Roadha Mihaaru
80 އަހަރުގެ މަޔަކާ ދަރިއަކާ ދެމެދު ނަމޫނާ ލޯތްބެއް

80 އަހަރުގެ މަޔަކާއި ދަރިއަކާ ދެމެދު އޮތް އާދަޔާހިލާފު ލޯބި

11 މާޗް 2017

"މަރިޔަންދިޔެ މަގުމަތިން ފެނިއްޖެ ނަމަ އޭނާގެ ދަރިފުޅު ފަރީދާ ފެންނާނެ. ފަރީދާ ހުންނަތާކުން މަރިޔަންދިޔެ ފެންނާނެ."

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

"މަރިޔަންދިޔެ މަގުމަތިން ފެނިއްޖެ ނަމަ އޭނާގެ ދަރިފުޅު ފަރީދާ ފެންނާނެ. ފަރީދާ ހުންނަތާކުން މަރިޔަންދިޔެ ފެންނާނެ."

އުމުރުން 83 އަހަރުގެ މަންމަ އާއި ނުކުޅެދުންތެރިކަން ހުންނަ 43 އަހަރުގެ އަންހެން ދަރިފުޅުގެ ގުޅުމާ ބެހޭގޮތުން ސުވާލު ކުރުމުން ގއ. ނިލަންދޫ ކައުންސިލްގެ ރައީސް ނާސިހް އިބްރާޙިމް ވިދާޅުވި އެވެ.

ދެމައިންގެ މި ވާހަކަ ހާއްސަވާ ސަބަބުތައް ގިނަ އެވެ. މީގެ 12 ވަރަކަށް އަހަރު ކުރިން މަރިޔަންދިޔެގެ ފިރިމީހާ މަރުވުމުން އެ ދެމައިން އުޅެމުން ދިޔައީ އެކަކު އަނެކަކުގެ އެހީގަ އެވެ.

ސަރުކާރުން އަޅައިދީފައިވާ ގެއެއްގައި މަރިޔަން ދިޔެ އާއި އޭނާގެ ހަގު ދަރިފުޅު އެކަނި ދިރިއުޅެމުން، ދިރިއުޅުމުގެ ހަރަދުތައް އެ މީހުން ބަލަހައްޓަމުން އައީ އަމިއްލައަށް ހޯދާ ފައިސާ އިންނެވެ. އުމުރުން ދުވަސްވީ މީހުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިނާޔަތް ދިނުމުގެ ކުރިން އެ މީހުން ފައިސާ ހޯދީ އަމިއްލަ އަށެވެ.

މަރިޔަން ދިޔެގެ އިތުރު ތިން ދަރިން ތިބި ނަމަވެސް މީހުންނާ އިނދެގެން އެ މީހުން އުޅެނީ ވަކިންނެވެ.

ފަރީދާ ގޯތިތެރޭގައި މަޑުކޮށްލައިގެން: ބައްޕަ މަރުވި ފަހުން އޭނާ ގިނަ ދުވަހު އުޅުނީ މަންމައާ އެކު އެކަނި

ފަރީދާ ގޯތިތެރޭގައި މަޑުކޮށްލައިގެން: ބައްޕަ މަރުވި ފަހުން އޭނާ ގިނަ ދުވަހު އުޅުނީ މަންމައާ އެކު އެކަނި

ފަރީދާ (ފުރިހަމަ ނަމެއް ނެތް) އަކީ އެންމެ ކުރީއްސުރެ ސިކުނޑީގެ އުނިކަން ހުންނަ، ވާހަކަ ނުދެއްކޭ އަދި ޖިސްމާނީ ގޮތުން ވެސް ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. އެހެންވެ ރަށުގެ ގިނަ ބަޔަކު އޭނާ ދެކެނީ "މޮޔަ"އެއްގެ ގޮތަށެވެ. މަގުމައްޗަށް ނިކުތުމުން ވެސް ކުރިމަތިލާން ޖެހެނީ މީހުންގެ ފުރައްސާރައާ އެވެ.

އެކަމަކު މަންމަގެ ކުރިމަތީގައި އޭނާ އެއްވެސް ވަރަކަށް ނުކުޅެދުންތެރިއެއް ނޫނެވެ. ވަލަށް ވަދެ ދަރު ހޯދައި، ފަންކަނޑައި އިލޮށި މަށައި އެއިން މަރިޔަން ދިޔެ އާއި އޭނާގެ ދިރިއުޅުމުގެ ހަރަދުތައް ބެލެހެއްޓި އެވެ.

ފަރީދާގެ ބައްޕަ މަރުވުމުން ދިރިއުޅުމުގެ ހުރިހާ ހަރަދެއް ހަމަޖެއްސީ އޭނާ އާއި މަރިޔަން ދިޔެ އަމިއްލައަށް މަސައްކަތް ކޮށްގެންނެވެ.

މީހުންގެ ފުރައްސާރައާ ހެދި ފަރީދާ މާގިނައިން ބޭރަށް ނިކުމެ އެއް ނޫޅެ އެވެ. އިލޮށި މަށަން ވެސް ގިނައިން އިންނާނީ ގޯތި ތެރޭގަ އެވެ. އެކަމަކު އެ ހުރިހާ ކަމަކުން ފަރީދާގެ މަންމަ އޭނާ ރައްކާތެރިކޮށްދޭން މަސައްކަތް ކުރި އެވެ.

"ފަރީދާއާ ދިމާއަށް މީހަކު ނުގޮތަކަށް އެއްޗެކޭ ބުންޏަސް މަރިޔަންދިޔެ ވަރަށް ރުޅި އަންނާނެ. އެ މީހެއް ކައިރިއަށް ގޮސް އޭނާ ޒުވާބު ވެސް ކުރާނެ." ނާސިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަރީދާ އެކަނި ދޫކޮށްލާފައި މަރިޔަންދިޔެ އެއްވެސް ތަނަކަށް ނުދާނެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަމުން މަރިޔަން ދިޔެ ބުނީ ދަރިން ކުޑައިރު ފިރިމީހާގެ މަސައްކަތަކީ ފަޅު ރަށްރަށް ބަލަހައްޓައި، ރުއް އެރުން ކަމަށް ވުމުން ފަރީދާގެ ވެސް ޅަދުވަސްތައް ހޭދަ ކުރީ ފަޅުރަށްރަށުގައި ކަމަށެވެ. އަދި އޭގެ ސަބަބުންނާއި އޭރުގެ ހާލަތުގެ ގޮތުން އޭނާއަށް ދިމާވެފައިވާ ބަލި ދެނެގަނެ ބޭސް ނުކުރެވުން ކަމަށް ބުންޏެވެ.

ފަރީދާގެ އަތުގައި ހިފައިގެން އޭނާގެ މަންމަ ހިނގަނީ-- ފޮޓޯ/ޗެނަލް 13

ފަރީދާގެ އަތުގައި ހިފައިގެން އޭނާގެ މަންމަ ހިނގަނީ-- ފޮޓޯ/ޗެނަލް 13

"އޭރު ވެސް އޭނާ ބަސް އަހާނެ. ފަޅު ރަށެއްގައި ދިރިއުޅުނަސް ކައިރިން ދުރަކަށް ނުދާނެ،" މަރިޔަން ދިޔެ ބުންޏެވެ.

ހަތަރު ދަރިންގެ ތެރެއިން އެންމެ ކުޑައީ ފަރީދާ ކަމަށްވެފައި އޭނާ އަކީ ބަލި މީހެއް ކަމުން މަރިޔަން ދިޔެގެ ހާއްސަ ސަމާލު ކަމެއް ފަރީދާއަށް ލިބުނެވެ. ނުކުޅެދުންތެރިކަމުގެ ސަބަބުން ގެންގުޅެން ފަސޭހަ ނުވިކަމުގައި ވިޔަސް އަދި އުމުރުން ދުވަސްވި ކަމުގައި ވިޔަސް މަންމަގެ ލޯ ކުރިމަތިން އެންމެ ހިނދުކޮޅަކަށް ވެސް ފަރީދާ ގެއްލޭކަށް އޭނާ ބޭނުމެއް ނުވި އެވެ.

"އަޅުގަނޑު ވަރަށް ވަރަށް ލޯބިވާ ދަރިއެއް އެއީ،" މަރިޔަން ދިޔެ ބުންޏެވެ.

ކައުންސިލްގެ ރައީސް ނާސިހު ވިދާޅުވި ގޮތުގައި ފަރީދާ ވަރަށް ބޮޑު ވާންދެން ވެސް އޭނާ ފެންވަރުވައި، ރީތިކޮށް ހެދީ ވެސް މަރިޔަން ދިޔެ އެވެ. ފަރީދާގެ ހާލު ދެރަވުމުން އޭނާ ފާހާނާހަމައަށް ވެސް ގެންދަނީ މަރިޔަންދިޔެ އުރައިގެންނެވެ.

އުމުރުން ދުވަސްވުމުގެ ސަބަބުން މަރިޔަން ދިޔެގެ ހާލު މިހާރު އެހާ ރަނގަޅެއް ނޫނެވެ. އެހެންވެ، ފަރީދާގެ ހުރިހާ ވަގުތެއް ހުސްކުރަނީ މަންމަގެ ހިދުމަތުގަ އެވެ. މަންމަގެ އަތުގައި ހިފައިގެން ފާހާނާ ހަމައަށް އޭނާ ގެންގޮސްދީ، ކާންދީ ހަދަ އެވެ.

ފަރީދާ: ނުކުޅެދުންތެރިކަން ހުރި ނަމަވެސް އަމިއްލައަށް މަސައްކަތް ކުރޭ

ފަރީދާ: ނުކުޅެދުންތެރިކަން ހުރި ނަމަވެސް އަމިއްލައަށް މަސައްކަތް ކުރޭ

ކުރިން މަރިޔަން ދިޔެގެ ދިން ލޯތްބާއި އޯގާތެރިކަން މިހާރު ފެންނަނީ ފަރީދާގެ ފަރާތުންނެވެ.

"މިއީ އާދަޔާހިލާފު ނަމޫނާ ލޯތްބެއް. ނުކެދުންތެރިކަން ހުންނަ ދަރިފުޅަށް މަންމަ ދިން އެ އޯގާތެރިކަން މިހާރު އެ ފެންނަނީ އެ ދަރިފުޅުގެ ފަރާތުން،" ނާސިހު ވިދާޅުވި އެވެ

މަރިޔަން ދިޔެ މާބޮޑަށް ބަލިވުމުގެ ސަބަބުން އޭނާގެ އެހެން ދެ ދަރިއެއް ވެސް އެ ގޭގައި އުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. އެކަމަކު މަންމައަށް ދޭން ޖެހޭ ލޯތްބާއި އޯގާތެރިކަން އެންމެ ބޮޑަށް ފެންނަނީ އަދިވެސް ފަރީދާގެ ފަރާތުންނެވެ.

ފަރީދާ އާއި އޭނާގެ މަންމަގެ މެދުގައި އޮތް ލޯބި ނަމޫނާއަކަށް ވަނީ އެހެންވެ އެވެ.