Roadha Mihaaru
ބަޔަކަށް ނުފޫޒު ފޯރުވާކަށް ނޫޅެން: ގާސިމް

ކުށެއް ނުކުރަން، ބަޔަކަށް ނުފޫޒު ފޯރުވާކަށް ނޫޅެން: ގާސިމް

16 އެޕްރީލް 2017

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ކިތަންމެ ދައުވާއެއް އުފުލިޔަސް ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ކިތަންމެ ދައުވާއެއް އުފުލިޔަސް ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައާ ގުޅިގެން މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމްގެ މައްޗަށް ތިން ދައުވާއެއް އުފުލައި، ޝަރީއަތް ވަނީ ފަށައިފަ އެވެ. މާމިގިލީ ދާއިރާގެ މެމްބަރު ގާސިމަށް ދައުވާކުރަނީ މަސީހާ ދެކޮޅަށް ވޯޓު ދޭ މެމްބަރުން އިތުރު ދައުރަކަށް ހޮވަން އެހީވާނެ ކަމަށް ވިދާޅުވުމުންނެވެ.

އިދިކޮޅު ކޯލިޝަންގެ މިރޭގެ ޖަލްސާގައި ގާސިމް ވިދާޅުވީ، އޭނާ ދެއްކެވި ވާހަކަ އަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލުންނާއި ޕާލިމެންޓްރީ ގްރޫޕުން ނިންމި ނިންމުމެއްގެ ވާހަކަ ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި އެއީ އޭނާގެ އަމިއްލަ ނިންމެވުމެއް ނޫނެވެ. އެެއީ ބަޔަކަށް ނުފޫޒު ފޯރުވަން ދެއްކެވި ވާހަކައެއް ނޫން ކަމަށާއި އެކަމުގައި ކޯޓުން އިންސާފުން މައްސަލަ ނިންމަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ފަނޑިޔާރުން އިންސާފުގެ މަގުން ނިންމަވާނެ ކަމަށް އަޅުގަނޑުމެން ޔަގީން ކުރަނީ. އަދި އަޅުގަނޑުމެންގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި އެހެން ފަރާތްތަކުން ވެސް،" މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ހައްޔަރު ކުރުމަށް ފަހު، ހައި ކޯޓުގެ އަމުރުގެ ދަށުން މިދިޔަ ބުދަދުވަހު ދޫކޮށްލުމުން، އިދިކޮޅު ހަރަކާތުން މާލޭގައި ބޭއްވި ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ބަންދުގައި ހުންނެވި ދޫނިދޫގެ ހާލަތާ ގުޅިގެން އޭނާ ވިދާޅުވީ އެތަނުގެ ހާލަތު މިހާރު ހުރީ އެންމެ ކުރީ ޒަމާނަށް ވުރެ ދަށްކޮށް ކަމަށެވެ. ދެހާސް ހަތަރުވަނަ އަހަރު އުފެދުނު ސިޔާސީ އޮއިވަރުގެ ތެރެއިން ޖަލުގައި ދުވަސްތަކެއް ހޭދަކުރެއްވި ގާސިމް ވިދާޅުވީ އެތަނުގެ ކަންކަން އިސްލާހު ކުރަންޖެހޭ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން އެކަންކަން ބައްލަވައި، ޖަލުގެ ހާލަތު ރަނގަޅު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އެކަމަކު ފުލުހުން އޭނާއާ މެދު އަމަލުކުރި ގޮތް ރަނގަޅު ކަމަށް ވިދާޅުވާ ވިދާޅުވުން ގާސިމް މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަކާ ގުޅިގެން ގާސިމް ވިދާޅުވީ 42 މެމްބަރުންގެ ސޮޔާ އެކު ނޫނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނޭޅޭނެ ކަމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. މަސީހުގެ މައްސަލަ ދެވަނަ ފަހަރަށް ހުށަހަޅާފައި އޮއްވައި އެކަން އެގޮތަށް ކުރުމަކީ ގާނޫނީ ގޮތުން ބަލާއިރު ވެސް ހަމަޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ކޮންފިޑެންސް ނެތުނީމަ ދެއްތޯ؟ ކޮންފިޑެންސް ނެތުމަށް މެދުވެރިވީ ކީއްވެގެންތޯ؟ ވަރަށް ގިނަ ވާހަކަ ދައްކައިގެން ކަން ނޭނގޭ އެ ހިސާބަށް ދެވޭނީ. އެ ކޮންފިޑެންސް ނެތިގެން މި އުޅުއްވާ ސަބަބު ވަރަށް ސާފު އަޅުގަނޑުމެންނަށް." މަޖިލީހުގެ މެމްބަރުންނާ މެދު ރައީސް ޔާމީނަށް އިތުބާރު ނެތް ކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ ރާއްޖެ އަށް އެންމެ އަވަހަށް ތަރައްގީ ގެންނެވި ރައީސް އެވެ. އެކަމަކު އެ ހުރިހާ ތަރައްގީއަކާ އެކު ކޮރަޕްޝަން އޮތީ އިންތިހާ އަށް އިތުރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންމެ މަޝްރޫއެއް ހިންގިޔަސް އޭގެ އަނެއް ފަރާތުގައި އޮތީ ކޮރަޕްޝަން ކަމަށާއި އާޚިރުގައި އޭގެ ހުރިހާ ދެރައެއް ލިބެނީ ރައްޔިތުންނަށް ކަމަށް ގާސިމް ވިދާޅުވި އެވެ.