19 އެޕްރީލް 2017
މި އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު މިދަނީ އަބަދު ފަސްވަމުންނެވެ. ފުރަތަމަ ފަސްކުރީ، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ މަސްލަހަތު ހިމާޔަތްކުރަން ސިވިލް ކޯޓުން ކުރި ހުކުމަކާ ހެދި އެވެ. ދެން އައީ ވޯޓު ފޮޮށި ބަހައްޓަން ސްކޫލްތައް ނުލިބުމުގެ މައްސަލަ އެވެ. އޭގެ ފަހުން ރާއްޖޭގައި ފެތުރިގެންދިޔަ ހުމާއި ރޯގާ އެވެ.
މި އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު މިދަނީ އަބަދު ފަސްވަމުންނެވެ. ފުރަތަމަ ފަސްކުރީ، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ މަސްލަހަތު ހިމާޔަތްކުރަން ސިވިލް ކޯޓުން ކުރި ހުކުމަކާ ހެދި އެވެ. ދެން އައީ ވޯޓު ފޮޮށި ބަހައްޓަން ސްކޫލްތައް ނުލިބުމުގެ މައްސަލަ އެވެ. އޭގެ ފަހުން ރާއްޖޭގައި ފެތުރިގެންދިޔަ ހުމާއި ރޯގާ އެވެ.
މިހާރު މި އޮތީ ވޯޓުލާ މީހުންގެ ލިސްޓްގެ މައްސަލަ އެވެ. އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން މިހާރު ނެރެފައި އޮތް ވޯޓާސް ލިސްޓްގައި ސޮއިނުކުރާނެ ކަމަށެވެ. އެހެންކަމުން މެއި 6 ގައި ބާއްވަން އޮތް އިންތިހާބު އަނެއްކާވެސް ފަސްވެދާނެ ކަމުގެ ބިރު މި އޮތީ އުފެދިފަ އެވެ.
ވޯޓާސް ލިސްޓުގައި ހުރިހާ ކެންޑިޑޭޓުން ސޮއިކުރަން ޖެހޭ ގޮތަށް ހަމަޖެއްސީ 2013 ގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލްކޮށް، ސުޕްރީމް ކޯޓުން ކުރި ހުކުމުގަ އެވެ. އެ ހުކުމުގައި ކަނޑައެޅި ގައިޑްލައިންގައިވާ ގޮތުން ވޯޓުލާ މަރުކަޒުތަކުގައި ބޭނުން ކުރަން ޖެހޭނީ ހުރިހާ ކެންޑިޑޭޓުން ސޮއިކޮށްފައިވާ ވޯޓާސް ލިސްޓުތަކެކެވެ. އެ ނޫން ލިސްޓެއް ބޭނުން ނުކުރެވޭނެ ކަމަށް އެ ގައިޑްލައިންގައިވެ އެވެ. އޭގެ ފަހުން ބާއްވަމުން އަންނަ ކޮންމެ އިންތިޚާބެއްގައި ވެސް އަމަލުކުރަމުން އަންނަނީ އެ ގައިޑްލައިނަށެވެ.
ގައިޑްލައިންގެ ފަސް ވަނަ ނަމްބަރުގައި "ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ހަމަޖެއްސޭ އިންތިޚާބީ ހުރިހާ ދާއިރާއެއްގައި ވެސް ވޯޓު ލެވެނީ ވޯޓުލާ މީހާގެ ނަމާއި އެޑްރެހާއި އައިޑެންޓިޓީ ކާޑު ނަމްބަރު ހިމެނިފައިވާ އަދި އިލެކްޝަންސް ކޮމިޝަނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސައްހަ ކަމަށް އެއްބަސްވެ، ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ އެންމެ ފަހުގެ ލިސްޓަށް ކަމާއި، އެ ނޫން އެހެން ލިސްޓެއް ރާއްޖޭގެ ނުވަތަ ރާއްޖެއިން ބޭރުގައި ވިޔަސް ވޯޓުލެވޭ އެއްވެސް ދާއިރާއެއްގައި ބޭނުން ނުކުރެވޭ ކަން ކަށަވަރު ކުރުން،" ކަމަށް ކަނޑައަޅާފައިވެ އެވެ.
ގައިޑްލައިންގެ އެ ނުކުތާގައި ތިން ޒިންމާއެއް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް މަތިކޮށްފައިވެ އެވެ. އެއް ކަމަކީ ވޯޓުލާ މީހާގެ ނަމާއި އެޑްރެހާއި އައިޑީ ކާޑު ނަމްބަރު ވޯޓާސް ލިސްޓުގައި ހިމެނިފައިވާ ކަން ކަށަވަރު ކުރުމެވެ. ދެވަނަ ކަމަކީ އެ ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ އެ މީހުންގެ މަންދޫބުންނާއި ކޮމިޝަންގެ ފަރާތުން ސޮއިކޮށްފައި އޮތުމެވެ. ތިން ވަނަ ކަމަކީ އެ ނޫން ލިސްޓެއް ވޯޓުލާ މަރުކަޒެއްގައި ބޭނުން ނުކުރެވޭ ކަން ކަށަވަރު ކުރުމެވެ.
މިިހާރު އޮތް ގޮތަށް ވޯޓާސް ލިސްޓުގައި "ސޮއިކުރަން ދަތި" ކަމަށް އެމްޑީޕީން ބުނަނީ ގައިޑްލައިންގައި ބުނާ ގޮޮތަށް ލިސްޓްތައް އެކުލަވާލާފައި ނުވާތީ އެވެ. އެމްޑީޕީން ބުނާ ގޮތުގައި ކޮމިޝަނުން އާންމުކުރި ވޯޓާސް ލިސްޓުގައި ވޯޓުލާ މީހުންގެ އައިޑީ ކާޑު ނަމްބަރާއި ދާއިމީ އެޑްރެސް ފަދަ މައުލޫމާތެއް ނެތެވެ. އެހެންވެ، ކެންޑިޑޭޓުން ސޮއިކުރާ ލިސްޓުތަކުގެ ސައްހަކަން ކަށަވަރު ނުކުރެވޭނެ ކަމަށް އެމްޑީޕީން ބުނެ އެވެ.
އެމްޑީޕީން ބުނާ ގޮތުގައި އާންމުކުރި، ކައުންސިލް އިންތިޚާބުގެ ވޯޓާސް ލިސްޓާއި ޕާޓީތަކާ ހިއްސާކުރި ލިސްޓު އޮތީ ގައިޑްލައިންގައި ބުނާ ގޮތަކަށް ނޫނެވެ. ގައިޑްލައިންގައި ބުނާ ބައެއް މައުލޫމާތުތައް އެ ލިސްޓުތަކުގައި ނެތް ކަމަށް އެ ޕާޓީން ބުނެ އެވެ. އެހެންވެ، އެ ލިސްޓުގެ ސައްހަކަމާ މެދު އެ ޕާޓީން ސުވާލު އުފައްދަ އެވެ.
"ލިސްޓު ވެރިފައި ކުރުމަކާ ނުލައި ގޮސް ސޮއި ކުރުމަކީ އަޅުގަނޑުމެންނަށް އުނދަގޫ ކަމެއް،" އެމްޑީޕީގެ ލީގަލް ޑައިރެކްޓަރު ހިސާން ހުސައިން ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން ބުނަނީ ތިން ލިސްޓެއްގައި އެ ޕާޓީން ސޮއިކުރަން ހަވާލުކުރި ކަމަށާއި އެކަމަކު ތަފާތު ތިން ލިސްޓެއް އޮންނަން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
"އެހެންވެ ވޯޓާސް ލިސްޓުގައި ސޮއިކުރަން އަޅުގަނޑުމެން އުޒުރުވެރިވީ،" ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕީޕީއެމްގެ ނަޒަރުގައި، މިހާރު އޮތް ލިސްޓްތަކުގައި މައްސަލައެއް ނެތެވެ. އެހެންކަމުން އެ ޕާޓީގެ ކެންޑިޑޭޓުން ވަނީ ވޯޓާސް ލިސްޓުގައި ސޮއިކޮށްފަ އެވެ.
ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ޚަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އާންމުކުރާ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުންގެ އައިޑީ ކާޑު ނަމްބަރު ފަދަ މައުލޫމާތު ހިމެނުމަކީ ކުރަން ޖެހޭ ކަމެއް ނޫނެވެ. އެ މައުލޫމާތު ހޯދަން އެމްޑީޕީން އުޅެނީ އެހެން ބޭނުމެއްގައި ކަމަށް ވެސް އޭނާގެ ޓްވީޓްގައި ވިދާޅުވި އެވެ.
އެމްޑީޕީގެ ހިސާން (ކ) އެ ޕާޓީން ކައުންސިލް އިންތިހާބާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް: އެމްޑީޕީން ބުނަނީ ސައްހަކަން ކަށަވަރު ނުވަނީސް ލިސްޓުގައި ސޮއި ނުކުރާނެ ކަމަށް --ފޮޓޯ/މިހާރު
އިދިކޮޅު ޕާޓީތަކުގެ ތުހުމަތުތައް އިލެކްޝަންސް ކޮމިޝަނުން ދޮގުކުރެ އެވެ. ކެންޑިޑޭޓުން ސޮއިކުރާ ލިސްޓުގައި، ގައިޑްލައިންގައި ބުނާ ހުރިހާ މައުލޫމާތުތައް ހުންނާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އަދި އާންމުކުރާ ވޯޓާސް ލިސްޓުގައި ވޯޓުލާ މީހުންގެ ހުރިހާ މައުލޫމާތެއް ހިމަނަން ޖެހޭނެ ކަމަކަށް އެ ކޮމިޝަނުން ގަބޫލެއް ނުކުރެ އެވެ.
"ގައިޑްލައިންގައި ބުނެފައިވާ ހުރިހާ މައުލޫމާތެއް އެ ލިސްޓުތަކުގައި ފުރިހަމަކޮށްފައި ހުންނާނެ،" އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު" އަށް ވިދާޅުވި އެވެ.
ކޮމިޝަންގެ ވާހަކަތަކާއި އިދިކޮޅު ދެ ޕާޓީގެ ވާހަކަތަކުން ދޭހަވަނީ އެއްވެސް ބަޔަކު ތިބީ މިކަމުގައި ދޫ ދިނުމުގެ ވިސްނުމެއްގައި ނޫން ކަމެވެ. އެހެންވެ، މީގައި ޕާޓީތަކާއި ކޮމިޝަނުން އެއްގަލަށް ނާރައިފި ނަމަ އާޚިރުގައި ދެ ފަރާތުގެ ދެމެދުގައި "ތާށިވާނީ" އިންތިޚާބު ކަމަށް ބެލެވެ އެވެ. އެއި އިންތިޚާބު ލަސްވުމެވެ. މިހާރު ސުވާލު އުފެދެނީ މިކަމާ މެދު އެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓުން ކޮށްފައިވާ ހުކުމެއްގައި ކަނޑައަޅާފައިވާ އެ ނުކުތާއަށް އެ ކޯޓުން ބަދަލެއް ނުގެންނަހާ ހިނދަކު އެ ނިންމުމަށް އަމަލު ކުރުމަކީ ކޮމިޝަންގެ ޒިންމާއެކެވެ. މިހާތަނަށް އެ ގައިޑްލައިނަށް ސުޕްރީމް ކޯޓުން އެއްވެސް ބަދަލެއް ނުގެނެ އެވެ. އެހެންވެ، އެ ގައިޑްލައިން އޭގެ ބާރުވެރިކަން މަތީ އަދިވެސް ދެމި އެބައޮތެވެ.
ގައިޑްލައިން އޮތް ގޮތުން އެންމެ ކެންޑިޑޭޓަކަށް ވެސް ވޯޓާސް ލިސްޓުގައި ސޮއި ނުކޮށް އިންތިޚާބު ފަސްކޮށްލުމުގެ ބާރު އެ ކެންޑިޑޭޓަށް ލިބޭތީ 2013 ގެ ރިޔާސީ އިންތިޚާބުގައި އެކަމުގެ ކަންބޮޑުވުން އޭރުގެ އިލެކްޝަންސް ކޮމިޝަނުން ފާޅުކުރި އެވެ. އެކަމަކު ރިޔާސީ އިންތިޚާބު އަލުން ބޭއްވީ ހުރިހާ ކެންޑިޑޭޓުން ގަބޫލުކުރާ ފެންވަރަށް ލިސްޓުތަކަށް ބަދަލު ގެނައުމަށް ފަހު އޭގައި ހުރިހާ ކެންޑިޑޭޓުން ސޮއި ކުރުމުންނެވެ. އޭގެ ފަހުން އައި 2014 ގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ވެސް ބޭއްވީ އެގޮތަށެވެ.
ކެންޑިޑޭޓުން ސޮއި ނުކޮށްފި ނަމަ ކައުންސިލް އިންތިޚާބު ބޭއްވިދާނެ ކަމާ މެދު އުފެދިފައި އޮތް ސުވާލަށް އިލެކްޝަންސް ކޮމިޝަނުން ސީދާ ވަކި އެއްޗެއް އަދި ނުބުނެ އެވެ. ކޮމިޝަނުން ބުނީ އެ ކޮމިޝަނަށް ކުރެވޭނެ ކަމަކީ ސޮއިކުރަން ކެންޑިޑޭޓުންނަށް ފުރުސަތު ދިނުން ކަމަށެވެ. އެކަމަކު ކުރިން ވެސް ރޭވިފައި އޮތް ގޮތަށް އިންތިޚާބު ބާއްވާނެ ކަމުގެ ޔަގީންކަން ކޮމިޝަނުން ދެ އެވެ.
"އަޅުގަނޑުމެންނަށް ގަދަކަމުން ބަޔަކު ލައްވައި ސޮޔެއް ނުކުރެވޭނެ ދެއްތޯ؟. އަޅުގަނޑުމެންނަށް ފުރުސަތު ދެވޭނީ. މިއޮތީ އެ ފުރުސަތު ދީފައި. އަންނަ މަހުގެ ހަ ވަނަ ދުވަހު އިންތިޚާބު އޮންނާނެ،" އަކްރަމް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަލީ ވިދާޅުވި ގޮތުގައި ވޯޓު ލާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ނުވަތަ ސިޔާސީ ޕާޓީތަކުން ސޮއި ނުކުރި ކަމުގައި ވިޔަސް، އިންތިޚާބު ބާއްވާކަށް އެއްވެސް ހުރަހެއް ނެތެވެ.
އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބުތައް ބާއްވާ އިރު، ވޯޓު ލާ މީހުންގެ ލިސްޓުގައި ސޮއި ކުރުމަކީ ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަން 2014 ވަނަ އަހަރު ބޭއްވި ލާމަރުކަޒީ އިންތިޚާބުން ފާހަގަވި ކަމަށެވެ. އެހެންކަމުން އެފަހަރު ސުޕްރީމް ކޯޓަށް ލިޔުމުން ހުށަހެޅުމުން އެ ކޯޓުން ވަނީ އެކަމަށް މަގު ފަހިކޮށްދީފަ އެވެ.
އަހްމަދު އަލީ ވިދާޅުވީ އެ މައްސަލައިގައި ސުޕްރީމް ކޯޓުން ދިން އަމުރުގައި ބުނެފައިވަނީ ވޯޓު ލާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއި ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފަހުގައި، އެ ފަރާތްތަކުން ސޮއި ނުކުރުމަކީ އިންތިޚާބެއް ބާއްވަން އިލެންޝަންސް ކޮމިޝަނަށް އޮތް ހުރަހެއް ނޫން ކަމަށެވެ.
އެކަމަކު ގާނޫނީ ބޭފުޅުންގެ ނަޒަރުގައި ލިސްޓުތަކުގައި ކެންޑިޑޭޓުން ސޮއި ނުކުރާ ނަމަ އިންތިޚާބު ބޭއްވުމުގެ ފުރުސަތު ކޮމިޝަނަކަށް ނޯންނާނެ އެވެ. ގައިޑްލައިން ކަނޑައެޅި ފަހުން ބޭއްވި ހުރިހާ އިންތިޚާބެއް ވެސް ބޭއްވީ ގައިޑްލައިނާ އެއްގޮތަށް ކަމަށް ވުމުން މިހާރު އެއާ ޚިލާފް ގޮތަކަށް ކަމަށް އަމަލު ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
"ކުރީގެ ދެ އިންތިޚާބު ވެސް ބޭއްވީ ގައިޑްލައިންގައި ބުނާ އެ ހުރިހާ ކަމެއް ފުރިހަމަ ކޮށްފައި. އެހެންވީމަ މިހާރު އެ ނޫން ގޮތަކަށް އަމަލެއް ނުކުރެވޭނެ ސުޕްރީމް ކޯޓުން އެ ނޫން ގޮތަކަށް ނިންމުމެއް ނުނިންމާހާ ހިނދަކު. އެހެން ނޫނީ ވާނީ ސުޕްރީމް ކޯޓުގެ ނިންމުމަކާ ޚިލާފް އަމަލެއް ކުރުން ކަމަށް. ކޮންޓެމްޕްޓް އޮފް ކޯޓްގެ އަމަލަކަށް އެކަން ވާނީ." ވަކީލަކު ވިދާޅުވި އެވެ.
ސިޓީ ކައުންސިލްތަކުގެ ބޮޑު އަޣުލަބިއްޔަތު އެމްޑީޕީއަށް
"އިންތިހާބަށް ފުލުހުން ވަނީ ފުރިހަމައަށް ތައްޔާރުވެފަ"
ވޯޓުލާ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފި
ވޯޓާސް ލިސްޓު އޮތީ ގައިޑްލައިނާ އެއްގޮތަށް: އީސީ
ކައުންސިލް އިންތިހާބު އަދިވެސް ރަޖާ އަޅައިގެން
އިންތިޚާބު ފަސްކުރަނީ ކާމިޔާބު ނުވާނެކަން އެނގޭތީ
ލޯކަލް އިންތިޚާބު އަނެއްކާވެސް ފަސްކޮށްފި
ލޯކަލް އިންތިހާބުގެ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި
ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން ފަސްކޮށްފި
އިންތިޚާބަށް ރީ ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި