Roadha Mihaaru
އުރުދުޣާންގެ ކާމިޔާބީއަށް ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ

އުރުދުޣާންގެ ކާމިޔާބީ އަށް ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ

18 އެޕްރީލް 2017

ވޮޝިންޓަން (އެޕްރީލް 18) - ތުރުކީގެ ރައީސް އަށް އާދަޔާޚިލާފު ބާރުތައް ލިބޭ ގޮތަށް އެ ގައުމުގެ ގާނޫނު އަސާސީ އަށް ގެންނަން ހުށަހަޅާ އިސްލާހުތަކަށް ރައްޔިތުން ރުހުން ދިނުމާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އެޕްރީލް 18) - ތުރުކީގެ ރައީސް އަށް އާދަޔާޚިލާފު ބާރުތައް ލިބޭ ގޮތަށް އެ ގައުމުގެ ގާނޫނު އަސާސީ އަށް ގެންނަން ހުށަހަޅާ އިސްލާހުތަކަށް ރައްޔިތުން ރުހުން ދިނުމާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ތުރުކީގެ ވޯޓު ދިޔައީ އިންސާފުން ނޫން ކަމަށް ބައިނަލްއަގުވާމީ މޮނިޓަރުން ބުނަމުން ދަނިކޮށް އުރުދުޣާން އަށް ފޯނު ކުރައްވާ ޓްރަމްޕް މަރުހަބާ ވިދާޅުވުމުން ބައެއް މީހުންގެ ޚިޔާލު ވަނީ ތަފާތުވެފަ އެވެ.

ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ ދެ ލީޑަރުން ވަނީ ސީރިއާގެ ވައިގެ މަރުކަޒަކަށް އެމެރިކާ އިން މި މަހު 7 ވަނަ ދުވަހު ދިން މިސައިލް ހަމަލާއާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފައި ކަމަށެވެ. އަދި އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައާ ގުޅޭ ގޮތުން ވެސް ވަނީ ޚިޔާލު ބަދަލު ކުރައްވާފައި ކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފަ އެވެ. އުރުދުޣާން އާއި ޓްރަމްޕް އެންމެ ފަހުން މަޝްވަރާ ކުރައްވާފައި ވަނީ ފެބްރުއަރީ މަހު އެވެ.

ތުރުކީގެ ވޯޓާ ގުޅޭ ގޮތުން ސްޓޭޓް ޑިޕާޓްމަންޓުން ކުރިން ނެރުނު ބަޔާނެއްގައި ވަނީ ތުރުކީގެ ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިވެފައިވާ ތަން ދެކެން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ތުރުކީގެ ވޯޓު މޮނިޓާ ކުރި ބައިނަލްއަގުވާމީ އޮބްޒާވަރުން ބުނެފައި ވަނީ ވޯޓުގައި ކަންކަން ކޮށްފައި ވަނީ އުރުދުޣާންގެ ކޭމްޕަށް ފަހިވާ ގޮތަށް ކަމަށެވެ. އޮގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (އޯއެސްސީއީ) އާއި ކައުންސިލް އޮފް ޔޫރަޕް އިން ބުނެފައި ވަނީ ކެމްޕޭން ކުރުމަށް ދެ ފަރާތަށް ހަމަހަމަ ފުރުސަތު ދީފައި ނުވާ ކަމަށެވެ. ރައީސް އާއި ސަރުކާރުގެ އިސް އޮފިޝަލުން ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށް އަދި ސަރުކާރުގެ ރިސޯސްތައް ވެސް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް މޮނިޓަރުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ތުރުކީގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާތީ އަސާސީ އެތައް ހައްގެއް ހިފަހައްޓާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ސްޓޭމްޕް ނުޖަހާ ވޯޓު ކަރުދާސް ވެސް ސައްހަ ވާނެ ކަމަށް ތުރުކީގެ އިލެކްޝަން ބޯޑުން އެންމެ ފަހު ވަގުތު ނިންމުމުން ވެސް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

ޖުމްހޫރިއްޔަތަކަށް ތުރުކީ ބަދަލުވި ފަހުން ތުުރުކީގެ ގާނޫނު އަސާސީ އަށް ގެނައި އެންމެ ބޮޑު ބަދަލަށް ރައްޔިތުންގެ ފެންނަން ނުފެންނަ ވޯޓުގައި ބަދަލުތަކަށް ރުހޭ ކަމަށް 51.37 ޕަސެންޓް މީހުން ވަނީ ވޯޓު ދީފަ އެވެ. ގާނޫނު އަސާސީ ބަދަލު ކުރަން ދެކޮޅު ކަމަށް ބުނެފައި ވަނީ 48.63 ޕަސެންޓް މީހުންނެވެ.