Roadha Mihaaru
އިތުރު ތިން އަހަރު ނިއު އަށް ކުޅެން ސެންޓޭ ސޮއިކޮށްފި

އިތުރު ތިން އަހަރު ނިއު އަށް ކުޅެން ސެންޓޭ ސޮއިކޮށްފި

12 އެޕްރީލް 2017

ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެ ކްލަބުގައި ކުރިއަށް އޮތް ތިން އަހަރު މަޑުކުރަން ނިންމައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެ ކްލަބުގައި ކުރިއަށް އޮތް ތިން އަހަރު މަޑުކުރަން ނިންމައިފި އެވެ.

ނިއު އަށް 2020 ވަނަ އަހަރުގެ ނިޔަލަށް ކުޅެން ސެންޓޭ އެއްބަސްވުމުގައި ސޮއިކުރީ މިރޭ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އަދި ރަންބޫޓް ހާސިިލްކުރި ސެންޓޭ ބުނީ ނިއުގައި ދިގު މުއްދަތަކަށް މަޑުކުރަން ނިންމީ މެނޭޖްމަންޓް ރަނގަޅުވުމުން ކަމަށާއި ކުޅުންތެރިންނަށް ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް އެ ކްލަބުން ކޮށްދޭ ކަމަށެވެ.

"ނިއުގެ މެނޭޖްމަންޓުން ވަރަށް ރަނގަޅަށް ކަންތައްތަކޮށްދެނީ. ކުޅުންތެރިން ފުރިހަމަނުވާ އެއްވެސް ކަމެއް ނެތް. ހާއްސަކޮށް ޗެއާމަންގެ ނަން އަޅުގަނޑު ފާހަގަކުރަން. ޓީމުގެ ހުރިހާ ކުޅުންތެރިންނާ ވެސް ވަރަށް ގާތް ގުޅުމެއް ބާއްވައި ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމައަށް ކޮށްދެއްވާ،" ސެންޓޭ ބުންޏެވެ.

އޭނާ ބުނީ ކްލަބުން ކޮށްދޭ މަސައްކަތުގެ އަގު ދަނޑުމަތިން ވަޒަންކުރާނެ ކަމަށާއި ކްލަބަށް އަބަދުވެސް ސަތޭކަ ޕަސެންޓް ދޭނެ ކަމަށެވެ.

ސެންޓޭ (ވ) އާއި ނިއުގެ ޗެއާމަން މުހައްމަދު ޒިޔާދު ޖާޒީ ދައްކާލަނީ. --ފޮޓޯ: މުހައްމަދު ހަމްދޫން/ މިހާރު

ސެންޓޭ (ވ) އާއި ނިއުގެ ޗެއާމަން މުހައްމަދު ޒިޔާދު ޖާޒީ ދައްކާލަނީ. --ފޮޓޯ: މުހައްމަދު ހަމްދޫން/ މިހާރު

ނިއުގެ ޗެއާމަން މުހައްމަދު ޒިޔާދު ވިދާޅުވީ ސެންޓޭ ދިގު މުއްދަތަކަށް މަޑުކުރަން ނިންމި ނިންމުމަކީ ކްލަބަށް ލިބުނު ވަރަށް ބޮޑު ހިތްހަަމަޖެހުމެއް ކަމަށާއި އަދި މީގެ ސަބަބުން ދިގު މުއްދަތަކަށް އަމާޒަކަށް ކްލަބުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ލިބޭނެ ކަމަށެވެ.

"ސެންޓޭ މި ނެގީ ވަރަށް ބޮޑު ޑިޒިޝަނެއް. މީގެން ދޭހަވަނީ މެނޭޖްމަންޓުން ކުރާ މަސައްކަތަށް ކުޅުންތެރިންގެ އިތުބާރު އޮތްކަން،" ޒިޔާދު ވިދާޅުވި އެވެ. "ވަރަށް ގިނަ ކުޅުންތެރިން ބޭނުން ވެސް ވޭ ނިއުއާ ގުޅެން. ހަގީގަތުގައި މީގެ ސިއްރަކީ ނިއުގެ ހިންގުން ރަނގަޅުވުން. އެކަމަށް އަޅުގަނޑު ކްލަބުގެ ބޯޑް މެމްބަރުންނާއި މެނޭޖްމަންޓް ޓީމް އަދި ސަޕޯޓަރުންގެ ޔޫނިއަން އަށް ޝުކުރުއަދާކުރަން."

އޭނާ ވިދާޅުވީ އިތުރު ކުޅުންތެރިންނާ އެކު ވެސް ދިގު މުއްދަތުގެ ކޮންޓްރެކްޓް ހެދުމަށް މަޝްވަރާކުރަމުން އަންނަ ކަމަށާއި މިއީ ފުޓްބޯޅައިގެ ކުރިއެރުމަށް މުހިއްމު ކަމެއް ކަމަށެވެ.

"ކޮންމެ ސީޒަނަކަށް ފަހު މެނޭޖްމަންޓުން ތެޅިފޮޅިގެން ކުޅުންތެރިން ލައްވައި ސޮއިކުރުވުމަކީ އުނދަގޫ ކަމަކަށްވާނީ. އޭގެ ބަދަލުގައި ދިގު މުއްދަތަކަށް ކުޅުންތެރިން ސޮއިކުރާ ނަމަ އޭގެ ސަބަބުން ކްލަބަށް ވެސް ފައިދާކުރާނެ. އޭގެ ސަބަބުން ލޯންގް ޓާމް ޕްލޭންތައް ހަދައި އެ އަމާޒުތަކަށް ވާސިލްވާން ފަސޭހަވާނެ،" ޒިޔާދު ވިދާޅުވި އެވެ.

މިއީ ސެންޓޭ ނިއު އަށް ކުޅޭ ތިން ވަނަ ފަހަރެވެ. އޭވައިއެލް އިން ވިދާލި ސެންޓޭ ވެލެންސިއާ އަށް ކުޅުމަށް ފަހު ނިއު އަށް އެންމެ ފުރަތަމަ ބަދަލުވީ 2011 ވަނަ އަހަރެވެ. އެ ސީޒަނުގައި ކާމިޔާބެއް ނުހޯދުނުއިރު ޖެހިގެން އައި އަހަރު ވިކްޓަރީ އަށް ކުޅުމަށް ފަހު 2013-2015 އަށް އަނެއްކާ ވެސް ނިއު އަށް ކުޅުނެވެ. އެ ތިން ސީޒަނުގައި ނިއު އިން ރާއްޖޭގެ ފުޓްބޯޅައިގެ ހުރިހާ ކާމިޔާބެއް ހޯދިއިރު ސެންޓޭގެ ދައުރު ވަރަށް ބޮޑެވެ.