Roadha Mihaaru
މަޖިލީހުގެ ރައީސްގެ މަގާމު ގާސިމަށް އަދާކުރެވޭނެތަ!

މަޖިލީހުގެ ރައީސްގެ މަގާމު ގާސިމަށް އަދާކުރެވޭނެތަ!

04 ނޮވެމްބަރ 2018

ބޮޑު އަޣުލަބިއްޔަތަކުން މަޖިލީހުގެ ރައީސްކަމަށް އިންތިޚާބު ކޮށްފައިވާ ގާސިމް އިބްރާހިމް، އެ މަގާމަށް ޝަރުތު ހަމަވޭތޯ ބައެއް ބޭފުޅުން އުފެއްދެވި ސުވާލު ގާނޫނީ ބަހުސަކަށް ވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ބޮޑު އަޣުލަބިއްޔަތަކުން މަޖިލީހުގެ ރައީސްކަމަށް އިންތިޚާބު ކޮށްފައިވާ ގާސިމް އިބްރާހިމް، އެ މަގާމަށް ޝަރުތު ހަމަވޭތޯ ބައެއް ބޭފުޅުން އުފެއްދެވި ސުވާލު ގާނޫނީ ބަހުސަކަށް ވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި 62 މެމްބަރުންގެ ވޯޓުން މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިޚާބު ކުރެއްވި ގާސިމް އެ މަގާމަށް ޝަރުތު ހަމަވޭތޯ ސުވާލު އުފެދުނީ އެ މަނިކުފާނަކީ 65 އަހަރުން މަތީ ބޭފުޅަކަށް ވާތީ އެވެ.

ގާނޫނުއަސާސީގެ 124 ވަނަ މާއްދާގެ ހ. ގައި ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމު އެއްފަހަރާ ހުސްވެއްޖެ ނަމަ ވަގުތީ ގޮތުން އެ މަގާމާ ހަވާލުވާން ޖެހޭނީ މަޖިލީހުގެ ރައީސެވެ. މަޖިލީހުގެ ރައީސަށް ހަވާލުވެވެން ނެތް ނަމަ މަޖިލީހުގެ ނައިބު ރައީސެވެ. ނައިބު ރައީސަށް ހަވާލުވެވެން ނެތް ނަމަ ހަވާލުވާނީ މަޖިލީހުން ފާސްކުރާ ގަރާރަކުން ހޮވާ އެ މަޖިލީހުގެ މެމްބަރެކެވެ.

ވަގުތީ ގޮތުން އެ މަގާމާ ހަވާލުވާ މީހާގެ ޝަރުތުތައް ކަނޑައަޅާފައިވާ 124 ވަނަ މާއްދާގެ ނ. ގައި ބުނެފައިވަނީ ވަގުތީ ގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާ ކަމާ ހަވާލުވާ މީހަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިޚާބުކުރެވޭ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ މީހަކަށް ވާންޖެހޭނެ ކަމަށެވެ.

ގާނޫނުއަސާސީ އަށް ފަހުން ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލާ މީހަކީ 65 އަހަރު ވެފައިވާ މީހަކަށް ވެގެންނުވާނެ އެވެ.

ގާސިމްގެ އުމުރުން 65 އަހަރަށް ވުރެ މަތިވެފައިވާ އިރު، މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިޚާބު ކުރުމުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވަނީ އެ މައްސަލައިގައި ސުވާލު އުފައްދަވާފަ އެވެ. އޭނާ ފޭސްބުކްގައި ލިޔުއްވާފައިވާ ގޮތުގައި ގާސިމަކީ 65 އަހަރުން މަތީ ބޭފުޅަކަށް ވާއިރު ރައީސުލް ޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ވެސް އަދައެއް ނުކުރެއްވޭނެ އެވެ. އެހެންކަމުން މަޖިލީހުގެ ރައީސްއަކަށް 65 އަހަރުން މަތީ ބޭފުޅަކު އައްޔަން ކުރެއްވިދާނެތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ މަޖިލީހުން ހަވާލުވާން ޖެހޭ ހާލަތެއްގައި މަޖިލީހުގެ ރައީސް އުމުރުން ދޮށީވެފައިވާތީ އެ މަސްއޫލިއްޔަތާ މަޖިލީހުގެ ނައިބު ރައީސް ހަވާލުވުމުން، ރައީސަށް ވުރެ އެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު އިސްވީތޯ ސުވާލު އުފެދޭނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ އެއީ އޮޅުން އަރާ އެ މައްސަލައަކަށް ވާތީ މަޖިލީހުގެ ކައުންސެލް ޖެނެރަލް އެކަން ސާފު ކޮށްދޭން ޖެހޭ ކަމަށެވެ.

ނަމަވެސް ގާނޫނީ އެހެން ބޭފުޅުން އެ ހިޔާލާ ދެކޮޅެވެ. އެ ބޭފުޅުން ވިދާޅުވަނީ މަޖިލީހުގެ ރައީސަށް ވެވޭނެ ޝަރުތުތަކުގެ ތެރޭގައި 65 އަހަރު ނުފުރޭ މީހަކަށް ވުން ލާޒިމް ނުކުރާ ކަމަށެވެ. އެ ޝަރުތު ހަމަވާން ޖެހެނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވާ ވަގުތުގައި ކަމަށްވާތީ 65 އަހަރަށް ވުރެ ދޮށީ މީހަކަށް މަޖިލީހުގެ ރައީސްކަން ކުރެވޭނެ އެވެ.

ހަމަ އެހެންމެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވުމާއި އެ މަގާމުގެ ޒިންމާއާ ހަވާލުވުމަކީ ދެ ކަމެއް ކަމަށާއި އެހެންކަމުން 65 އަހަރުން މަތިވެފައިވީ ނަމަވެސް ޒިންމާ އަދާކުރެއްވޭނެ ކަމަށް ބައެއް އެހެން ވަކީލުން ވިދާޅުވެ އެވެ.

އެކަމާ ގުޅޭ ގޮތުން މަޝްހޫރު ގާނޫނީ ވަކީލު، އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ 65 އަހަރުން މަތީ ބޭފުޅަކު މަޖިލީހުގެ ރައީސަށް ހުރުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސެއް އިންތިޚާބު ކުރަނީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކަމަށްވާ އިރު، މަޖިލީހުގެ މެމްބަރުންނަކީ 65 އަހަރު ނުފުރޭ ބަޔަކަށް ވާން ނުޖެހޭތީ އެވެ.

"މަޖިލީހުގެ ތެރެއިން ރައީސް ކަމަށް އަންނަ މީހާގެ އެ ޝަރުތު [65 އަހަރު ނުވުން] ލާޒިމުވާ ނަމަ ގާނޫންއަސާސީ އަށް އިސްލާހު ގެނައި އިރު އެ މާއްދާ ވެސް އިސްލާހު ކުރީސް. މަޖިލީހަށް ކަމެއް އޮޅިފައި ނުވަތަ ހަނދާން ނެތިފައި އޮވެދާނެ ކަމަށް އަޅުގަނޑުމެން ބަލައިގެންނުވާނެ ނޫންތޯ؟" ޕީޖީ ޝަމީމް ވިދާޅުވި އެވެ.

"މަޖިލީހުގެ ރައީސް ނެތް ހާލަތެއްގައި ވާނެ ގޮތް އޮތް މާއްދާ ވެސް ބަދަލެއް ނުކުރޭ. އެހެންވީމަ ކެބިނެޓް ކޮމެޓީން އަންނަ މީހާ، ނުވަތަ މަޖިލީހުގެ އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާތީ އަންނަ މީހާ ވެސް އެ ޝަރުތު ހަމަނުވެ ހިނގައިދާނެ، އެކަމަކު އެއީ މައްސަލައަކަށް ނުވާނެ."

ގާސިމް އެ މަގާމަށް އިންތިޚާބު ކުރީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް އޭނާ އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ގާސިމަކީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން މިހާރުގެ ގާނޫނުއަސާސީ ފާސްކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްގެ މަގާމު 2004 އިން 2008 އަށް އަދާ ކުރެއްވި މެމްބަރެކެވެ. އޭނާ މަޖިލީހުގެ މެންބަރުކަން ކުރައްވާތާ 18 އަހަރުވެއްޖެ އެވެ.