަތީ ކޮރަޕްޝަނުގެ ތުހުމަތު އެޅިފައިވާ މީހުން، އެމްޑީޕީގެ މަގާމުތަކަށް ނުގެނައުމަށެވެ. އެފަދަ މީހުން މަގާމުތަކަށް ގެނައުމުން އެމްޑީޕީގެ އަސާސްތައް ގެއްލޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ކުންފުނިން އަޅުގަނޑަށް ކޮންމެވެސް ވަރަކަށް އެ މަަސައްކަތް ކޮށްދެއްވި. އެ ކޮށްދެއްވި މަސައްކަތް ވާނީ ބަންޑާރަ ނައިބު އޮފީހަށް އަޅުގަނޑު ފޮނުވާފައި،" ---ނަޝީދު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ ތަކުރާރުކޮށް ދައްކަވާފައި، ނަތީޖާއެއް ނުނެރުއްވޭތީ އަމާޒުވާ ފާޑުކިއުންތަކަށް ވެސް ނަަޝީދު މިއަދު ރައްދު ދެއްވި އެވެ.

ނަޝީދު ވިދާޅުވިގޮތުގައި، ތަކުރާރުކޮށްް އެއް ވާހަކައެއް ދެއްކެވުމަކީ އެ މަނިކުފާނު ކުރިން ވެސް ކުރައްވާ ކަމެކެވެ. އެކަމެއް ވަންދެން އެ ވާހަކައެއް ދައްކަވާނެ ކަމަށް ވިދާޅުވި އެވެ.

"އަދި އެކަމެއް ކުރެވެން އޮތް އެއް ގޮތަކުން އެކަމެއް ނުވީމާ، ދެން އެހެން ގޮތެއް ހޯދައިގެން ވެސް އެކަމެއް ކުރެވޭތޯ އަޅުގަނޑު ބަލަން،" ނަޝީދު ވިދާޅުވި އެވެ.

ގްރާންޓް ތޯންޓަން އާއި ނަޝީދުގެ ވެރިކަމުގައި ހަވާލުކުރި މަސައްކަތް ހުއްޓުވައިލެއްވީ ކުރީގެ ރައީސް މުހައްމަދު ވަހީދު ކަމަށް ކުރައްވާ ތުހުމަތު މިއަދު ވެސް ނަޝީދު ތަކުރާރުކުރެއްވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ގައި ވެސް އެމަނިކުފާނު މީގެ ކުރިން އެ ވާހަކަ ދެއްކެވި އެވެ.