Roadha Mihaaru
ފިހާރަ އެނދުމުން ދެ މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް

ފިހާރަ އެނދުމުން ދެ މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް

17 އެޕްރީލް 2017

ހުޅުމާލޭ ނެއިބަހުޑް އެކެއްގައި ހުންނަ ޑެލްރިއޯ ފިހާރައިގައި އިއްޔެ އަލިފާން ރޯވެ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ފިހާރައިގެ ވެރިފަރާތުން ރޭ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުޅުމާލޭ ނެއިބަހުޑް އެކެއްގައި ހުންނަ ޑެލްރިއޯ ފިހާރައިގައި އިއްޔެ އަލިފާން ރޯވެ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ފިހާރައިގެ ވެރިފަރާތުން ރޭ ބުނެފި އެވެ.

އަންނައުނާއި ބޫޓު ފަދަ ތަކެތި ވިއްކަން ހާއްސަ ފިހާރައިގައި ރޯވީ އިއްޔެ މެންދުރު 1:15 ހާއިރެވެ. މި ހާދިސާގައި އެތަނާ ޖެހިގެން ހުރި އެއްވެސް ތަނަކަށް، އަދި މީހަކަށް ވެސް ގެއްލުމެއް ނުލިބެ އެވެ.

ޑެލްރިއޯ ފިހާރައިގެ ވެރިފަރާތުން ބުނީ ފިހާރަ ތެރެއަށް އަލިފާންގަނޑު ބޮޑަށް ފެތުރުނީ، ފިހާރަ ހުރި ސަރުކާރުގެ އިމާރާތުގައި އަލިފާން ނިއްވަން ބޭނުން ކުރާ ވަސީލަތްތައް ނެތުމުން ކަމަށެވެ.

ފުރަތަމަ ރޯވީ ކަރަންޓު ޝޯޓެއް ވެގެން ފިހާރައިގެ އޭސީގައި ކަމަށް އޭނާ ބުންޏެވެ.

ހުޅުމާލޭގެ ހެދުން ފިހާރާގައި އަލިފާން ރޯވެފައި.-- ފޮޓޯ: އެމްއެންޑީއެފް

ހުޅުމާލޭގެ ހެދުން ފިހާރާގައި އަލިފާން ރޯވެފައި.-- ފޮޓޯ: އެމްއެންޑީއެފް

ޑެލްރިއޯ ފިހާރަ ހުންނަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިމާރާތެއްގަ އެވެ. ނަމަވެސް އެ އިމާރާތް އިންޝުއާކޮށްފައި ހުރި ކަމެއް ނޭނގެ އެވެ.

ހުޅުމާލޭގެ އެންމެ މަޝްހޫރު އެއް ފިހާރައިގެ ވެރިފަރާތުން ބުނީ ފިހާރައިގެ ހުރި މުދާ އިންޝުއާކޮށްފައި ނުވާތީ އެއީ އޭނާ އަށް ލިބުނީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"އަލިފާން ނިއްވާ ފުޅިއެއް ހިފައިގެން އައިއިރު، މުޅި ތަނުގައި އޮތީ ރޯވެފައި. އައުޓްޑޯ ގޭސް ފުޅީގައި ރޯވެގެން ހުޅު ފަޅައިގެން ދިޔައީ،" އޭނާ ބުންޏެވެ.

ހުޅުމާލެ ހަތް ވަނަ ފްލެޓް ކައިރީ ހުންނަ ޑެލްރިއޯ ފިހާރަ ހިންގަމުން އަންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަލިފާނުގެ ހާދިސާގައި ސަލާމަތް ކުރެވުނީ ވަރަށް މަދު އެއްޗެކެވެ.

ޑެލްރިއޯ ފިހާރާގައި ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު ތަން ސާފުކުރަނީ

ޑެލްރިއޯ ފިހާރާގައި ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު ތަން ސާފުކުރަނީ

އޭނާ ބުނީ އެޗްޑީސީގެ އިމާރާތެއްގައި އަލިފާން ނިއްވާ ނިޒާމު ހުންނަން ޖެހޭނެ ކަމަށެވެ.

"ސަރުކާރުގެ އިމާރާތެއްގައި ވަސީލަތްތައް ގާއިމުކުރެވިފައި ހުންނަން ޖެހޭނީ. ދުމަށް ޑިޓެކްޓް ކުރާ ގޮތަށް ހުންނަން ޖެހޭނީ. އެކަހަލަ ކަމެއް ހިނގައިފި ނަމަ، ހޮޅިން ފެން ޖެހޭ ގޮތަށް އިންނަން ވާނީ،" އޭނާ ބުންޏެވެ.

"އިމާރާތް ހަދާއިރު، އެ ތަނުގެ މެންޑޭޓްގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި އަލިފާން ނިއްވާ ނިޒާމު ގާއިމު ކުރުމަކީ. އެކަން ކުރެވޭނީ އެމްއެންޑީއެފް މެދުވެރިކޮށް. އެޗްޑީސީން މި ތަނުގައި އެކަމެއް ނުކޮށްދިން."

މި މައްސަލާގައި އެޗުޑީސީގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެ އެވެ.