Roadha Mihaaru
ވާދަވެރި ނިއުގެ މައްޗަަށް މާޒިޔާ ކުރި ހޯދައިފި

ވާދަވެރި ނިއުގެ މައްޗަަށް މާޒިޔާ ކުރި ހޯދައިފި

13 އެޕްރީލް 2017

ފަހަތުން އަރައި ނިއު ރޭޑިއަންޓް 2-1 އިން ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ މަގާމަށް މާޒިޔާ އަރައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ފަހަތުން އަރައި ނިއު ރޭޑިއަންޓް 2-1 އިން ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ މަގާމަށް މާޒިޔާ އަރައިފި އެވެ.

މި މެޗުން ބަލިވި ނަމަވެސް އަދިވެސް ނުވަ ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ އެއް މެޗު އިތުރަށް ކުޅެފައިވާ ނިއު އެވެ. މާޒިޔާ އިން ތިން މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާއިރު ނިއު އަށް ކުރި ލިބެނީ ޖެހި ގޯލުންނެވެ. ތިން ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ ތިން މެޗު ކުޅެފައިވާ ޓީސީ ސްޕޯޓްސް ކްލަބެވެ.

ވާދަވެރި، ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ނިއު އިން މެޗު ކޮންޓްރޯލްކޮށްގެން މޮޅު ކުޅުމެއް ދައްކައި އަކްރަމް އަބްދުލްގަނީގެ ލަނޑުން ލީޑު ވެސް ނެގި އެވެ. އެކަމަކު ދެ ވަނަ ހާފުގައި މާޒިޔާ އިން ކުޅުން ރަނގަޅުކޮށް ނިއުގެ މައްޗަށް ކޮންޓްރޯލް ހޯދައި ފަހަތުން އަރައި މޮޅުވި އެވެ.

މެޗުގެ ފުރަތަމަ ހަމަލާ ފެނިގެން ދިޔައީ 12 ވަނަ މިނެޓުގައި ނިއުގެ އަލީ ފާސިރު (ސެންޓޭ) ގެ ފަރާތުންނެވެ. އޭނާ މާޒިޔާގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއިން ގޯލުގެ މަތީ ކަނަށް ފޮނުވާލި ބޯޅަ މާޒިޔާގެ ގޯލްކީޕަރު ޕަވެލް މަޓިއޭޝް މަތަކުރި އެވެ. އޭގެ ދެ މިނެޓު ފަހުން މާޒިޔާގެ މުހައްމަދު އިރުފާން އަތުން ސެންޓޭ ބޯޅަ ހޯދައި އެޑްރިއަން ގަލާޑޯ އަށް ދިން ބޯޅަ އޭނާ ޖެހުމުން ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ކުރީކޮޅު ދެއްކި ރީނދޫ ކާޑާ އެކު ކޮންމެވެސް ވަރެއްގެ ޕްރެޝަރެއްގައި ހުރި މާޒިޔާގެ އަސްހަދު އަލީ (އަޑުބަރޭ) ވަނީ 35 ވަނަ މިނެޓުގައި ކޯނަރަކުން ހުރަސްވި ބޯޅައަކުން ނުރައްކާކޮށްފަ އެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލް މަތިން ބޭރަށެވެ.

ނިއު އިން ލީޑު ނެގީ ފުރަތަމަ ހާފުގެ ފަހު މިނެޓުގަ އެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައަކުން ގަލާޑޯ ނެގި ހުރަސް އަކްރަމް ބޮލުން ގޯލުގެ މަތީ ކަނަށް ވައްދާލީ އޭރިއާ ތެރޭ މުޅިން ހުހަށް ހުރެ އެވެ. މިއީ މި ސީޒަނުގައި ރާއްޖޭގެ މެޗެއްގައި މާޒިޔާ ކޮޅަށް ވަން ފުރަތަމަ ގޯލެވެ.

ނިއުގެ އަކްރަމް ގޯލް ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ އަކްރަމް ގޯލް ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފު ފަށައިގެން މާޒިޔާ ފެނުނީ ތަފާތުކޮށެވެ. ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެ އެ ޓީމުން ފުލުފުލުގައި ހަމަލާތައް ފޮނުވަން ފެށި އެވެ. އެ ޓީމުން އެއްވަރުކުރީ 51 ވަނަ މިނެޓުގައި ޔަސްފާދު ހަބީބް (މުލަކޭ) ދިން ބޯޅައަކުން އަލެކްސަންޑާ ރަކިޗް ޖެހި ގޯލުންނެވެ.

އޭގެ އިރުކޮޅެއް ފަހުން ނިއުއަށް ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. ގަލާޑޯ ދިން ބޯޅަ އޭރިއާ ތެރެއިން ޖަމީލް ލީފްލެންގް ޖެހުމުން ދިޔައީ ގޯލް މަތިންނެވެ. އޭރު ހަމްޕު ހުރީ މުޅިން ހުހަށް އަރަ އެވެ.

މާޒިޔާ އަށް ވެސް ތަފާތު ބޮޑުކުރަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ނިއުގެ އަހުމަދު އަބްދުﷲ (ލިލީ) އަށް ކޮންޓްރޯލްނުވި ބޯޅައެއް އޭރިއާ ތެރެއިން އަސަދުﷲ އަބްދުﷲ ލިބުމުން އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެކަމަކު 73 ވަނަ މިނެޓުގައި އަސަދުﷲ އޭގެ ބަދަލު ދިނެވެ. ނިއުގެ އެޓޭކެއް ރޫޅާލުމަށް ފަހު އަސަދުﷲ ބޯޅަ ހިފައިގެން ކުރިއަށް އަރައި ދިން ބޯޅަ ހުސެއިން ޝިފާޒް (ޑުންގާ) ވަނީ ގޯލް ރޮނގުމަތިން ގޯލް ތެރެއަށް ވައްދާލައި މާޒިޔާ އަށް ލީޑު ނަގައިދީފަ އެވެ.

ޑުންގާ އަކީ އަޑުބަރޭގެ ބަދަލުގައި އެރި ކުޅުންތެރިޔެކެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު އަޑުބަރޭ ބޭލީ އޭނާ އަށް ފުރަތަމަ ހާފުގައި ދެއްކި ރީނދޫ ކާޑަށް ފަހު ވެސް ފައުލްތައް ކުރަމުން އައުމުން ރަތްކާޑެއް ދައްކަފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބެލެވެ އެވެ.

މެޗުގެ ފަހު 15 މިނެޓު މާޒިޔާ އިން ފަހަތަށް ޖެހިގެން ކުޅުނުއިރު ނިއު އިން ނުރައްކާކުރި އެވެ. އެގޮތުން 84 ވަނަ މިނެޓުގައި އެއްވަރުކުރުމާ ވަރަށް ގާތަށް ދިޔަ އެވެ. ބަދަލު ކުޅުންތެރިޔާ މިދުހަތު ފަހުމީ (ބިޗަޑް) ހުރަސްކުރި ބޯޅަ ސެންޓޭ ވެއްޓިގެންފައި ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ނިއުގެ ގަލާޑޯ (ވ) އާއި މާޒިޔާގެ ރަކިޗް ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ ގަލާޑޯ (ވ) އާއި މާޒިޔާގެ ރަކިޗް ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗަށް ފަހު ނިއުގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނީ ކުޅުންތެރިން ދަނޑުމަތީގައި ވަރަށް ހިތްވަރުކޮށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި އެ ހާލަތުގައި ބަލިވުމުން މާޔޫސްވާ ކަމަށެވެ.

"އެކަމަކު މިއީ ފުޓްބޯޅަ. ފުރުސަތު ލިބި ގޯލް ނުޖެހި ދިޔައީ. މާޒިޔާ އިން ލިބުނު ފުރުސަތުގައި އަހަރެމެންނަށް ވުރެ ގިނަ ގޯލް ޖެހި. ނަތީޖާއާ މެދު ހިތްހަމަނުޖެހޭ އެކަމަކު ކުޅުމާ މި ހުރިހާ ކަމަކާ މެދު އަހަރެން ހިތްހަމަޖެހޭ،" ޓަވަރޭސް ބުންޏެވެ.

ޓަވަރޭސް ބުނީ ދެ ވަނަ ހާފުގައި ނިއުގެ ޖަޕާން ކުޅުންތެރިޔާ ކެއިސޫކޭ އޮގާވާ އޭރިއާ ތެރެއިން ކުރިއަށް ފޮނުވަން އުޅުނު ބޯޅަ މާޒިޔާގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ހައްގުވި ޕެނަލްޓީއެއް ނުދީ ރެފްރީ ދޫކޮށްލި ކަމަށެވެ. އަދި އަޑުބަރޭ ރީނދޫ ކާޑު ދައްކާފައިވަނިކޮށް ގިނަ ފައުލްތަކެއް ކުރި ކަމަށާއި އެކަމަކު ރަތްކާޑެއް ނުދައްކާ ކަމަށެވެ.

މާޒިޔާގެ ކޯޗު މަރްޔަން ސެކުލޮސްކީ ބުނީ މާޒިޔާގެ ކުޅުންތެރިންގެ ފަރާތުން މޮޅުވުމުގެ ރޫހު ވަރަށް ބޮޑަށް ފެނުނު ކަމަށާއި އެކަމަށް މަރުހަބާ ކިޔައި ޝުކުރުއަދާކުރާ ކަމަށެވެ.

"ފުރަތަމަ ހާފުގައި އަހަރެމެން ދަށްކޮށް ދިޔައީ. އެހެންވެ ހާފް ޓައިމްގައި އަހަރެން ބުނިން 100 ޕަސެންޓް އެބަ ދޭން ޖެހެޔޭ މެޗު ބަދަލުކުރަން. އެކަން ހާސިލްވި،" ސެކުލޮސްކީ ބުންޏެވެ.