Roadha Mihaaru
މަހިބަދޫގެ އާއިލާއަކަށް ރައްޔިތުންގެ ފަރާތުން ގެއެއް

މަހިިބަދޫ ނިކަމެތި އާއިލާއަކަށް ރައްޔިތުން ގެއެއް ހަދައިދޭން ފަށައިފި

13 އެޕްރީލް 2017

އދ. މަހިބަދޫގައި އުޅޭ ނިކަމެތި އާއިލާއަކަށް އެ ރަށު އަންހެނުންގެ ކޮމެޓީ އާއި ކައުންސިލުން އަދި ރައްޔިތުން ގުޅިގެން ގެއެއް ހަދައިދިނުމުގެ މަސައްކަތް ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އދ. މަހިބަދޫގައި އުޅޭ ނިކަމެތި އާއިލާއަކަށް އެ ރަށު އަންހެނުންގެ ކޮމެޓީ އާއި ކައުންސިލުން އަދި ރައްޔިތުން ގުޅިގެން ގެއެއް ހަދައިދިނުމުގެ މަސައްކަތް ފަށައިފި އެވެ.

މިކަމުގައި އެ މީހުންނަށް އެންމެ ބޮޑަށް އެހީތެރިވެދެނީ ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަދި އިޖުތީމާއީ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ އަހުމަދު ހިޝާމެވެ.

މި މަސައްކަތުގައި އިސްކޮށް އުޅޭ މަހިބަދޫ އަންހެނުންގެ ކޮމެޓީގެ ރައީސާ އައިޝަތު ޖީޒާ ވިދާޅުވި ގޮތުގައި ވަރަށް ކުރިއްސުރެ އެ ރަށުގައި ނިކަމެތިކޮށް އުޅޭ އާއިލާއެއްގެ ގެ ކަމަށްވާ އަންނާރުމާގެ އަލުން ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަންނާރުމާގޭގެ ކުޑަދޮރެއްގައި ފިލާ ޖަހައި ބަންދުކޮށްފައި

އަންނާރުމާގޭގެ ކުޑަދޮރެއްގައި ފިލާ ޖަހައި ބަންދުކޮށްފައި

އެ ގޭގައި ދިރިއުޅޭ އުމުރުން 50 އަހަރުގެ މަންމަ އަށް ދެ ކުދިން ލިބިފައިވާއިރު، އެންމެ ކުރިއްސުރެ އެ މީހުންގެ ބައްޕަގެ އެއްވެސް އަޅާ ލުމެއް ނުލިބޭ ކަމަށް ވެ އެވެ. އަދި އޭގެ ތެރޭން އަންހެން ދަރިފުޅު މީހަކާ އިނދެގެން ތިން ކުދިންނާއެކު އަންނާރުމާގޭގައި އުޅުނު ނަމަވެސް އެ މީހުންގެ ދިރިއުޅުން ވަރަށް ނިކަމެތި ކަމަށް އަންހެނުންގެ ކޮމެޓީން ބުންޏެވެ.

"ވިއްސާރަ ވެހޭއިރު ފުރާޅުން ވާރޭ ވެހޭނެ. ނިދާނެ ގޮދަޑިއެއް ކަހަލަ އެއްޗެއް ވެސް ނެތް،" ޖީޒާ ވިދާޅުވި އެވެ.

ހިޝާން އަމިއްލަ ގޮތުން މަހިބަދޫ އަށް ކުރެއްވި ދަތުރެއްގައި އެ އާއިލާއާ ބައްދަލުވުމުން އޭނާ ނިންމެވީ އެމީހުންނަށް އެހީވުމަށެވެ. އެހެންވެ، ހިޝާން އިސްނަގައިގެން އެކި ފަރާތްތަކުގެ އެހީގައި ތަކެތި ހޯދައިދިނުމުން، އެ މަސައްކަތް ކުރަނީ އަންހެނުންގެ ކޮމެޓީ އާއި ރަށު ކައުންސިލުންނެވެ.

މަހިބަދޫގެ ބަޔަކާއެކު ހިޝާން ފޮޓޯއެއް ނަންގަވަނީ.

މަހިބަދޫގެ ބަޔަކާއެކު ހިޝާން ފޮޓޯއެއް ނަންގަވަނީ.

ޖީޒާ ވިދާޅުވީ ތިން ކޮޓަރީގެ ގޭގެ ފާރުތައް ނޫން އެހެން ހުރިހާ ތަނެއް އަލުން ހަދާނެ ކަމަށެވެ. ފާރުތަކުގައި ސިމެންތި ޖަހައި، ގޭގައި ތަށިމުށި ޖަހައި ސީލިންގް ހަރުކޮށް ކުޑަދޮރުތައް ބަހައްޓާނެ ކަމަށް ވިދާޅުވި އެވެ.

އަންހެނުންގެ ކޮމެޓީން މަސައްކަތް ކުރަނީ އަންނަ ރޯދަމަހުގެ ކުރިން އެގޭގެ އެއް ކޮޓަރި މުޅިން ނިންމާލުމަށެވެ.

"ހިޝާންގެ އިސްނެންގެވުމާއެކު އަޅުގަނޑުމެން މި މަސައްކަތް ފެށީ. އެކަމަކު މިހާރު ރަށުގެ ރައްޔިތުންގެ ފަރާތުން އަންނަނީ މިކަމަށް އެއްބާރުލުން ލިބެމުން. މިއީ ވަރަށް އުފާވާ ކަމެއް،" ޖީޒާ ވިދާޅުވި އެވެ.

ގެ ނިންމުމަށް ދާނެ ހަރަދު މުޅިން ނޭނގުނު ނަމަވެސް އެއީ ވަރަށް ބޮޑު އަދަދަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހިބަދޫ ރައްޔިތުންގެ މި މަސައްކަތް ހިޝާން ފާހަގަ ކުރެއްވީ ނަމޫނާ މަސައްކަތެއްގެ ގޮތުގަ އެވެ.

"ވަރަށް އޯގާތެރި ބައެއް އުޅޭ ރަށެއް އެއީ. ފުރުސަތެއް ފަހިކޮށްދިނުން އެންމެން ވެސް އެކަމުގައި ބައިވެރިވި،" އޭނާ ވިދާޅުވި އެވެ.

ހިޝާން އާއި މަހިބަދޫ އަންހެނުންގެ ކޮމެޓީ ގުޅިގެން، އެ ރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެންސްޕާއިން ލިބެން ޖެހޭ އެހީތައް ހޯދައިދީ، ފުރޮޅުލީ ގޮނޑި އާއި އަސަ އާއި ބާލީސް ފަދަ އެއްޗެހި ވެސް ވަނީ ހަދިޔާކޮށްފަ އެވެ.